( 30 ޖަނަވަރީ 2022 އާ ގުޅޭ )
ކޮޓަރީގެ ދޮރު ހުޅުވުނު ހިނދު ހަމްދޫނުގެ ނަޒަރު ހޫރައިންއާ އަމާޒުވެލިއެވެ. ނުކުންނަން އުޅެފައި ހޫރައިން މަޑުޖެހުނީއެވެ. އެ ގަޑީގައި އެ ގެއިން ހަމްދޫނު ފެނުމުން ސުވާލު އުފެދުނެވެ. މަންމަ ހަސިންތައަށް ދަޢުވަތު ދިންކަން އެނގެއެވެ. އެކަމަކު ހަމްދޫނު ބައިވެރިވާނޭކަމެއް ނުބުނެއެވެ.
"މެރީކުރަނީތަ؟." ހަމްދޫނު އަހާލިއެވެ.
ރުއިމަށްފަހު ޒެހެން ހަމައަކަށް އެޅުނުއިރު ވެސް މިއުނާ އިނީ ބުނަންވީ ކީކޭ ކަމެއް ނޭނގިފައެވެ. ހޫރައިންއަށް ދިމާވި ކަންތަކުގައި ޒެހެންއަށް ކުރެވޭނެކަމެއް ނެތެވެ. ހަމައެއާއެކު ހޫރައިންގެ ކުށެއް ވެސް ނެތެވެ. އެހެންވިޔަސް މިއުނާ ވެސް އިނީ އެކަން ހިނގަން މެދުވެރިވާންޖެހުނު ގޮތެއް އެނގެން ބޭނުންވެފައެވެ. މިހާރު އެ މީހުންނަ ފެންނަ ހޫރައިންއަކީ އަނިޔާގެ ސަބަބުން ބަދަލުވެފައިވާ އަންހެންކުއްޖަކަށްވީއިރު ހަގީގީ ހޫރައިން ކޮންމެވެސް ހިސާބެއްގައި އަދިވެސް ވާނޭކަން މިއުނާ ގަބޫލުކުރެއެވެ. މިއުނާގެ ޚިޔާލުގެ ވާފަށް ކަނޑައިގެން ދިޔައީ އޭނާގެ އުނގުގައި ބޯއަޅާލައިގެން އޮތް ޒެހެން ތެދުވީމައެވެ. އެ ދަރިފުޅުގެ ދެ ލޮލާއި މޫނަށް ވެސް ވަނީ މަޑު ރަތްކަމެއް ވެރިވެފައެވެ. އެނދުން ފައިބައިގެން ގޮސް ކޮޓަރީގައި ހުރި ފާޚާނާއަށް ޒެހެން ވަނެވެ. ގިނައިރެއްނުވެ ނުކުމެގެން އައިސް މަންމަގެ ކައިރީ އެނދުގައި އިށީނދެއްޖެއެވެ. މުހިންމު ވާހަކައެއް ދައްކަން އުޅޭފަދައަކުން އޭނާ މަންމާއޭ ގޮވާލިއެވެ. ދަރިފުޅަށް ހުރިހާ ސަމާލުކަމެއް މިއުނާ ދިނެވެ.
"އެވާހަކަތައް އިވުމުން ނޭނގެ ވީގޮތެއް... ހިތަށް އުނދަގޫވީ... ކުއްލިއަކަށް އަމިއްލައަށް ކަންކަން ނިންމާލެވުނީ އެހެންވެ. ހޫރައިން ދޫކޮށްލުމުގެ ވިސްނުމެއްނެތްކަން ޔަގީންކޮށްދޭން ބޭނުންވީ. އަނެއްކޮޅުން އެހެން ބަޔަކަށް އެ ވާހަކަތައް އިވޭކަށް ބޭނުމެއްނޫން. ހޫރްގެ ތަޢާރަފަކަށް އޭނާއަކީ ރޭޕް ވިކްޓިމްއެކޭ ބުނުން މުހިންމެއްނޫން..."
"ޒެން، ހޫރްއާ ކައިވެނި ކުރަން ތިއުޅެނީ. އެފަދަ ވާހަކަތަކެއް ހޫރްގެ މަންމަ ކިޔައި އެދިނީ ޒެންއަށް ހޫރްއާ ބެހޭގޮތުން ހުރިހާކަމެއް އެނގެން ޖެހޭނެތީ. މަންމަ ނަމަވެސް ކަންތައް ކުރާނީ އެފަދައިން. ސިއްރު ކުރަން ބޭނުންވިޔަސް، އެއީ ސިއްރު ކުރެވޭވަރަށްވުރެ ބޮޑުކަމެއް. ދަރިއަކު ވެސް ހުރީމަ... މަންމައަށް އެނގޭ ޒެން ބުނަން ތިއުޅެނީ ކީކޭކަން. ހޫރްއާ މެދު މަންމަ ގޯސްކޮށް ނުދެކެން. މަންމައަށް ވެސް ވިސްނޭ... އެންމެން ކައިރީ ކިޔަން ޖެހޭ ވާހަކައެއްނޫން އެއީ. އިންޝާﷲ، ކައިވެނިވެވުނީމަ ހޫރް ވާނީ ޒެންގެ އަނބިމީހާއަށް." މިއުނާ ބުންޏެވެ.
"އަހަރެމެން ދެ މީހުންގެ ވެސް ތިބީ ހަމައެކަނި މަންމަ. އަހަންނަށް މަންމަ ނުފެންނަ ހިސާބަކަށް ނުދެވޭނެ. ހޫރަށް ވެސް އޭނާގެ މަންމަ ދޫކޮށްލެވޭކަށް ނޯންނާނެ. މަސް ދުވަސް ފަހުން އަހަރެމެން ކައިވެނި ކުރާނީކަން އަހަރެން ބުނިން. އެ މުއްދަތުގެ ތެރޭ ހޫރްގެ ދަރިފުޅާއި އަހަންނާ ދެމެދު ގާތްކަމެއް އުފައްދަން މަސައްކަތް ކުރާނީއޭ ބުނިން. ޔޫކް ލޯބިވާ މީހަކަށް އަހަރެންވާން ބޭނުން. އެކުއްޖާއާއި ހޫރްގެ ހިތް އަހަރެންގެ މައްޗަށް ރުހިފައިވާހާލު މިކައިވެނި ކުރާން އެދެނީ. އަހަރެން ބުނީން ކައިވެނީގެ ކަންކަމާ ދެ ފަރާތުން މަޝްވަރާކޮށް ހުރިހާކަމެއް ނިންމަން އެހާ ދުވަސް ފުދޭ. ވީހާ ވެސް އަވަހަކާ މެރީކުރަން އަސްލު ބޭނުމީ. މަންމާ... އޯކޭތަ. އެއްމަސް... މާ އަވަސްތަ؟. އަހަންނަށް އަވަސްއަރުވާލެވެނީތަ؟." ޒެހެންގެ ނިންމުން މަންމައަށް ކިޔާދިނެވެ. އެ މަންމަގެ ލަފާއަކަށް އޭނާ ބޭނުންވެފައި ވެއެވެ. މިއުނާ ވިސްނަން އިނދެފައި ދެފަރާތަށް ބޯހޫރާލިއެވެ.
"އަވަހެއްނޫން ކަމަށް ބަލަމާ. މަންމައާ އެ ޢާއިލާއާ ބައްދަލުކޮށްދޭނީ ކޮންއިރަކުން. ކައިވެނީގެ ކަންކަން ކުރިޔަށް ގެންދަން ކިހިނެއް ޒެން ގަސްދުކުރަނީ. މަންމަ ތި ދެކުދީންނަށް ވެސް އެހީވާނަން." މިއުނާ ވާހަކަދެއްކިއެވެ.
ޒެހެން ޚިޔާލުކޮށްފައިވާ ގޮތް މަންމައަށް ކިޔާދިނެވެ. ކައިވެނި ކުރަން ގަސްދުކުރާ ގޮތެވެ. އަދި ދެމަފިރިންގެ ދިރިއުޅުން ކުރިޔަށް ގެންދަން ނިންމާފައިވާ ގޮތެވެ. އޭނާ ޔުނިވަރސިޓީއަށް ދާގަޑި ކައިރިވަންދެން މަންމަ ކައިރީ މަޝްވަރާގައި އިނެވެ. ހޫރައިންއާ ވާހަކަދައްކައި އޭގެ ދެމައިން އެ ޢާއިލާ ބައްދަލުކުރަން ދާނޭ ދުވަހަކާއި ގަޑިއެއް ކަނޑައަޅާނޭކަން ޒެހެން ބުންޏެވެ. މިއުނާ ހުރީ ދަރިފުޅު އަންގާލި ކޮންމެ އިރަކަށް ތައްޔާރުވެގެންނެވެ. ހޫރައިންގެ ވާހަކަތައް ދަރިފުޅުގެ ކައިރިން އިވިއިވި އޭނާއަށް އެކުއްޖާއަކީ ދުރު މީހެއްހެން އިހްސާސެއް ނުކުރެވެއެވެ. ހަމައެކަނި އޭނާގެ ލޮލަށް އަދި އެކުއްޖާ ނުފެންނަކަން އެކަންޏެވެ.
ހުކުރު ދުވަހުގެ އަސުރުގެ ފަހުން އަންނަން ހޫރައިން ވަނީ ޒެހެން ގާތުގައި ބުނެފައެވެ. ކިތަންމެ ތައްޔާރީއެއްވީ ނަމަވެސް ޒެހެން ހިސާބަކަށް ޖެހިލުންވެފައިވެއެވެ. އެންމެ ބޮޑު ފިކުރަކަށްވެފައި އޮތީ ޔޫކްއެވެ. ކުޑަކުދީންނާ ގުޅޭ މިޒާޖެއްގެ މީހަކަށް ޒެހެން ވެއެވެ. އެހެންވިޔަސް ޔޫކް ފެންނަނީ އެ އުމުރުގެ އެހެން ކުދީންނާ ތަފާތުކޮށެވެ. އެކުއްޖާއާ ވާހަކަދައްކާ ގާތްކަމެއް އުފައްދާނީ ކިހިނެއްބާއޭ އޭނާ ހިތަށް އަރަނީއެވެ. އެނދުމަތީ ބާއްވާލާފައި އޮތް ޕާރުސަލަށް ޒެހެން ބަލާލިއެވެ. އެއީ އޭނާ ޔޫކަށް ޓަކައި ތައްޔާރުކޮށްފައިވާ ހަދިޔާއެކެވެ. އެކުއްޖާއަށް އެ ހަދިޔާ ކަމުދާނޭ ބުނާކަށް އޭނާއަކަށް ނޭނގެއެވެ. އެހެންވިޔަސް އޭނާ އެ ހަދިޔާ ހޯދުމުގައި ގިނަވަގުތުތަކެއް ހޭދަކުރިއެވެ. ރަނގަޅު ފައިދާ ކުރުވަނި ހަދިޔާއެއް ހޯދަން ބޭނުންވެއެވެ. އެ ހަދިޔާ ނަގައިގެން އޭނާ ކޮޓަރިން ނުކުތެވެ. މަންމަ ވެސް ކޮޓަރިން ނުކުތީ އެވަގުތެވެ.
"ދާންވީ ދޯ." މިއުނާ ބުންޏެވެ.
"މިތާ ކައިރިވީމަ، ހިނގާލާފަ ދާން މަންމައަށް އޯކޭތަ؟." ޒެހެން އަހާލިއެވެ. އޭނާ ވަނީ އެއްދުވަހު ހެނދުނު މަންމަ ގޮވައިގެން ހޫރައިން އުޅޭ ގެ ދައްކަން އައިސްފައެވެ. ވާރޭ ވެހެމުންދިޔަ އެ ދުވަހު އެ ގޭ ކުރިމަތީ ހުންނަ ފިހާރައަށް ވަދެފައި މިއުނާއާއެކު ޒެހެން ނުކުމެ އަޝަރީވިލާ ގެއަށް އިޝާރާތްކޮށް އެއީ ހޫރައިން އުޅޭ ގެކަން ބުންޏެވެ. ހަމައެވަގުތު އެ ގޭގެ ދޮރޯށި ހުޅުވުނުހެން ހީވިއެވެ. ނަމަވެސް މީހަކު ނުކުންނަން އުޅެފައި އަނެއްކާ އެތެރެއަށް ދެމިގަތްތަން ފެނުނީއެވެ. އެއީ ހޫރައިންއަށް ވާނެނަމައޭ ހިތާ ތަންކޮޅެއް ގިނައިރު ޒެހެންއަށް އެ ދުވަހު މަޑު ވެސް ކޮށްލެވުނެވެ. ހޫރައިންނަމަ ޒެހެންގެ މަންމައާ ބައްދަލުކޮށްދޭ ހިތުންނެވެ. ނަމަވެސް އޭނާ މަންމަ ގޮވައިގެން ހިނގައިގަތީ ޔުނިވަރސިޓީއަށްދާން ގަޑި ކައިރި ވާތީއެވެ. އަނެއްކޮޅުން ރަހުމާގެ ސަބަބުން ހޫރައިންއަށް ކުރިމަތިވި ކަންތަކުގައި އޭނާއާ ހޫރައިންއާ ދެމެދަށް އޭރު އޮތީ ދުރުކަމެއް އައިސްފައެވެ. އެ ދުވަހު ޔުނިވަރސިޓީ ގޭޓު ކައިރީ އޭނާ މަޑުކޮށްގެން ހުރީ ހޫރައިންއާ ބައްދަލުކޮށް ސުވާލުކުރާށެވެ. ނަމަވެސް ހޫރައިން އަމިއްލައަށް އެ ދުވަހު އިސްނަގާ ބައްދަލުވާން އެދުނީއެވެ.
ގެއިން ނުކުމެގެން މަޑު ހިނގުމެއްގައި ދެމައިން އައެވެ. ހޫރައިން އުޅޭ ގެއާ ކައިރިވަމުން ދިޔައިރު ޒެހެންގެ ލޮލުގައި އަޅައިގަތީ ފިހާރަ ކައިރީ ފާރުގައި ލެނގިލައިގެން ހުރި ޒުވާނާއެވެ. އެންމެ ފަހަރަކު ފެނިފައި ހުއްޓަސް އެއީ ކާކުކަން ޒެހެންއަށް ދެނެގަންނަން އެނގިއްޖެއެވެ. އެއީ ޔޫކް ސައިކަލަށް ލައިގެން ދިޔަ ޒުވާނާއެވެ. ހޫރައިންމެން ގެއާ އަރާ ހަމަވީއިރު އޭނާ ވެސް ހުރީ ޒެހެންމެންނާ ދިމާއަށް ބަލަންކަން ފާހަގަވިއެވެ. ހަމައެއާއެކު އެ ޒުވާނާއަކީ ހޫރައިން ބުނި ގޮތުންނަމަ ހަސީނާގެ ދަރިއެކެވެ. ޒެހެން ހަނދާން އެބަހުއްޓެވެ. ބެލްއަޅާލުމުން ދޮރޯށި ހުޅުވީ ސުމައްޔާއެވެ. ހިނިތުންވުމަކާއެކު ސަލާމް ބަދަލުކުރެވުނެވެ. އެމީހުންގެ ފަހަތުން އެގެއަށް އެ ޒުވާނާ ވަންނާނޭ ޒެހެން ހީކުރި ނަމަވެސް އޭނާ ނައެވެ.
ސޯފާ ކައިރީ ހުރި ހަސީނާ ފެނުމުން ޒެހެން ރަކިވާގޮތްވިއެވެ. އޭނާ ހޫރައިންއާ ބައްދަލުކުރާކަން ފުރަތަމަ އެނގޭނެ މީހަކީ އެއީވީމައެވެ. އޭނާ އިންނާނޭ ހިޔެއްނުކުރެއެވެ. އެހެންވިޔަސް ހަސީނާއަކީ ކިހާ ގާތް މީހެއްކަން ހޫރައިންގެ ވާހަކަތަކުން ޒެހެންއަށް އޮތީ ވިސްނިފައެވެ. ޒެހެންއަށް ވާހަކައެއް ދައްކާކަށް ނުޖެހުނެވެ. މިއުނާ އަމިއްލައަށް ވާހަކަ ފަށައިފިއެވެ. އިށީންނަން އުޅެފައި ވެސް ޒެހެންގެ ހަރަކާތްތައް ހުއްޓުނީ ޔޫކް ގޮވައިގެން އެތެރެއިން ނުކުމެގެން އައި ހޫރައިން ފެނިފައެވެ. ޒެހެންގެ ތުންފަތް ދެމިލިއެވެ. މިއުނާގެ ނަޒަރު ވެސް އެ ދިމާއަށް ދަތުރުކޮށްލިއެވެ. ކުޑަކުޑަ ޔޫކް ފެނި މިއުނާގެ ހިތް ކުލުން ފުރުނެވެ. ހޫރައިންގެ ގާތުގައި ހުރެ އެމީހުންގެ ކައިރިއަށް އެކުއްޖާއައެވެ. ބަސްއަހާ ކިޔަމަންތެރި ދަރިއެއްގެ ގޮތުގައި މިއުނާއަށް އެކުއްޖާ ސިފަވިއެވެ.
