މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ބޭނުމަށް 75 ސައިކަލް ހޯދަނީ

Jan 31, 2022
2

ފުލުހުންގެ ބޭނުމަށް 125ސީސީގެ 75 މޮޓޯސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދު މެންދުރުފަހު 2:00ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީން ވާން ޖެހޭނެ ކަމަށެވެ.

ރަޖިސްޓްރީވުމުން ނަންބަރެއް ޖަހާފައިވާ ސްލިޕެއް ލިބޭނެ ކަމަށާއި ސްލިޕް ނެތް ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ކަމަށް އިއުލާންގައިވެ އެވެ.

ބީލަމުގެ ކުރިން މައުލޫމާތު ދިނުމަށް ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސާފައެއް ނުވެ އެވެ. އެކަމަކު ބީލަމާ ގުޅޭ އެއްވެސް މައުލޫމާތެއް އޮޅުންފިލުވަން ބޭނުންވާނަމަ މިއަދު ހަވީރު 4:00ގެ ކުރިން އީމެއިލް ކޮށްގެން އެ މައުލޫމާތު ސާފުކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

ބީލަން ހުށަހެޅުމާ ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ ހަވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ފުލުހުންގެ އިސްކަންދަރު ކޮށީގަ އެވެ.

ފުލުހުންގެ ބޭނުމަށް އެއް ފަހަރާ ގިނަ އަދަދެއްގެ ސައިކަލް ހޯދާ ވަކި ސަބަބެއް ފުލުހުން ބުނެފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ގެންދަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކު ފުލުހުންގެ ހިދުމަތް ގާއިމުކޮށް ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.