އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތް އިތުރު ފުޅާކުރުމަށްޓަކައި 100 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން ނިންމައިފި އެވެ.
އެމްޓީސީސީގެ މީޑިއާ އޮފިޝަލް އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފެށުމާ އެކު އިތުރު ބަސްތައް އެ ކުންފުންޏަށް ބޭނުންވާ ކަމަށެވެ. އެހެންވެ ހިދުމަތް ފުޅާކުރުމަށް އާ ބަސްތަކެއް ހޯދުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާ ކަމަށެވެ.
އަލަށް ގެންނަ ބަސްތަކުގައި މަސައްކަތް ކުރަން އެމްޓީސީސީ އަށް 100 އަށް ވުރެ ގިނަ މުވައްޒަފުން ބޭނުންވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި އަހަރުގެ މެދުތެރޭގައި ބަސް ޑްރައިވަރުންނާއި ބަސް އެޓެންޑެންޓުންގެ މަގާމަށް މީހުން ހޯދުމަށް އިއުލާން ކުރަން އެމްޓީސީސީން ވަނީ ނިންމާފަ އެވެ.
ވަޒީފާ ދިނުމުގައި އަންހެން ކުދިންނަށް ހާއްސަކޮށްގެން ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެމްޓީސީސީގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.
އެމްޓީސީސީން ވަނީ މާލޭ ސަރަހައްދާއި އަތޮޅުތެރޭގައި ސްކޫލް ކުދިންނަށާއި 65 އަހަރުން މަތީގެ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވެސް މިދިޔަ އަހަރުން ފެށިގެން ހަމަޖައްސާފަ އެވެ.
އެމްޓީސީސީން ބަހުގެ ހިދުމަތް ދެނީ މާލޭ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކުގަ އެވެ.