ލައިފްސްޓައިލް

ކައިވެނީގައި 86 އަހަރު ދެމި ތިބުމުގެ ރެކޯޑް އެމެރިކާ ދެމަފިރިއަކަށް

ކައިވެންޏަކީ މަލުގެ ދާނެއް ނޫނެވެ. ދިގު މުއްދަތަކަށް ދެމިގެންދާ ކައިވެނި ތަކުގައި ވަރަށް ގިނަ އަޑިގަނޑުތަކާއި އުސްގަނޑުތައް އަންނާނެކަން ޔަގީނެވެ. ނަމަވެސް އެ ކައިވެންޏަކީ ކާމިޔާބު އެއްޗަކަށް ވަނީ އެ ހުރިހާ އަޑިގަނޑުތަކާއި އުސްގަނޑުތައް ވެސް ދެ މީހުން އެކަކު އަނެކަކުގެ އަތުން ދޫނުކޮށް ގިރާކުރެވިއްޖެ ނަމަ އެވެ.

ގިނިސް ވޯލްޑް ރެކޯޑްސް ވެބްސައިޓްގައިވާ ގޮތުން އެންމެ ގިނަ ދުވަހު ކައިވެނިކޮށް ދިރިއުޅުނު ދެމަފިރިންގެ ރެކޯޑް އޮތީ އެމެރިކާގެ ހާބާޓް ފިޝާ އާއި އޭނާގެ އަންހެނުން ޒެލްމީރާ ފިޝާ އަށެވެ. މި މީހުން 1924 ގައި ކައިވެނިކުރި ގޮތަށް 86 އަހަރާއި 290 ދުވަހު ކައިވެނި މަތީގައި ދެމި ތިބެފައި ވެއެވެ. އެހާ ގިނަ ދުވަސް ފަހުން ވެސް އެމީހުން ވަކިވާން ޖެހުނީ ވަރިއަކުން ނޫނެވެ. ދެ މީހުންގެ ކައިވެންޏަށް ނިމުން އައީ ފެބްރުއަރީ 2011 ގައި ހުބާޓް މި ދުނިޔެއާ ވަކިވުމުންނެވެ.

ހާބާޓް އާއި ޒެލްމީރާ ކައިވެނި ހުރިއިރު ހާބާޓް އަށް 18 އަހަރެވެ. ޒެލްމީރާ އަށް 16 އަހަރެވެ. އެމެރިކާގެ ނޯތު ކެރޮލައިނާގައި ދިރިއުޅުނު މި ދެމަފިރިން ދެވަނަ ބޮޑު ހަނގުރާމައިގެ ބިރުވެރި ދުވަސްތައް ތަޖުރިބާ ކުރި އެވެ. ގްރޭޓް ޑިޕްރެޝަންގެ ދުވަސްތައް ވެސް އެމީހުން ދުއްޓެވެ. އަދި ސިވިލް ރައިޓްސް މޫވްމަންޓް ފަދަ ދުވަސްތައް ވެސް އެމީހުންނަށް ވަނީ ފެނިފަ އެވެ. އެ ދެމަފިރިންގެ ދެގޮތެއް ނުވާ ލޯތްބާއި ބަދަހި ކައިވެނީގެ ގުޅުން ފާހަގަ ކުރުމުގެ ގޮތުން 2010 ގައި އޭރު އެމެރިކާގެ ރައީސަކަށް ހުންނެވި ބަރަކް އޮބާމާ ސޮއި ކުރައްވާ ޚާއްސަ ލިޔުމެއް ދެމަފިރިންނަށް ދީފައި ވެއެވެ.

މިހާރު މި ދެމަފިރިން ވެސް ދުނިޔެއަކު ނެތެވެ. ދުނިޔޭގައި މި ވަގުތު ތިބި މީހުންގެ ތެރެއިން އެންމެ ގިނަ ދުވަހު ކައިވެނި ކޮށްގެން ތިބި ދެމަފިރިންގެ ރެކޯޑް އޮތީ އެމެރިކާގެ ޔޫޖީން ގްލާޑޫ އާއި ޑޮލޮރެސް ގްލާޑޫ އަށެވެ. ޖުލައި 2021 ގައި މި ދެމަފިރިންނަށް މި ރިކޯޑް ގާއިމް ކުރެވުނުއިރު އެމީހުންގެ ކައިވެންޏަށް 81 އަހަރާއި 57 ދުވަސް ވެއްޖެ އެވެ.

ދުވަސްވީ މީހުންނަށް ޚާއްސަ ފެސިލިޓީއެއްގައި ދެ މީހުން ދިރިއުޅެމުންދާއިރު އަދިވެސް އެމީހުން އެކަކު އަނެކަކާ އެކު ދަތުރުކުރުމާއި ނެށުމާއި މަޖާ ކުރުމަށް ލޯބިކުރެ އެވެ.

ޔޫޖީން އާއި ޑޮލޮރެސްގެ ކައިވެންޏަށް ވީހާ ދުވަސް ނުވިޔަސް އުމުރުން އެންމެ ދުވަސްވީ ދެމަފިރިންގެ ތެރެއިން އެންމެ ގިނަ ދުވަހު ކައިވެނިކޮށްގެން އުޅުނު ދެމަފިރިންގެ ރެކޯޑް އޮތީ އިކުއެޑޯގެ ދެމަފިރިއަކަށެވެ. އުމުރުން 110 އަހަރުގެ ޖޫލިއާ ސީޒާ މޯރާ ޓާޕިއާ އާއި 105 އަހަރުގެ ވަލްޑްރަމީނާގެ ކައިވެންޏަށް 79 އަހަރު ވެއްޖެ އެވެ.

ދެމަފިރިން ބައްދަލުވީ 1934 ވަނަ އަހަރު އެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ލޯބި ވެވުނެވެ. އަދި 1941ގައި ކައިވެނިކުރި ގޮތަށް އަދިވެސް ދެމަފިރިންގެ ލޯބި ވަރަށް ވަރުގަދަ އެވެ.