ވާހަކަ

ހިތް ރުއްސާނުތޯ

( 27 ޖަނަވަރީ 2022 އާ ގުޅޭ )

ހޫރައިންއަށް ޒެހެންގެ ހިތުގައި ދެވިފައިވާ މަޤާމު މިއުނާއަށް ރަނގަޅަށް އެނގެއެވެ. އެ ދެ ކުދީންގެ މުސްތަޤްބަލާމެދު މިއުނާއަށް ވިސްނާލެވުނެވެ. އެތައް އަންހެނުންގެ ތެރެއިން އެ އަންހެންކުއްޖާ ޒެހެންއަށް ކަމުދިޔުމުން އެކަމާ ވެސް މިއުނާއަށް ވިސްނުނެވެ.

ގޭގައި ސުމައްޔާނޫން މީހަކު ނެތެވެ. ހޫރައިން ވަޒީފާގަވީއިރު އެ ގަޑިއަކީ ޔޫކް ސުކޫލުވާ ގަޑިއެވެ. ސުމައްޔާ އެ އިނީ ޔޫކް ގެންގޮސް ލާފައި އައިހެވެ. އޭނާ ފޯނު ކަންފަތުގައި ޖައްސާލައިގެން އިނެވެ. ގުޅައިގެން އުޅެނީ ހަސީނާއަށެވެ. ހޫރައިންގެ ކައިވެނީގެ ޚަބަރު ސުމައްޔާ ދިނެވެ. ދިގު ކޯލަކަށް އެ ކޯލުވިއެވެ. ޒެހެންއާ ބެހޭ ގޮތުން ހަސީނާއާ ސުމައްޔާ ވާހަކަދެއްކިއެވެ. އެކުވެރިޔާ ގާތު ގެއަށް އައިސްދިނުމަށް ސުމައްޔާ އެދުނެވެ.

ފިނިނޭވާއެއް ހޫރައިންއަށް ދޫކޮށްލެވުނެވެ. މޭޒުމަތީ ވައަތް ދަމާލައި ކަނާއަތް ކުރުކޮށްލައި އަތްމަތީ ހޫރައިން ބޯއަޅާލިއެވެ. މޫނު އަނބުރާލައިގެން އޮތީ ދޮރާ ދިމާއަށެވެ. މަސައްކަތްތައް ނިންމާލި ގޮތަށް އޭނާ އައިސް އެ އިނީ ސައިކޮޓަރީގައެވެ. އެކަނިމާ އެކަންޏެވެ. ދޮރުން ވަންނަން އަންނަ މީހަކު ވަކިނުވާހާ ފުން ޚިޔާލެއްގައި އޭނާ ވިއެވެ. ހެނދުނުހެނދުނާ ޔޫކް ތެދުވާތީ އެކުއްޖާ ފެންނަ ހިސާބު އެނދުކައިރީ އިށީނދެލައިގެން އިންނައިރު އެނދުގައި ބޯއަޅާލައިގެން ނިދުމަކީ ހޫރައިންގެ އާދައެކެވެ. އެކަމަކު މިއަދު އެ ނިދިކޮޅު ޚަރާބުކޮށްލީ ފެނުނު ހުވަފެނެވެ. މާބޮޑަށް ކަމަކާމެދު ވިސްނަންވެއްޖެނަމަ އެހެންވެދާނޭކަން ހޫރައިން ގަބޫލުކުރެއެވެ. އެ ހުވަފެނުގެ އަސްލަކީ އެއީކަން އޭނާ ޔަގީންކުރިއެވެ.

"މަންމައާ ދެކޮޅެއް ނުހެދޭނެ. ހަދައިގެންވެސް ނުވާނެ. އެކަމަކު މަންމަގެ ނިންމުން ވާންޖެހޭނީ ދަރީންގެ އުފަލާއި ހިތްހަމަޖެހުމާ ގުޅިފައިވާ ނިންމުމަކަށް. މަންމަގެ ނިންމުން ބަދަލުވޭތޯ މަސައްކަތްކުރުމަކީ އޮތް ގޮތެއް... މަންމައަށް ވިސްނާ ވެސް ދެވުނީސް..." ހޫރައިންގެ ހިތައް އަރަމުންދިޔައެވެ.

