ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ކުޑަކުދިންގެ ޖުވެނައިލް ޑިޓެންޝަން ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މި ސެންޓަރު ހުޅުވާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ ކ. ހިންމަފުށީ އައްސޭރި ޖަލުގަ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހެދުމަކީ ހޯމް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތެކެވެ.
މި ސެންޓަރު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ. މިރަސްމިއްޔާތުގައި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އިބްރާހިމްގެ އިތުރުން ހިންމަފުށީ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެެވެ.
ކުށް ކުރާ ކުޑަކުދިން މީގެކުރިން ވެސް ބައިތިއްބަމުން ދިޔައީ އައްސޭރި ޖަލުގެ ވަކި ބައެއްގަ އެވެ. އެކަމަކު އެތަނަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް އެޗްއާރްސީއެމް އިން ކަނޑައަޅާފައިވެ އެވެ. އެޗްއާރްސީއެމްގެ އެ ނިންމުމަށް ރިއާޔަތްކޮށް ޖުވެނައިލް ކޯޓުން މީގެކުރިން ވަނީ މަރުގެ މައްސަލައެއްގައި އައްސޭރި ޖަލުގައި ތިބި ދެ ކުދިން ގޭބަންދަށް ވެސް ބަދަލުކޮށްފި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކުށް ކުރާ ކުދިން ބަންދުކޮށްފައި ބޭއްތިއްބުމަށް ހާއްސަ މަރުކަޒުތަކެއް ހެދުމަށް ލާޒިމުކޮށްފައިވެ އެވެ. އަދި މިއަހަރުގެ މާޗު މަހުގެ ނިޔަލަށް އެ މަރުކަޒުތައް ނިންމަން ވެސް ޖެހެ އެވެ.
މި ސެންޓަރުގެ ކޮންމެ ގޮޅިއެއްގައި ދެ ކުދިންގެ ޖާގަ ހުންނަ އަށް ގޮޅި ހަދާފައިވެ އެވެ. އަދި މި ސެންޓަރަށް ހާއްސަކޮށްގެން 16 އޮފިސަރަކު ތަމްރީންކޮށްފައިވެ އެވެ. އެކަމަކު މިވަގުތު ޑިއުޓީ ކުރާނީ ޖުމްލަ ހަތް އޮފިސަރުންނެވެ.
ހޯމް މިނިސްޓްރީން ގެންދަނީ ދ. ކުޑަހުވަދޫގައި ވެސް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.