ދުނިޔެ

ޖަޕާންގެ ފައިޓަރު ޖެޓެއް ފުރިތަނުން ގެއްލިއްޖެ

ޖަޕާންގެ އެއާ ސެލްފް ޑިފެންސް ފޯސްއަށް ނިސްބަތްވާ އެފް-15 މަރުކާގެ ފައިޓަރު ޖެޓެއް ނައްޓާލި ތަނުން ރާޑަރުން ގެއްލިއްޖެ އެވެ. ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން ޖެޓަށް ވީނުވީއެއް އަދި ވެސް ނޭނގެ އެވެ.

ޖަޕާންގައި އޮންނަނީ އެއާ ސެލްފް ޑިފެންސް ފޯސްއެކެވެ. ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން ވައިގެ ސިފައިން ދުއްވާ ޖެޓްތައް މުޅިން ކަހަލަ ގޮތަށް އުފައްދައި ކޮމިޝަން ކުރަނީ ޖަޕާންގަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން މިހާރު އެންމެ ބޮޑަށް ބެލެވެނީ ދެ ފަޅުވެރިންނާއެކު ޖެޓް ކަނޑަށް ވެއްޓުނީ ކަމަށެވެ. އެހެން ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޖަޕާން ވައިގެ ސިފައިންގެ އަތުގައި 200 ޖެޓް އޮންނަ ކަމަށް ޚަބަރުތައް ބުނެ އެވެ. މިޓްސުބިޝީ އެފް-15ޖޭ އަދަި އެފް-15ޑީޖޭ ފައިޓަރުތައް ޖަޕާންގައި އުފެއްދި ނަމަވެސް އެކަން ކުރަނީ އެމެރިކާގެ މެކްޑޮނާލްޑް ޑަގްލަސްއިން ލައިސަންސް ހޯދައިގެނެވެ.

މެކްޑޮނާލްޑް ޑަގްލަސް 1997 ގައި ބޮއިންއާ އެއްކޮށްލައި މިހާރު މަސައްކަތައް ހިންގަނީ އެއް އޮނިގަޑެއް ގޮތުގަ އެވެ.

ގައުމު ތަކުގެ އަސްކަރިއްޔާގައި ބޭނުންކުރާ ފައިޓަރު ޖެޓްތަކަށް އެކި ބާވަތްތަކުގެ މައްސަލަތައް ޖެހުން މިއީ ގިނަ ދުވަސްކޮޅެކެވެ. އެމެރިކާގައި އުފައްދައި ޓައިވާންގައި ބޭނުންކުރާ ޖެޓަކަށް ވެސް ވަނީ މިދާކަށް ދުވަހު މައްސަލަތަކެއް ދިމާވެފަ އެވެ. އަދި ދެކުނު ކޮރެއާގެ ސިފައިން ބޭނުންކުރާ ޖެޓަކަށް ވެސް މައްސަލަތަކެއް ތަޖުރިބާ ކުރެވިފަ އެވެ.

ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ބޭނުންކުރި ޖެޓެއް ވެސް މަނަވަރަށް ޖައްސަން ދިއަ މަގުމަތީގައި ކުށެެއްޖެހި ވަނީ ކަނޑަށް ވެއްޓިފަ އެވެ.

ޖެޓް ކަނޑަށް ވެއްޓުނު ހާދިސާއާ ގުޅުން ހުރި ވާހަކަތަކެއް އެމެރިކާ ނުދެއްކި ނަމަވެސް ކަންހިގައި ދިއަ ގޮތް ބަލާނެ ކަމަށް އޮތީ ބުނެފަ އެވެ.