"ޒެހެން... އިށީނދޭ." ދަރިފުޅުގެ އަތަށް ދަމާލަމުން މިއުނާ ބުނެލިއެވެ. މޮޔައެއްހެން ކޮޅަށް ހުއްޓާ ހޫރައިން ވެސް އައިސް އިށީދެއްޖެކަން ޒެހެންއަށް ރެއަކާލީ ދެނެވެ. އަވަސްއަވަހަށް މަންމަގެ ކައިރީ އޭނާ އިށީނެވެ.
"ހޫރް... މީ ޒެންގެ މަންމައަކީ. ކޮންދުވަހެއް ބައްދަލުކުރާހިތުން އުޅޭތާ." ފުޅާ ހިނިތުންވުމަކާއެކު މިއުނާ ބުނެލިއެވެ.
ހޫރައިން އިނީ ޖެހިލުންވެފައެވެ. މިއުނާ ފެނުމުން ޒެހެންއަކީ އޭނާގެ ދަރިއެއްކަން ޔަގީންކޮށް ބުނަން އެނގެއެވެ. ވާހަކަދެއްކުމުގައި ޒެހެން ގުޅޭ ފަދަ ސާދާ ހިތްހެޔޮކަންވިއެވެ. ހިނިތުންވާއިރު އޯގާތެރިކަން އެ ދެ ލޮލުން ފާޅުވެއެވެ. ނުބުނި ނަމަވެސް އޭނާ އެވަނީ ހޫރައިން ބަލައިގެންފައިކަން ޚުދު ހޫރައިން އަމިއްލައަށް ވެސް އިހްސާސް ކުރެވުނެވެ. މިއުނާގެ މިޒާޖުގެ ސަބަބުން ސުމައްޔާއާއި ހަސީނާއަށް ވާހަކަދައްކަން ފަސޭހަވިއެވެ. އެމީހުންގެ މެދުގައި ވާހަކަތައް ކުރިޔަށް ދިޔައިރު ހޫރައިންގެ ނަޒަރު ދޭތެރެއަކުން ޒެހެންއަށް ހުއްޓެވެ. އެހެން ދިމާލަކަށް ނުބަލަން އިން މީހަކުހެން ޒެހެންގެ ނަޒަރުވަނީ ހޫރައިންއަށް ހުއްޓިފައެވެ.
"ހޫރް. ކާމޭޒު ކައިރިއަށް ޒެހެން ގޮވައިގެން ދޭބަލަ ވާހަކަދައްކާލަން." ސުމައްޔާ ބުންޏެވެ. ޒެހެން ވަގުތުން ތެދުވެއްޖެއެވެ. މިއުނާއަށް ދަރިފުޅުގެ ކެތްތެރިކަންކުޑަކަން ފެނި ދިމާކޮށްލެވުނެވެ. ހަސީނާގެ ހުނުމުގެ އަޑު އިވުނެވެ. ހޫރައިން ލަދުގަތީއެވެ. ނަމަވެސް އޭނާ ވެސް ތެދުވިއެވެ. ޔޫކް ގޮވައިގެން ކާމޭޒު ކައިރިއަށް އެ ދެމައިން އައެވެ. އެމީހުންނާއެކު ޒެހެން ވެސް އައެވެ.
"އިށީނދޭ." ހޫރައިން ބުނެލިއެވެ.
"ޔޫކް..." އިށީނދެވުމާއެކު ޒެހެން ގޮވާލިއެވެ. ހޫރައިންއާ ޖެހިގެން އިން ގޮނޑީގައި އެކުއްޖާ އިނެވެ. މަޑުމަޑުން ހޫންއެއް އެކުއްޖާ ލައްވާލިއެވެ. އިނީ ހިނިއައިސްފައެވެ. ފިހާރައިން ބައްދަލުވި ދުވަހު ޒެހެން އުޅުނު ގޮތް އެކުއްޖާ ހަނދާނެއް ނުނެތެއެވެ. އެ ދުވަހު އޭނާ ވަނީ ޔޫކްއަށް ޗޮކުލެޓު ވެސް ގަނެދީފައެވެ.
"މީ ކޮންކުއްޖެއްކަން ހަނދާން އެބަހުރިތަ؟." ޒެހެން އަމިއްލަ މޭގައި އިނގިލިޖައްސާލަމުން ސުވާލުކޮށްލިއެވެ.
