ށ. ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިއަދު ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގަތެވެ.
މި އެއްބަސްވުމުގެ ދަށުން ކޮމަންޑޫގައި ގާއިމްކުރާ އައިސްޕްލާންޓްގައި 25 ޓަނުގެ އައިސް އުފައްދާނެ އެވެ. އަދި 50 ޓަނުގެ އައިސް ރައްކާކުރުމުގެ ކެޕޭސިޓީ ވެސް ހުންނާނެ އެވެ.
މި މަސައްކަތް ފެނަކައާ މިއަދު ހަވާލުކޮށްފައި ވަނީ ހަ މަސް ތެރޭގައި ނިންމުމަށްފަހު މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.