އަޒްހަދު ހުވަފެނުން ފެންނަން ޖެހުނީ ހޫރައިންއަށް ޒެހެންގެ މައްޗަށް ޔަގީންކަން ނެތުމުންކަން އެނގެއެވެ. އަޒްހަދުހެން ފަހުވަގުތު ބަދަލުވެދާނޭ ހޫރައިންއަށް ހީވަނީއެވެ. މަޑުމަޑުން ހޫރައިންގެ ދެ ލޯ މަރާލިއެވެ. މާޒީގެ ތެރެއަށް އޭނާ ފީނައިގަތެވެ. އަޒްހަދު ހަނދާންތަކުގެ ތެރެއަށެވެ. ފަސް އަހަރު ކުރިއަށެވެ.

ހޮސްޕިޓަލުގައި ދުވަސްތައް ހޭދަވެގެންދިޔަ ގޮތެއް ހޫރައިންގެ ހަނދާނަކުނެތެވެ. ހުރިހާކަމެއްވީއިރު އަޒްހަދު މާލެ އަންނަން އޮތީ ހަމަޖެހިފައެވެ. ހޫރައިންގެ ވިހިވަނަ އުފަންދުވަސް އަޒްހަދުގެ ޢާއިލާއިން ފާހަގަކުރަން ނިންމާފައިވަނީ ނުހަނު ކުލަ ގަދަކޮށެވެ. ރާއްޖޭން ބޭރުގައި ކިޔަވަން ހުރި އަޒްހަދު އޭރު ހަދަމުންދިޔަ ކޯހުގެ ފަހު ސެމެސްޓަރ ފެށުމުގެ ކުރީން ޗުއްޓީ ލިބުނެވެ. އެ ޗުއްޓީ ތެރެއަށް ހޫރައިންގެ އުފަން ދުވަސް ދިމާވާތީ އެ ޢާއިލާއިން ބޭނުންވީ ރަންކިޔުމުގެ ހަފުލާ ބާއްވާށެވެ. އެހެންނަމަވެސް ކުރިއަށް ވާނޭގޮތް އެނގެނީ ކާކަށް ހެއްޔެވެ. އަޒްހަދަށް މާލެ އާދެވުނުއިރު ހޫރައިން އޮތީ ހޮސްޕިޓަލުގައެވެ. އެ އާއިލާ ހޫރައިންއާ ބައްދަލުވީ ހޮސްޕިޓަލުން ގެއަށް ފޮނުވާލީ ފަހުންނެވެ. އަޒްހަދުގެ މަންމަ އާތިފާގެ މޫނުން އެހެންޏާ ފެންނަ އުފާވެރިކަމެއް ހޫރައިންއަށް ނުފެނުނެވެ. ހިނިތުންވުންތަކުގައިވަނީ ހަމްދަރުދީއެވެ. އެކަމަކު އަޒްހަދުގެ ޝުޢޫރުތައް ތަފާތުވިއެވެ. ހޫރައިންގެ ކުށެއްނޫންކަން އޭނާ ބުނެދޭން އަވަސްވިއެވެ. ލޯބިވާކަން ހަނދާންކޮށްދިނެވެ. ކައިވެނިކުރަން އަދިވެސް ބޭނުންވާކަން އެ ދުވަހު އަޒްހަދު ބުންޏެވެ. ހޫރައިންގެ އުންމީދު އާވިއެވެ. ހޫރައިންގެ ގޭގައި ރަންކިޔުން އޮތެވެ. ދެފަރާތުގެ ޢާއިލާނޫން އިތުރުބަޔަކުނެތެވެ. އެއީ އެކަން އަޒްހަދުގެ ޢާއިލާއިން ރޭވިގޮތްނޫންކަން އެނގުނީ ފަހުންނެވެ. ތިމާގެ މީހުންނާއި އާއިލާހާ ގާތް ރައްޓެހިންނަށް ދަޢުވަތު ނުދިނީ ހޫރައިންއަށް ޖެހިފައި އިން ހާލުގެ ސަބަބުނޭ ބުނާއަޑު އެހީ އަޒްހަދުގެ ދައްތައެއްގެ ދުލުންނެވެ. އެއީ އެމީހުން ބޭނުންވީ ގޮތެއް ނޫނެވެ. ޢާއިލާގައި ހުރި ހަމައެކަނި ފިރިހެންކުއްޖާއަށް ވެފައި އެންމެ ހަގީ ވެސް އަޒްހަދެވެ. އެމީހުން އޭނާދެކެ ލޯބިވާވަރު ހޫރައިންއަށް އޮޅިފައެއްނެތެވެ.

