މާލޭ ސިޓީ ކައުންސިލް

ބުޅާ ފެސިލިޓީ ހަދަން އަނެއްކާވެސް އިތުރު ފުރުސަތެއް

Jan 31, 2022
2

މާލެ ސިޓީއަށް ދޫކޮށްލާފައިވާ ބުޅާތައް ގެންގުޅުމަށް ހާއްސަ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާންގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލް އިދާރާ އިން މިމަހު ކުރި އިއުލާންގެ މުއްދަތު އިތުރުކުރި ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ. މިއީ އިއުލާންގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ.

ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ބުޅަލަށް ހާއްސަ ފެސިލިޓީ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މަސައްކަތް ކޮށްދޭނެ އަގު ހުށަހެޅުމަށް މިހާރު ދީފައިވާ އެންމެ ފަހު ތާރީހަކީ މިއަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަސް ކަމަށެވެ.

ސިޓީ ކައުންސިލުން ބޭނުންވަނީ އެ ކައުންސިލުން ހަމަޖައްސާ ތަނެއްގައި ބުޅާތައް ގެންގުޅެ ބަލަހައްޓާނެ ފެސިލިޓީއެއް އަމިއްލަ ތަކެތީގައި ހަދާ، އެތަން ހިންގައިދޭނެ ބައެކެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި ބުޅާ ފެސިލިޓީ ހަދާނީ އެޗްޑީސީއާ ވާހަކަދައްކައިގެން ހުޅުމާލެ އިން ލިބޭ ބިމެއްގަ އެވެ.

މުއިއްޒު ވިދާޅުވީ މާލެތެރޭގައި ބުޅާ ގިނަވެ އެކަމުގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާ އެއީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. މާލެތެރޭގައި އުޅޭ ބުޅާތަކަށް އަޅާލުމާއި ރައްކާތެރިކަން ދިނުމުގައި ތަަޖުރިބާކާރުން އެހީތެރިކަން ހޯދާނެ ކަމަށާ އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެެރެއިން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެެ.

"އަޅުގަނޑުމެން ކައުންސިލުން ދެކެނީ އެއީ ވެސް އަޅައިލަން ޖެހޭ ރައްކާތެރިކަން ލިބެންޖެހޭ ޖަނަވާރެއް ކަމަށް. އެހެންވީމަ ބުޅާތަކާމެދު އިންސާނިއްޔަތު ކަމާއެކު ކަންތައްތައް ކުރެވޭނެ ގޮތްތައް ހޯދާ ކަމާބެހޭ މާހިރުންގެ ލަފަޔާއެކުގައި ހެދިފައި ހުރި ގާނޫނުތަކުގެ އިމުގެ ތެރެއިން މާލެ ސިޓީގެ ތެރޭގައި އާންމުންނަށް މިހާރު މި އުނދަގޫވާ ގޮތަށް އޮތް މައްސަލައަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަަސައްކަތެއް ކުރަން ވަނީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީގައި އުޅޭ ބުޅާތަކަށް ހާއްސަ ފެސިލިޓީއެއް ހަދާ ކަމަށް މުއިއްޒު ވިދާޅުވުމާ ގުޅިގެން މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ އެއީ ކައުންސިލްގެ މިދިޔަ ދައުރުގައި ކުރަން ނިންމާ އަދި ބައެއް މަސައްކަތްތައް ފެށިފައިވާ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ.