އިންސާނާ ހެއްދެވި ގޮތް ކަމުނުގޮސްގެން ސިފަ ރީތިކުރަން އެކި މީހުން އެކި ކަހަލަ ކަންތައްތައް މި ޒަމާނުގައި ކުރެ އެވެ. އެއީ ކިތަންމެ ބޮޑު ޚަރަދެއް ދާ ކަމަކަށް ވިޔަސް ވަރިހަމަ އެވެ. ޕާކިސްތާނުގެ ޓިކްޓޮކް ތަރި ހަރީމް ޝާހް އަށް ވެސް އޭނާގެ ތުންފަތް ގުދުރަތީ ގޮތުން އުފެދިފައިހުރި ގޮތް ކަމު ނުގޮސްގެން ތުންފަތުގެ ސާޖަރީ ހަދައި ބޮޑުކުރަން ގަސްތު ކުރި އެވެ. ނަމަވެސް މިކަން ކުރަނިކޮށް އޭނާއަށް ވަރަށް ބޮޑު ލަނޑެއް ވަނީ ލިބިފަ އެވެ.
ސޯޝަލް މީޑިއާގައި ހަރީމް ވަނީ މި ވާހަކަ ޝެއާ ކޮށްފަ އެވެ. އަދި އޭނާގެ ތުންފަތުގެ ސާޖަރީ ވަކި ވަރަކަށް ހަދާފައި ހުއްޓާލުމުން ހުރި ގޮތާއި އެކަން ހުއްޓާލަން ޖެހުނު ގޮތް ވެސް ހަރީމް ކިޔައިދީފައި ވެއެވެ.
މި ވީޑިއޯގައި ހަރީމް ބުނި ގޮތުގައި ސާޖަރީ ވަކި ހިސާބަކަށް ކޮށްފައި ހުއްޓާލަން ޖެހުނީ ޕާކިސްތާނު ސަރުކާރުން އޭނާގެ ބެންކް އެކައުންޓްތައް ފްރީޒް ކުރީމަ އެވެ. މިހާރު ވައިރަލް ވެގެން އުޅޭ މި ވީޑިއޯގައި ފެންނަނީ ހަރީމްގެ ތުންފަތުގެ އެއްބައި ބޮޑުކޮށް އަނެއްބައި ކުޑަކޮށް ހުއްޓަ އެވެ. ހަރީމް ބުނީ މިއީ ތުންފަތް ބޮޑުކުރުމުގެ ސާޖަރީގެ އެއްބައި ފުރިހަމަ ކުރުމަށްފަހު ހުއްޓާލަން ޖެހުމުން ދިމާވެފައިވާ ގޮތެއް ކަމަށެވެ.
ހަގީގަތުގައި ހަރީމް އަށް ލަނޑު ލިބުނީ އޭނާ އަމިއްލައަށް ދެއްކި ވާހަކަ ތަކަކުންނެވެ. ތުންފަތުގެ ސާޖަރީ ހަދަން އޭނާ ޕާކިސްތާނުން އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ފަހު ޝެއާކުރި ފުރަތަމަ ވީޑީއޯގައި ހަރީމް ބުނަނީ އޭނާ އިނގިރޭސި ވިލާތަށް ދަތުރުކުރީ ވަރަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ހިފައިގެންކަމަށެވެ. އެއީ ތުންފަތުގެ ސާޖަރީއަށް ގެނައި ފައިސާ ކަމަށެވެ.
މި ވީޑީއޯ ވައިރަލް ވުމައެކު ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ވަނީ ހަރީމް މަނީ ލޯންޑްރީ ކުރިކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ. އޭނާގެ ބެންކް އެކައުންޓްތައް ފްރީޒްކޮށްފައިވަނީ މި ސަބަބާ ހެދި އެވެ.
ހަރީމް ފަހުން ބުނި ގޮތުގައި އޭނާ އިނގިރޭސި ވިލާތުގެ ކްލިނިކަކަށް ގޮސް ތުންފަތް ބޮޑުކުރުމުގެ މަސައްކަތް ފަށައި އެއްބައި ނިމުނުތަނާ އައި ފޯނު ކޯލެއްގައި އޭނާގެ ބެންކް އެކައުންޓްތައް ފްރީޒް ކުރި ޚަބަރު ލިބުމުން އެހިސާބުން އިތުރަށް ސާޖަރީ ކުރިޔަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނީ ކަމަށެވެ.
'ލިޕް ފިލާ" އަކީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ އަގުބޮޑު ކަމަކަށް ވާތީ ފަރުވާގެ ވަކި ހިސާބަކުން ހުއްޓާލަން މަޖްބޫރުވީ ކަމަށް ހަރީމް ބުންޏެވެ.
އިންޑިއާގެ ނިއުސް އެޖެންސީއަކުން ބުނި ގޮތުގައި ހަރީމް އަށް ލަނޑު ލިބުނީ އަމިއްލައަށް މޮޅު ވީޑީއޯއެއް ތައްޔާރުކޮށް ސޯޝަލް މީޑިއާގައި ޝެއާ ކުރުމުންނެވެ. މި ވީޑިއޯގައި ހަރީމް އިންނަނީ އިނގިރޭސިވިލާތުގެ ޕައުންޑް ފުންޏެއް މަތީގައި އިށީނދެގެންނެވެ. އަދި އެ ފަހަރަކީ އެހާ ގިނަ އަދަދެއްގެ ނަގުދު ފައިސާ ހިފައިގެން ޕާކިސްތާނުން އިނގިރޭސި ވިލާތަށް އޭނާ ކުރާ ފުރަތަމަ ދަތުރުކަމަށް ވީޑިއޯގައި ހަރީމް ބުނެ އެވެ.
ޕާކިސްތާނުގެ ގާނޫނުތައް ބުނާ ގޮތުން ޕާކިސްތާނަށް އަންނަ މީހުންނަށް ކިތަންމެ ގިނައެއްކޮށް ވެސް ބޭރު ފައިސާ ގެނެވިދާނެ އެވެ. ނަމަވެސް ޕާކިސްތާނުން ބޭރަށް ގެންދެވޭނީ ގިނަ ވެގެން 10،000 ޔޫއެސް ޑޮލަރު ނުވަތަ އެހެން ގައުމެއްގެ ފައިސާ އިން ވިޔަސް އެހާ މިންވަރެވެ.