ހުރިހާކަމެއް ބޮއްސުންލީ ހޫރައިން ބަލިވެއިނީމައެވެ. އަޒްހަދުގެ ޢާއިލާއިން ނިންމީ ހޫރައިންގެ ބަނޑުގައިވީ އުފަންވާން ނުޖެހޭ ކުއްޖެއްކަމެވެ. އެކަމުން ސަލާމަތްވާން އެމީހުން އެދުނެވެ. އެހުރިހާކަމެއް ހިނގަމުންދިޔައިރު ހިމޭންކަމުގައިވީ މަންމައެވެ. ހޫރައިން ކައިރީ ހަދަންވީގޮތެއް ނުބުނަނީ ސުމައްޔާއެވެ. ހޫރައިންގެ ނިންމުން އިވުމުން އަޒްހަދުގެ ޢާއިލާއިން އޭނާ ބަލައިނުގަތީއެވެ. ހޫރައިންއަށް އެއްބާރުލުންދެމުން އައި އަޒްހަދަށް މުހިންމުވީ އޭނާގެ މަންމައާއި އާއިލާއެވެ. ހޫރައިން ކައިރީ އޭނާ ވެސް އެދުނީ އެ ހައްޔަރުން ސަލާމަތްވުމަށެވެ. ފާފައެއްގެ ނިޝާނަކަށްވާއިރު އެކަމުން ފައިދާއެއް ނުކުރާނޭކަން އެ މީހުން ބުނަމުންދިޔައެވެ. އެކަހަލަ ސުންޕާކަމެއް ދުނިޔެއަށް އުފަންކޮށްފިނަމަ އެކުއްޖާ ވާނީ ނުބައިކަންތައް ކުރާނޭ މީހަކަށްކަން ބުންޏެވެ. އަޒްހަދު ކައިވެނި ނުކުރަން ދިޔައީ އެހެންވެއެވެ. ދެ ޢާއިލާގެ ދެމެދުގައި އޮތް ގުޅުން ކެނޑުނީ އެހެންވެއެވެ. ހޫރައިންގެ ބަނޑުގައިވީ ދަރިފުޅު ޚިޔާރުކުރީމައެވެ.

ﷲއަށް ޓަކައި ހޫރައިން އެ ކުޑަކުޑަ ފުރާނަ ޚިޔާރުކުރިއެވެ. ހެޔޮ ޢަމަލުކުރާ ކިޔަމަންތެރި ދަރިއެއްގެ ގޮތުގައި މިދުނިޔެއަށް އެކުއްޖާ އުފަންކުރެއްވުމަށް އޭނާ އެކަލާނގެއަށް ދެންނެވިއެވެ. އޭނާއާއެކު ހުރިހާ ވަގުތެއްގައިވީ ﷲ އެވެ. ދެންއެއަށްފަހު މަންމައެވެ. އޭނާއަށް ޓަކައި މިއަދާ ހަމައަށް އެ މަންމަ ކޮށްދިން އެއްވެސް ކަމެއްގެ އަގު އަދާއެއް ނުކުރެވޭނެއެވެ. ސުވަރުގެއިން އެ މަންމައަށް ގަނޑުވަރެއް ހައްޤެވެ. އަދި އެ ނަފްސު ބަލިކަށިވެ ވަރުބަލިކަމުގައި ދެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަތިއްކަކަށް ސުވަރުގެއިން ފެންއާރެއް ދެއްވުމަށް ހޫރައިން ދަންނަވައެވެ.

އެސްފިޔަތަކުގެ ދޭތެރެއިން ފާޅުވެލި ތެތްކަމާއެކު ހޫރައިން ބޯހިއްލާލިއެވެ. އަވަސްއަވަހަށް ދެ ލޯ ފުހެލިއެވެ. މޭޒުމަތީ އޮތް އަތްދަބަހުގެ ތެރެއިން ފޯނު ރިންގުވީ އެވަގުތެވެ. ފޯނު ނެގިއިރު އޭނާއަށް ގުޅަނީ ޒެހެންނެވެ. މިއަދު އެ ދެ މީހުން އަދި ބައްދަލެއް ނުވެއެވެ. ހޫރައިން ފޯނުކޯލު ނެގިއެވެ. ސަލާން ގޮވާލުމާއެކު ކިހިނެއްތޯ ޒެހެން އަހާލިއެވެ. ހޫރައިން ރަނގަޅުކަމުގައި ބުންޏެވެ.

