ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތުރުކީއާއެކު ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

Jan 30, 2022

ތުރުކީއާ އެކު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރުމަށް އެގައުމުގެ ފޮރިން މިނިސްޓަރު މެވްލުތު ޝަވުޝުގްލު އާއި ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުން ޝައުގުވެރިވާ ދާއިރާތަކުން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި އިގްތިސޯދީ ގޮތުން ގުޅުން ބަދަހިކުރުމާއި، ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަން ވަރުގަދަކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމާއި، އުމްރާނީ ތަރައްގީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ރައީސް ވަނީ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އަނިޔާވެރިކަމާއި، ހައްދުފަހަނަ އަޅާ ދިޔުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ކޮވިޑް ވެކްސިން ކެމްޕޭނަށް ތުރުކީ ސަރުކާރުން 20،000 ޑޯޒުގެ ސިނޮވެކް ވެކްސިން ހަދިޔާކޮށްފައިވާތީ އެކަން ފާހަގަކުރައްވާ އެގައުމުގެ ސަރުކާރަށް ރައީސް ވަނީ މި ބައްދަލުވުމުގައި ޝުކުރު އަދާކުރައްވާފަ އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ވިދާޅުވެފައި ވަނީ ދެ ގައުމަށް މަންފާ ލިބޭ ކަންކަމުގައި ކުރިއަށް ދިއުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދިވެހި ސަރުކާރުން މިއަދު ވަނީ ތުރުކީ ސަރުކާރާ އެކީ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުންތަކުގައި މެވްލުތުގެ އިތުރުން ސަރުކާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ދާއިރާތަކާ ގުޅޭ މިނިސްޓަރުންނެވެ.