ހައިކޯޓް

އެސްޖޭއިން އެދުމުން ހައިކޯޓުން ދައުވާ ފޯމު ބާތިލުކޮށްފި

ޒިކުރާ މިސްކިތުގެ އެއްބަސްވުން އުވައިލި މައްސަލައިގައި އެސްޖޭ ކޮންސްޓްރަކްޝަނަށް ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޯދަން ހުށަހެޅި މައްސަލަ ހައިކޯޓުގައި ހުކުމާ ހިސާބަށް އައިސްފައި ވަނިކޮށް އެ ކުންފުނިން މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 10 ބުރިއަށް ޒިކުރާ މިސްކިތް އިމާރާތްކުރާން އެސްޖޭ ކުންފުންޏާއެކު ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލުކުރުމުން 111 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ސިވިލް ކޯޓުން މައްސަލަ ނިންމާފައި ވަނީ އެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.

އެ މައްސަލަ އެސްޖޭގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. މައްސަލައިގެ ހުކުމް އިއްވުން މިދިޔަ އާދީއްތަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް އެސްޖޭއިން ވަނީ ހަމަ އެދުވަހު މައްސަލަ އަނބުރާ ގެނައުމަށް ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެ މައްސަލަ އަނބުރާ ގެންދެވޭނެ ކަމާމެދު މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު ވަނީ ތަފާތުވެފަ އެވެ.

ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ބަޔާންކުރައްވާފައި ވަނީ، މި މައްސަލަ އެސްޖޭ އިން ހައިކޯޓުގައި އިސްތިއުނާފް ކުރީ ދައުލަތުން އެއްބަސްވުން ގާނޫނާ ހިލާފަށް އުވާލައިފައިވާތީ ދަށު ކޯޓުން ނިންމި ނިންމުން ރަގަޅު ނޫންވީމަ އެވެ. އެހެންކަމުން ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން އެކަމަށް ގޮތެއް ނުނިންމަނިސް އެސްޖޭއިން އަމިއްލައަށް ގޮތް ކަނޑައެޅުމަށްފަހު ސިޓީއެއް ފޮނުވުމުން ދައުވާ ފޯމު ބާތިލު ނުކުރެވޭނެ ކަމަށް އެ ރައުޔުގައި ފާހަގަކުރައްވާފައި ވެއެވެ.

އެސްޖޭއިން ފޮނުވި ސިޓީގައި، ދައުލަތުން އެއްބަސްވުން ބާތިލުކޮށްފައި ވަނީ ރަގަޅަށް ނޫން ކަމަށް ބަޔާންކޮށްފައިވެ އެވެ. ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، އެކަމަށް ގޮތް ނިންމަން ޖެހޭނެ ފަރާތަކީ މައްސަލަ އިސްތިއުނާފްކުރާ ފަރާތުން ނޫން ކަމަށާއި، އެއީ ކޯޓުން ނިންމަން ޖެހޭ ނިންމުމެއް ކަމަށެވެ. އެހެންކަމުން މި މައްސަލައަކީ ހުކުމްކޮށް ނިންމަން ޖެހޭ މައްސަލައެއް ކަމަށް ވަނީ ބަޔާންކުރައްވާފަ އެވެ.

އެކަމަކު މި މައްސަލަ ބައްލަވާ ފަނޑިޔާރު ހުސެއިން މަޒީދު އަދި ހުސައިން ޝަހީދު ވަނީ އެސްޖޭއިން ފޮނުވި ސިޓީއާއި ގުޅިގެން ދައުވާ ފޯމު ބާތިލުކުރަން ޖެހޭ ކަމަށް ތާއީދުކުރައްވާފަ އެވެ. އެހެންކަމުން ދެ ފަނޑިޔާރުން ތާއީދުކުރެއްވި ގޮތަށް އެ ދައުވާ ފޯމު ބާތިލުކުރަން ހައިކޯޓުން ވަނީ ނިންމައިފަ އެވެ.

އެސްޖޭއިން މައްސަލަ އަނބުރާ ގެނެސްފައި ވަނީ މި އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި އުފެދުނު މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކޮށް، ހުޅުމާލޭގައި އާ މިސްކިތެއް އަޅައިދިނުމަށް އެ ކުންފުންޏާއި ދައުލަތާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.