"ކޮންއިރަކުން މަންމަ ގޮވައިގެން ދާންވީ." ޒެހެން އަހާލިއެވެ.

"މަންމަ..." ހޫރައިންއަށް އިތުރަށް އެއްޗެއް ބުނަން ދަތިވިއެވެ.

"ހޫމް! މަންމަ... އަހަރެންގެ މަންމައާ ހޫރް މީޓްކުރާކަށް ބޭނުމެއްނޫންތަ." ޒެހެން ބުންޏެވެ.

"މަންމަ ގަބޫލުތަ؟." ޖެހިލުންވުމާއެކު ހޫރައިންއަށް އަހާލެވުނެވެ.

"ކީއްވެ ގަބޫލުނުވާންވީ. ތީ އަހަރެންގެ ހޮވުންކަން މަންމައަށް މާކުރީން ވެސް އެނގޭ. މަންމަ ހުރީ ހޫރްއާ މީޓްކުރާހިތުން. އެހެންވީމަ ކޮންއިރަކުން ދާންވީ މަންމަ ގޮވައިގެން."

"ހުކުރު ދުވަސް... ހަވީރު އޯކޭތަ." ހަފްތާ ބަންދު ޖެހިފައި އޮތުމުން ހޫރައިން ބުނެލިއެވެ.

"އަސުރުން ފައިބައިގެން އަހަރެމެން ދާނަން." ޒެހެން ބުންޏެވެ. ހޫރައިން ހޫން ލައްވާލިއެވެ.

ވަގުތުކޮޅެއްގެ ހިމޭންކަން ދެމެދަށް ވެރިވިއެވެ. ކިޔަންވީ ކީކޭކަން ނޭނގިފައި ހޫރައިން އިނެވެ. ޒެހެން ފޯނުކޯލު ކަނޑާނުލާތީ އިސްވެ ކަނޑާލަން ހޫރައިންއަކަށް ނުކެރުނެވެ. ހޫރައިން އެއްޗެއް ނުބުނާނޭކަން ވިސްނި ޒެހެން ވާހަކަދެއްކިއެވެ. ޔޫކްއަށް އޭނާ ތަޢާރަފްކޮށްދޭނީ ކޮންއިރަކުންތޯ ޒެހެން ސުވާލުކުރިއެވެ. ހޫރައިންއަށް ކުއްލިއަކަށް ޖަވާބެއް ނުދެވުނެވެ. އެއާއެކު ޒެހެން އެދުނީ ހުކުރު ދުވަހު ޔޫކްއާ ބައްދަލުކޮށްލަން އޭނާ ބޭނުންކަމެވެ. އެކަމާ ހޫރައިން އެއްބަސްވިއެވެ.

"ހާދަ އެކަނި..." ފަޓުލޫނު ޖީބަށް ފޯނުކޮށްޕާލި ވަގުތު ޒެހެންގެ ކައިރިން އިވުނީ ތަހާނީގެ އަޑެވެ. އެކުވެރިޔާއަށް ލުއި ހިނިތުންވުމެއް ޒެހެން ދިނެވެ.

"ރަހުމާއާ ދެމީހުން ރުޅިވީތަ؟." ޒެހެންގެ ކައިރީ މަޑުކޮށްލުމާއެކު ތަހާނީ އަހާލިއެވެ. ޒެހެން ބޯޖަހާލީއެވެ.

"މެރީ ކުރަން މިއުޅެނީ." ޒެހެން ބުނެލިއެވެ. ތަހާނީއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވިއެވެ. ޒެހެން ނުބުނަނީސް އޭނާއަށް ޒެހެން އިންނަން އުޅެނީ ކާކާކަން ލަފާކުރަން އެނގުނީއެވެ.

"ހޫރްއާ." ޔަގީންކުރަން ތަހާނީ އަހާލިއެވެ. އެއްބަސްވުމުގެ ގޮތުން ހޫން ލައްވާލައި ޒެހެން ބޯޖަހާލީއެވެ.

"ވާއޮ!... އަލްޙަމްދުއްލިއްﷲ!. ކޮންގްރާ އިނގޭ. ފަހަތުން ދުވެ އެންމެ ފަހުން އަތުލައިގަތީ ދޯ." ތަހާނީ ވަގުތުން ބުނެލިއެވެ.

"އަދި އެކަކަށް ވެސް ނޭނގޭނެ." ޒެހެން ބުންޏެވެ.

"ނުބުނަންވީތަ؟" ކަމެއް ދެނަގަންނަހެން ތަހާނީ އަހާލިއެވެ.

"އެއްވެސް މީހެއްކައިރީ ނުބުނެ އިހަށް ސިއްރުކުރެވިދާނެތަ؟" ޒެހެން ވެސް އަހާލީ ސުވާލަކުންނެވެ.

"އާން. ޒެން ހާމަކުރަންދެން ތި ސިއްރު ސިއްރެއްގެ ގޮތުގައި އަހަރެން ބާއްވާނަން. ތޭންކްސް... އަހަރެން ކައިރީ ބުނީމަ. އަސްލުވެސް... ވަރަށް ހެޕީވެއްޖެ. ހޫރް ކޮބާ؟ މިކޮޅުގަ އެބައުޅޭތަ؟."

"އެބައުޅޭ. އޭނާގެ ކުރިމައްޗަށް އަދި ނުދައްޗޭ." އެކުގައި އުޅޭ އެންމެންގެ ތެރެއިން ޒެހެންއަށް އެންމެ އިތުބާރު ހިފޭ އެކުވެރިއަކަށް ފެނުނީ ތަހާނީއެވެ. ހޫރައިންއަށް ފާޑެއްނުކިޔާ ބަލައިގަތް އެކުވެރިޔަކީ ވެސް އޭނާވީމައެވެ. ދެންތިބި އެކުވެރީންނަށް ޒެހެންގެ ނިންމުން ބަލައިގަތުން ދަތިކަމަކަށްވަނީ ވެފައެވެ. ހޫރައިންގެ ފަހަތުން އުޅުން ހުއްޓާލަން އެ މީހުން ޒެހެންގެ ކައިރީ އެތައް ފަހަރަކު ބުންޏެވެ.

"އޯކޭ. އެހެންވީމަ ޕާޓީއަށް ރެޑީވާންވީ ދޯ." ހެވިފައި ހުރެ ތަހާނީ ބުންޏެވެ. ޒެހެން ބޯޖަހާލީ ހިނިއައިސްފަ ހުރެއެވެ. ދެ އެކުވެރީން ދެ ދިމާއަށް ހިނގައިގަތެވެ.

"ލަކީ ޔޫ ގާލް... މިތަނުގެ އެންމެ ހެންޑްސަމް ކުއްޖާ ހޫރް ތިގެންދިޔައީ." ހެވިފައި ހުރެ ހިނގަމުން އައި ތަހާނީގެ ހިތުގައިވިއެވެ. އޭނާ ހަޤީޤަތުގައި ވެސް އެ ހުރީ އިވުނު ޚަބަރުން އެ ދެ ޒުވާނުންނާ މެދު ވެސް އުފަލުންނެވެ. ހޫރައިންދެކެ ޒެހެންވަނީ ހަގީގީ ލޯބިކަން ތަހާނީ ގަބޫލުކުރެއެވެ. އަދި ޒެހެންއަށް އޭނާގެ ލޯބި ލިބުމަށް ވެސް ތަހާނީ އެދެއެވެ. މިއަދު އޭނާގެ އެ އެދުން ވެސް ފުރިހަމަވީތަން ފެނިއްޖެއެވެ.

* * * * *

ހުކުރު ދުވަހެވެ. ހަސީނާ ބުރުގާ ހެޔޮވަރުކުރުމުގައި ލޯގަނޑު ކުރިމަތީ ހުއްޓެވެ. އޭނާ ވާހަކަދައްކަމުން ދިޔައީ އެނދުގައި އިން ހަމްދޫނާއެވެ. އެ ދަރިފުޅު މަޑުކޮށްގެން އެ އިނީ ހޫރައިންމެންގެއަށް މަންމަ ގެންގޮސްދޭން ވެގެންނެވެ.

