ކްރިމިނަލް ކޯޓް

އަހަރެއް ފަހުން ތާވަލުކުރި އަޑުއެހުން ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރުގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގެ އަޑުއެހުމެއް ތާވަލުނުކުރާތާ އަހަރެއް ފަހުން މިއަދުގެ 11:00 އަށް އަޑުއެހުމެއް ތާވަލުކުރި އެވެ. އެކަމަކު ކޯޓުން ބުނެފައި ވަނީ އަޑުއެހުން ކެންސަލްވެފައިވާ ކަމަށެވެ. ކެންސަލްކުރި ސަބަބެއް ނުބުނެ އެވެ.

އާޒިމާގެ މައްޗަށް ކުރާ ތުހުމަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައިގައި އެ ހިޔާނާތް ހިންގުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ. އާޒިމާ ވަނީ ރައީސް ޔާމީންގެ ވަކީލްކަން ކުރައްވާފަ އެވެ.

ދޮގު މައުލޫމާތު ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާތީ އެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ ބެއްލެވީ ގާޒީ އަހުމަދު ހައިލަމް އެވެ. ނަމަވެސް ހައިލަމް މަގާމުން ވަކިކުރުމުން ފަހުން އެ މައްސަލަ އާއި ހަވާލުވެވަޑައިގެންނެވީ ގާޒީ ހަސަން ސައީދު އެވެ. އެކަމަކު ހަސަން ސައީދު ވެސް ވަނީ މައްސަލައިން ތަވާޒުލްވެފަ އެވެ. މިހާރު އެ މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުކޮށް މައްސަލައާއި ހަވާލުވެވަޑައިގެންފައި ވަނީ ގާޒީ އަލީ އާދަމް އެވެ.