މަސްތުވާތަކެތި

ޑްރަގާއެކު ވީއައިއޭއިން މީހަކު ހައްޔަރުކޮށްފި

Jan 31, 2022
2

ވައިގެ މަގުން އަތޮޅުތެރެއަށް މަސްތުވާތެކެތި ގެންދަން އުޅުނު މީހަކު ހުއްޓުވާ އޭނާ ހައްޔަރުކޮށްފި އެވެ.

ދިވެހީންގެ މައި އެއާޕޯޓް ވީއައިއޭ އިން އެ މީހާ ހުއްޓުވާ ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއާ ފޮޓޯ ވަނީ އާންމުވެފައެވެ.

މިއަދު ހަވީރު އެ ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ މަސްތުވާތަކެތި ގެންގުޅުނު މީހާ ހުއްޓުވަން މަސައްކަތް ކުރުމުން ފިލަން އުޅެފައިވާ ކަަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސީޕްލޭން ކައުންޓަރުތައް ކައިރީ ހުންނަ "ދޮވެމި" ފިހާރަ ކުރިމަތިން ކަހަލަ ގޮތަކަށެވެ.

އޭނާ ހައްޔަރުކުރުމަށް ފަހު ފަހަތަށް ބިޑި އަޅައިގެން ގެންދާ މަންޒަރުވެސް ފެނެއެވެ. އަދި އޭނާ ހައްޔަރު ކުރިއިރު އެ ސަރަހައްދުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ކުޑިތަކެއް އެޅިފައިވާ މަންޒަރުވެސް ފެނެއެވެ. މަންޒަރު ދުށް މީހުން ބުނީ އޭނާ ގެންގުޅުނު ޕެކެޓް ފެޅުނީ ފިލަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ މީހާ ހައްޔަރު ކުރީ ކުލަ ހެދުމުގައި ތިބި ފުލުހުންނެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުންނާއި ސުވާލު ކުރުމުން ވަކި އެއްޗެއް ނުބުނެއެވެ.