"ރަނގަޅަށްތަ މަންމަ ތިބުނީ." ހަމްދޫނަށް އަހާލެވުނެވެ.

"އާން. ހީވަނީ މިއަދު ތާރީޚެއް ކަނޑައަޅާނެހެން." ހަސީނާ ބުނެލިއެވެ.

"ކުއްލިއަކަށް... ކިހިނެއް ހަމަޖެހުނުކަމެއްތީ؟. އެއީ ކާކުތޯ ދައްތަ ނުބަލާތަ؟ މަންމަ އެކަމަށް ބާރެއް ނާޅަންތަ؟. ކޮންގެއަކު ކާކުކަން އެނގޭތަ؟." ހަމްދޫނުގެ ނިތަށް ރޫގިނަވެލިއެވެ. ހޫރައިންގެ ކައިވެނީގެ ޚަބަރާއެކު އޭނާގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ.

"ޒެހެން ކިޔަނީ. މަންމަމެންތާ ލެކްޗަރަރއެއް. ރަނގަޅު ކުއްޖެއް. އޭނާ ހޫރްއާ އިންނަން ބޭނުންވީ. މަންމަގެ ހިތް ބުނޭ ހޫރްއަށް ޒެހެން ކަމުދެޔޭ." ހަސީނާ ބުންޏެވެ.

"ހަމަހުރެފަ ކުއްލިއަކަށް. ކީއްވެ؟. ހޫރް ހުންނަ ގޮތް އޭނާއަށް ނުފެނޭތަ؟. ހޫރްއާމެދު ޝައުގުވެރިވާންވީ ކީއްވެ؟. ހާދަ ހީނުވެޔޭ ހޫރްއަށް މީހަކު ކަމުގޮސްގެން އިސްނަގާނެހެން. މީހުންނަށް އިތުބާރުކުރުން އޭނާއަށް ފަސޭހައެއްނޫން. އަދިވެސް އޭރު އެވީ ކަންތަކުން އޭނާ އަރައިނުގަނޭ. ކައިވެންޏެއް ކުރަން ހޫރް ބޭނުންވާނޭ ހިޔެއްނުވޭ." ހަމްދޫނަށް ބުނެވުނެވެ.

"ޝީ އިޒް ނޮޓް ރެޑީ..." ހަމްދޫނުގެ ހިތް ބުނެލިއެވެ.

ހޫރައިންގެ ކައިވެންޏާމެދު ހަމްދޫނު ޝައުގުވެރިވެއްޖެއެވެ. ޒެހެންއަކީ ކާކުތޯ ބަލަން އޭނާ ބޭނުމެވެ. ހޫރައިންގެ ދިރިއުޅުމަށް އެ މީހަކު ވަންނަން ބޭނުންވާ ސަބަބު އެނގެން ހަމްދޫނު ބޭނުމެވެ. އެއާއެކު ހަމްދޫނުގެ ހަނދާނަށް އައީ އެންމެފަހުން ހޫރައިން އެގެއަށް އައިދުވަހު އޭނާ ދެއްކި ވާހަކަތަކެވެ. ކައިވެންޏެއް ކުރާން ނުވިސްނަންތޯ ޚުދު ހަމްދޫނު އެ ދުވަހު ސުވާލުކުރިއެވެ. އޭނާއަށް ނިތްކުރީގައި ކަނާއަތްތިލަ ޖައްސާލެވުނެވެ. މަޑުމަޑުން ފިރުމާލެވުނެވެ. އޭނާގެ ސަބަބުން ހޫރައިން ވިސްނުމެއްނެތި ކަމެއް ކުރާން އުޅެނީބާއޭ ހަމްދޫނު ހިތަށް އެރިއެވެ.

ހަސީނާ ގޮވައިގެން ހަމްދޫނު މ.އަޝަރީވިލާއަށް އައެވެ. ސައިކަލު ޕާކުކޮށްލީ މަންމައާއެކު އެގެއަށް ވަންނަން ހަމްދޫނު ގަސްދުކުރީމައެވެ. އެކަމާ ހައިރާންކަން ހަސީނާ ފާޅުކުރިއެވެ.

