އެމްޓީސީސީ

ހައި ސްޕީޑް ފެރީ ނިޒާމުގެ ހަތަރު އުޅަނދު ހަވާލުކޮށްފި

Jan 31, 2022

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު" މަޝްރޫއުގެ ދަށުން ގަލްފް ކްރާފްޓުން ބަނދެފައިވާ ހަތަރު ހައި ސްޕީޑް ފެރީ މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެެވެ.

އެމްޓީސީސީން ބުނީ މިއަދު ހަވާލުކުރި ހަތަރު ފެރީ މާދަމާ ހދ. އަތޮޅަށް ފުރާނެ ކަމަށެވެ. ފެރީތައް ހދ. އަތޮޅަށް ދިއުމަށްފަހު ރަސްމީ ދަތުރުތައް ފަށާނީ ދަތުރުކުރާ ރޫޓުތަކުގައި ޓެސްޓު ދަތުރުތަކެއް ކުރުމަށްފަހު ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ދަށުން 17 ސްޕީޑް ފެރީ ބަންނަން ގަލްފް ކްރާފްޓާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ގަލްފްޓް ކްރާފްޓުން ބަންނަ ފެރީތަކަކީ އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ތިން ގުނަ ދުވެލި ބާރު ފެރީތަކެއް ކަމަށެވެ.

"މިއީ ރައްޔިތުންނަށް އެއްތަނުން އަނެއްތަނަށް ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރުމަށް ދިވެހި ސަރުކާރުން އެކުލަވައިލި ނެޓްވޯކެއް. މި ފެރީތަކުން މަތިންދާ ބޯޓެއްގައި ލިބޭ ފެންވަރުގެ ހިދުމަތް ލިބޭނެ. ކުރޫން ފަސެންޖަރުންނާ މުހާތަބު ކުރާނީ ހިނިތުންވުމާ އެކުގައި." އޭނާ ވިދާޅުވި އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއަށް 107 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.

ގަލްފް ކްރާފްޓުން ބަންނަ ފެރީތަކަކީ 50 މީހުންގެ ޖާގަ ހުންނަ ގަޑިއަކު 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. އެ ފެރީ ތަކުގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާ ކުރަނީ ދަތުރުތައް ކުރަން އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ފެރީތަކުގައި ހުރެ އެވެ.

ފެރީ ނެޓްވޯކްގެ ދަށުން ހަދާ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެގޮތުން 40 ފެރީ ސްޓޮޕެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ހަ ޒޯނަކަށް ބަހާލައިގެން ހައި ސްޕީޑް ފެރީގެ ހިދުމަތް ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރާއިރު ފުރަތަމަ ހިދުމަތް ފަށާނީ އުތުރުގެ ތިން އަތޮޅުގަ އެވެ. އެ ޒޯންގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅެވެ.