ބޮލީވުޑް

ޝޫޓިން ތެރޭ ލޯބި ވެވުނު ބޮލީވުޑް ތަރިން

ބޮލީވުޑް ފިލްމުތަކުގައި ދައްކާ ކަހަލަ ލޯބީގެ ހާދިސާތައް ހަގީގަތުގައި ވެސް ފިލްމު އިންޑަސްޓްރީގައި ހިނގާފައިވަނީ މަދެއް ކޮށެއް ނޫނެވެ. މީގެ ތެރެއިން ބައެއް ވާޙަކަ ތަކަކީ އަޅުވާ ކިޔަމުން ގޮސް އުފަންވީ ހަގީގީ ލޯބިގެ ވާހަކަ ތަކަށްވީއިރު އަނެއްބައި ވާހަކަ ތަކީ ފިލްމުގެ ޝޫޓިންގް ތެރޭގައި ސެޓުތަކުން އުފަންވީ ލޯބީގެ ވާހަކަ ތަކެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ތަރިން ފިލްމު ސެޓުގައި އެކަކު އަނެކަކު ދެކެ ލޯބިވުމަކީ ޒަމާނުއްސުރެ ފެންނަމުން އަންނަ ކަމެކެވެ. އެގޮތަށް ލޯބިވެވޭ ދެ ތަރިންގެ ގުޅުން ކައިވެންޏާ ހަމައަށް ނުގޮސް ވަރަށް ގިނަ ފަހަރަށް ކެނޑެ އެވެ. ނަމަވެސް ވެވުނު ލޯބީގައި ސާބިތުވެ ތިބެ ކައިވެނިކޮށް އުފަލުގައި ދިރިއުޅެމުންދާ ތަރިން ވެސް މަދެއް ނޫނެވެ.

ދީޕިކާ ޕަދުކޯން – ރަންވީރު ސިންގް: މި ދެ އެކްޓަރުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ 2013ގައި އެމީހުން ކުޅުނު "ގޯލިޔޯން ކީ ރަސްލީލާ ރާމް-ލީލާ"ގެ ސެޓުގަ އެވެ. ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2018ގައި އެމީހުން ވަނީ ކައިވެނިކޮށްފަ އެވެ.

އައިޝްވަރިޔާ ރާއީ - އަބީޝެކް ބައްޗަން: އައިޝްވަރިޔާ އާއި އަބީޝެކްގެ މެދުގައި ލޯބީގެ މާތައް ފޮޅުނީ "ގުރޫ" ގެ ސެޓުގަ އެވެ. އޭގެ ކުރިން ވެސް މި ދެ ތަރިން ވަނީ އެކުގައި ދެ ތިން ފިލްމެއް ކުޅެފަ އެވެ. ނަމަވެސް އޭރު އަބީޝެކް އުޅެނީ ކަރިޝްމާ ކަޕޫރާ ރައްޓެހި ވެގެން ކަމަށް ވެފައި އައިޝްވަރިޔާ ވެސް އޭރު ސަލްމާން ޚާނާ ރައްޓެހިވެގެން އުޅޭތީ ދެ މީހުންގެ މެދުގައި އެ ދުވަސްވަރު އޮތީ ގާތް އެކުވެރި ކަމެވެ. "ގުރޫ" ކުޅެމުންދިޔަ ދުވަސްވަރު ދެ މީހުންނަށް ލޯބި ވެވި ފިލްމު ރިލީޒް ކުރިއިރު އެންގޭޖްމަންޓް ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެ މީހުން ކައިވެނިކުރީ 2007 ގައެވެ.

ސޯހާ އަލީ ޚާން – ކުނާލް ކޭމޫ: ކުނާލް އާއި ސޯހާ ލޯބީގެ ގޮތުން ގުޅުނީ "ޑޫންޑްތޭ ރެހެ ޖާއޯގޭ"ގެ ސެޓުން ދެ މީހުން ބައްދަލުވުމުންނެވެ. އެމީހުންގެ ލޯބީގެ ގުޅުން ކައިވެނީގެ ގުޅުމަކަށް ބަދަލުކޮށްލީ 2015 ގައެވެ. މިހާރު އެ ދެމީހުންނަށް އަންހެން ދަރިއަކު ވެސް ލިބިއްޖެ އެވެ.

އަކްޝޭ ކުމާރު – ޓްވިންކަލް ކަންނާ: އަކްޝޭ އާއި ޓްވިންކަލް ބައްދަލުވީ ފިލްމްފެއާ މެގަޒިން އަށް ދެ މީހުން އެކުގައި ކުރި ފޮޓޯ ޝޫޓެއްގެ މަސައްކަތުގައި އެ ފޮޓޯ ޝޫޓް އޮތް ސެޓުންނެވެ. ފުރަތަމަ ބައްދަލުވުމުން ވެސް އަކްޝޭ އަށް ޓްވިންކަލް ދެކެ ލޯބި ވެވުނެވެ. ނަމަވެސް ޓްވިންކަލް އަށް އަކްޝޭ ދެކެ ލޯބި ވެވުނީ "އިންޓަނޭޝަނަލް ކިލާޅީ"ގެ ސެޓުން ދިމާވުމުންނެވެ. ޓްވިންކަލް އާއި އަކްޝޭ ކައިވެނިކޮށްފައިވަނި 2001 ގައެވެ.

ކަރީނާ ކަޕޫރު – ސައިފް އަލީ ޚާން: ކަރީނާ އާއި ސައިފް ބައްދަލުވީ "ތަޝަން"ގެ ސެޓުންނެވެ. އޭރު ކަރީނާ އުޅެނީ ޝާހިދު ކަޕޫރާ ރައްޓެހިވެގެންނެވެ. ސައިފް ހުރީ އަމްރިތާ ސިންގް ވަރިކޮށްފައި ސިންގަލް ކޮށެވެ. އަދި އޭރު ސައިފް ރައްޓެހިވެގެން އުޅުނީ އިޓަލީ އަންހެންކުއްޖަކާ އެވެ. ނަމަވެސް ސައިފް އާއި ކަރީނާގެ ފިލްމުގެ ޝޫޓިން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ދެ މީހުންނަށް އެކަކު އަނެކަކު ދެކެ ލޯބި ވެވި ކުރިން ލޯބިވެގެން އުޅުނު މީހުންނާ ވަކިވި އެވެ. އެމީހުން ކައިވެނިކޮށްފައިވަނީ 2012 ގައެވެ.