އަހުމަދު ޝިޔާމް

ހުކުމް އަވަސްކުރި މައްސަލަ ޖުޑިޝަރީ ކޮމެޓީން ބަލައިދޭން އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލާ ޝަރީއަތަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތްކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހައިޖެކްކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ބަލައިދިނުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެދިވަޑައިގެންފި އެވެ.

ޝިޔާމް މިކަމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ. ޝިޔާމްގެ ސިޓީގައި ރައީސް ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓްގައި ޖަނަވަރީ 27ގައި ބޭއްވުނު އަޑުއެހުމުގައި އެކުލަވައިލި ތާވަލަށް ބޮޑު ބަދަލެއް ގެނެސް އެ މައްސަލާގައި ޖޫން މަހު ހުކުމްކުރާ ގޮތަށް ނިންމާފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ނިންމުމަކީ ސަރުކާރުގެ ނުފޫޒުން ނިންމާފައިވާ ނިންމުމެއް ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

ދައުވާގެ އަޑުއެހުންތައް ނިންމާ ހުކުމްކުރުން މީގެ ކުރީން އެކުލަވައިލި ތާވަލުގައި އޮތީ ނޮވެންބަރު 25 ކަމަށްވެސް ޝިޔާމްގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީނާމެދު މިގޮތަށް އަމަލުކޮށްފައިވާއިރު އެމްއެމްޕީއާރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ޝަރީއަތް ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ ކަމަށާ ކޯޓްތަކުން ކުރާ ޝަރީއަތަކީ ހުރިހާ އެންމެނަށްވެސް އަދުލުވެރިކަމާ އިންސާފުވެރި ކަމާއެކު ކުރެވޭ ޝަރީއަތްތަކަށް ވާން ޖެހޭނެ ކަމަށް ޝިޔާމްގެ ސިޓީގައި ވިދާޅުވެފައެވެ. ނަމަވެސް މިހާރު ފެންނަނީ ސަރުކާރުން ކޯޓްތަކުގެ ތެރެއަށް އަތްބާނާ ރައީސް ޔާމީންގެ ހައްގުތަކަށް އަރައިގަނެ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ ހައްގު ނިގުޅައިގަންނަމުންދާ މަންޒަރު ކަމަށްވެސް ވިދާޅުވެފައިވެއެވެ.

".. އެހެން ކަމުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލަ ކުރިއަށް ނުގެންގޮސް ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ދައުވާ އުފުލާ ޝަރީޯއަތަށް އަތްބާނާ ޖޭއެސްސީ ހައިޖެކް ކޮށްގެން އުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީޯ ކޮމެޓީން ބައްލަވާ ދެއްވުން އެދެމެވެ،" ޝިޔާމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އާދަމް އާސިފް މިއަދު އަވަސްއަށް ވިދާޅުވީ އެންމެ ފަހުން އާރަށު މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެދެއްވި ތާވަލަށް ބަދަލުގެނެސް އެކަން މިހާރު އެބޭފުޅުންނަށް އަންގަވާފައިވާ ކަމަށެވެ.

އާސިފް ވިދާޅުވީ ހުކުމް އިއްވުމަށް މިހާރު ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ. އެގޮތަށް ބަދަލުކުރުމަށްފަހު އަންގާފައި ވަނީ ވަކީލުންނާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މައްސަލައިގެ ހުކުމް އިއްވުމަށް ކުރިން ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ.

މީގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދެ ދައުވާގެ އަޑުއެހުންތަައް ނިންމައިލުމަށް ފަހު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހު ހުކުމް ކުރުމަށް ނިންމައި ވަކީލުންނަށް ވަނީ އަންގާފައެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.