އިންޑިޔާގައި އަންނަ ބުދަ ދުވަހު ފަށާ ސާފް ސުކުޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ބަލި ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަމާޒަކީ މުބާރާތް ކާމިޔާބު ކުރުން ކަމަށް ބަނގްލަދޭޝުން ބުނެފި އެވެ.
މުބާރާތުގައި ބަނގްލަދޭޝް ހިމެނެނީ ރާއްޖެ އާއި އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާނާއި ބޫޓާނާ އެއް ގްރޫޕެއްގަ އެވެ.
"ރާއްޖެ އަކީ ވަރުގަދަ ޓީމެއް. ތަޖުރިބާކާރު އަދި މޮޅު ކުޅުންތެރިން ރާއްޖޭގައި އެބަތިބި. އަހަރުމެންގެ އެބަހުރި އެ މީހުން ބަލިކުރެވޭނެ ފެންވަރު،" މުބާރާތަށް އިންޑިޔާ އަށް ފުރުމުގެ ކުރިން ބަނގްލަދޭޝްގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު މައުރޫފުލް ހައްގު ބުންޏެވެ.
2003 ވަނަ އަހަރު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށް މުބާރާތުގެ ތަށި ހޯދި ބަނގަލްދޭޝް އިން ބުނީ ގްރޫޕް ބީގައި އެންމެ ވަރުގަދަވާނީ އަފްގާނިސްތާން ކަމަށެވެ.
"އެމީހުން ބަލިކުރެވިއްޖެނަމަ މުބާރާތުގެ ދެބައިކުޅަ އެއްބައި ކާމިޔާބު ކުރެވުނީ. އަފްގާނިސްތާނަކީ އެއްވެސް ޝައްކެތްނެތް ވަރުގަދަ ޓީމެއް. އެއީ އެންމެ ފަހުގެ ޗެމްޕިއަން. އަހަރުމެން ވަނީ އެމީހުންގެ ރަނގަޅު އަދި ދެރަކަންކަން ބަލާފައި. އަހަރެން ގަބޫލު ކުރަނީ އެމީހުން ބަލިކުރެވޭނެ ކަމަށް،" މުބާރާތުގެ ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ނުކުންނަން ޖެހޭ ޓީމުގެ ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ބޫޓާނަކީ ބަލި ޓީމެއް ކަމަށް ނުބަލާނެ ކަމަށާއި އެ ގައުމު ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށެވެ.
ކޯޗު ބުނީ މުބާރާތައް ތައްޔާރުވާން 38 ޕްރެކްޓިސްކޮށް ރަހުމަތްތެރިކަމުގެ މެޗެއްގައި ނޭޕާލް ބަލިކޮށްފައިވާއިރު ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.
"ފިޒިކަލީ އަދި މެންޓަލީ ގޮތުން ވެސް ޓީމު ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އަހަރުމެން ކުޅޭނީ އެންމެ ފޯވަޑަކު ކުރީގައި ބަހައްޓައިގެން. އެހެންވެ ދެ ފޯވަޑުން ޓީމުގައި ހިމެނީ. އަދި މިޑްފީލްޑަރުންނާއި ޑިފެންޑަރުންގެ ތެރޭގައި އެބަތިބި ފޯވަޑުންނަށް ކުޅެވޭނެ ކުޅުންތެރިން ވެސް،" ކޯޗު ބުންޏެވެ.
އޭނާ މިހެން ބުނީ ޓީމުގެ ތަޖުރިބާކާރު ދެ ފޯވަޑުން ކަމަށްވާ ޝައިހް ރުސެލް އާއި ތަޖުރިބަކާރު ފޯވަޑް ޖާހިދު ހަސަން އަމޭލީ އަނިޔާގެ ސަބަބުން ޓީމުން ބާކީކުރަން ޖެހުމުންނެވެ.