އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ، ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ މާވިން އާއި ލަމްހާ އަށް، ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ އަދި ރަޖިސްޓްރޭޝަން ބާތިލްކޮށް، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލްގެ ދަފްތަރުން ދާއިމީކޮށް އެ ދެ މީހުންގެ ނަން އުނިކޮށްފައިވާ ކަމަށެވެ.
ލަމްހާއާއި މާވިންގެ ހުއްދަ ބާތިލްކުރީ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް މިމަހުގެ ހަތަރުވަނަ ދުވަހު ދައުވާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިނިސްޓްރީއަށް މައުލޫމާތު ހިއްސާކުރުމުން ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.
މޭރީގެ މަރުގެ މައްސަލާގައި އުމުރުން 30 އަހަރުގެ މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ. ލަމްހާ ހައްޔަރުކުރީ މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ.
މޭރީއާއި މާވިންއާއި ލަމްހާ އަކީ އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުހުންނެވެ. މާވިން އާއި ލަމްހާ މަސައްކަތް ކުރަމުން ދިޔައީ އެއް ޔުނިޓެއްގައެވެ.
ދައުލަތުން މާވިންގެ މައްޗަށް ކޮށްފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.
މޭރީ މަރަން ރޭވުމާއި، މަރު ފޮރުވުމާއި، ކުށް ކުރުމަށް ރޭވުމާއި، ކުށެއް ކުރުމަށް އެދުމާއި، ކުށްކުރުމުގެ އާލާތް އަތުގައި ހުރުމާއި އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ވެސް ލަމްހާގެ މައްޗަށް ދައުލަތުން ކުރެ އެވެ.
މާވިން އާއި ލަމްހާގެ ޝަރީއަތް ފަށާފައިވާއިރު ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވިން އާއި ލަމްހާއާ ދެމެދު ކޮށްފައިވާ މެސެޖުތަކެގައި، މޭރީގެ ގަޔަށް އިންޖެކްޝަން ޖަހާއިރު ސަމާލުވުމަށް ލަމްހާ އެދިފައިވާ ކަމަށް ބުނެފަ އެވެ. މޭރީ މަރާލުމަށް ރާވާއި އެކަން ކުރަން މާވިންއަށް މަގުފަހިކޮށްދިނީ ލަމްހާ ކަމަށްވެސް ދައުލަތުން ބުނެފައިވެ އެވެ.
މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފަ އެވެ. ފުލުހުން ބުނީ މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަަށް ނުބެލެވޭ ކަމަށެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން މަރުވީ ކަމަަށް ކަމަށެވެ.
މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގަ އެވެ. ދަރިފުޅު މިހާރު ވަނީ މެރީގެ އާއިލާއާ ހަވާލުކޮށްފަ އެވެ.