"ދައްތައާއި ހޫރްއަށް ގޮވާލާފައި ދާނީ. ޔޫކް ނުދެކޭތާ ވަރަށް ދުވަސްވެއްޖެ." ހަމްދޫނު ބުނެލިއެވެ. ދެމައިން ދޮރޯށި ދޮށުގައި މަޑުކޮށްލައިގެން ތިއްބާ ދޮރޯށި ހުޅުވީ ސުމައްޔާއެވެ.

"ހަމްދޫނު ވެސް ގޮވައިގެންތަ؟." ސުމައްޔާއަށް އަހާލެވުނެވެ.

"ވަދެލާފައޯ ދާނީ." ހަސީނާ ބުނެލިއެވެ. ސުމައްޔާ ހިނިތުންވެލީއެވެ. އޭގެ ދެމައިން ވަނުމަށް ދޮރޯށި ބޮޑަށް ހުޅުވާލައި ދޮރު ހިފަހައްޓާލައިގެން ހުއްޓެވެ. ދެން ދޮރޯށި ލައްޕާލައި އެ މީހުންގެ ފަހަތުން އައިސް އޭނާ ގޭތެރެއަށް ވަނެވެ.

"ހޫރްވީ ކޮޓަރީގަ. ޔޫކް ރީތިކުރަނީ." ހަމްދޫނަށް ބަލާލައި ސުމައްޔާ ބުނެލިއެވެ.

"ދައްތާ... ގޮސް ގޮވާލިޔަސް އެންމެ ރަނގަޅުތަ." ހަމްދޫނު އަހާލިއެވެ. ސުމައްޔާ ބޯޖަހާލައި ކޮޓަރި ދައްކާލިއެވެ.

"ހޫރް ކައިވެނި ކުރަނީއޭ ބުނީމަ ގަބޫލުނުކުރެވިގެން އެ އުޅެނީ." ދަރިފުޅުގެ ހަރަކާތްތައް ސުމައްޔާއަށް ދޭހަކޮށްދިނުމަށް ހަސީނާ ބުނެލިއެވެ. ސުމައްޔާ ހީނލީއެވެ.

"ކޮބާއެމީހުން." ހަސީނާ އަހާލީ ސޯފާގައި އިށީންނަމުންނެވެ.

"މިހާރު އަންނަން އުޅޭނެ. މަންމަ އެކަންޏޭ ބުނި ހުންނަނީ. މަންމަ ގޮވައިގެން އަންނަނީ. ހަސީ! އަހަންނަށް އަދިވެސް ގަބޫލުނުކުރެވިފަ މިހުންނަނީ. އަހަރެންގެ ހޫރްގެ ކައިވެނި ކުރެވެންތަ މިއުޅެނީ."

"އަލްޙަމްދުލިއްﷲ! ސުމައްޔާ ކުރަމުންއައި ދުޢާ އިޖާބަކުރައްވައިފި. އިންޝާﷲ... ކައިވެނި ކުރެވޭނެ. ލަހެއްނުވެ އަހަރެމެންގެ އެ ދަރިފުޅަކީ މީހެއްގެ އަނތްބަކަށްވާނެ." އުފަލުން އެކުވެރިޔާގެ އަތުގައި ހިފައި ހަސީނާއަށް ތަޅުވައިލެވުނެވެ.

ކޮޓަރީގައި ޓަކި ޖަހާލި އަޑާއެކު ހޫރައިން މި ނުކުންނަނީއޭ ބުނެލިއެވެ. އެނދުމަތީ ކޮޅަށް ހުރި ދަރިފުޅު އުރާލައި ތަޅުންމަތީ ބެހެއްޓިއެވެ.

"ޒެން އައީތަ؟." ޔޫކް އަހާލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު ހިނދު ހަމްދޫނުގެ ނަޒަރު ހޫރައިންއާ އަމާޒުވެލިއެވެ. ނުކުންނަން އުޅެފައި ހޫރައިން މަޑުޖެހުނީއެވެ. އެ ގަޑީގައި އެ ގެއިން ހަމްދޫނު ފެނުމުން ސުވާލު އުފެދުނެވެ. މަންމަ ހަސިންތައަށް ދަޢުވަތު ދިންކަން އެނގެއެވެ. އެކަމަކު ހަމްދޫނު ބައިވެރިވާނޭކަމެއް ނުބުނެއެވެ.

"މެރީކުރަނީތަ؟." ހަމްދޫނު އަހާލިއެވެ. (ނުނިމޭ)