"ޒެން... މަންމި ސަލާމަތްކޮށްދިން ކުއްޖާ" ބޯޖަހަމުން ޔޫކް ބުނެލިއެވެ. ހައިރާންކަން ޒެހެންއަށް ލިބުނެވެ. އޭނާއަށް ބަލާލެވުނީ ހޫރައިންގެ މޫނަށެވެ. އެ ބުނި އެއްޗެއް ޒެހެންއަށް ދޭހަ ނުވިޔަސް ހޫރައިންއަށް އެނގިއްޖެއެވެ. އެހެންވިޔަސް އޭނާ ވެސް އަޖައިބުވީއެވެ. ޔޫކް އެފަދައިން ޒެހެން ސިފަކުރާނޭ ހީކުރެވިފަ ނެތީމައެވެ. އެކުއްޖާގެ ސިކުނޑީގައި ޒެހެންއާ މެދު ދެކޭގޮތް ބަދަލުވާން މެދުވެރި ސަބަބަކީ އެއީއެވެ. ޒެހެންއަކީ ރަނގަޅު ކުއްޖެކޭ ހޫރައިންބުނީ ވެސް އެ ހާދިސާއަށްފަހުއެވެ. އޭގެ ކުރީން އޭނާއަށް ވެސް އުޅެވުނީ ޒެހެންދެކެ އިންތިހާއަށް ޖެހިލުންވުމެއްގެ ތެރޭގައެވެ. އޭނާގެ ސަބަބުން އުނދަގޫވެގެންނެވެ.
"ޗޮކުލެޓް ކެއިންތަ؟." ޔޫކް އަހާލިއެވެ. އެއްޗެކޭ ބުނަން ނޭނގިފައި އިން ޒެހެން އިތުރަށް ސުވާލު އުފެދުނެވެ. އޭނާއަށް އެ ކުއްޖާ އެ ދައްކާ ވާހަކަ ނޭނގޭތީއެވެ. ގުޅުވަންވީ ކޮންކަމަކާކަން ސިކުނޑިއަކަށް ނުވިސްނުނެވެ. ޒެހެން ޖަވާބެއް ނުދޭތީ ޔޫކް ބަލާލީ ހޫރައިންއަށެވެ.
"މަންމަ ދިނިން. އަތް ފަސޭހަވީމަ މިހާރު ބޭހެއް ވެސް ނާޅައެއްނު." ހޫރައިން ބުންޏެވެ.
"އެ ޗޮކުލެޓް..." ޒެހެންއަށް ހަނދާންވީ ދެނެވެ. އޭރު އެއީ ކީއްވެ އޭނާއަށް ހޫރައިން ދިން ޗޮކުލެޓެއްކަން އެނގުނީ އަދިކިރިޔާއެވެ. ލުއި ހީނލުމާއެކު އޭނާއަށް އިސްޖަހާލެވުނެވެ. ދެން އިސްއުފުލާލުމާއެކު ޔޫކްގެ ބޮލުގައި އަތް ޖައްސާލިއެވެ.
"ޗޮކުލެޓް ކާލައިފިން. ބަލާ... މީނީ ފަސޭހަވެފަ. ބައިވަރު ލޭ އައި. ޑަކްޓަރު އިންޖެކްޝަން ޖެހީމަ ވަރަށް ތަދުވި." ޒެހެން އަތުގައި އިން ދިގު ލަކުނު ދައްކާލިއެވެ. ޝައުގުވެރި ބެލުމަކުން ޔޫކް ބަލާލިއެވެ. އަތްލަން ބޭނުންތޯ ޒެހެން އަހާލުމުން އެކުއްޖާ ބޯޖަހާލީއެވެ. އެހެން އިނދެފައި ޔޫކް އިނގިލިޖައްސާލި ހިނދު ތަދުވެގެން އުޅުނު މީހަކުހެން ޒެހެން ގޮތްދައްކާލިއެވެ. ކުރެވުނީ ސަމާސާއެއްކަން އެނގުނު ހިނދު ޔޫކް ވެސް ހެމުން މަންމައަށް ބަލާލިއެވެ. ޒެހެން ގެންގުޅުނު ހަދިޔާ ޔޫކްއަށް ދިއްކޮށްލީ އެވަގުތެވެ. އޭނާއަށް ގެނެސްދިން އެއްޗެއްކަން ޒެހެން ބުނުމުން އެ ދެ ލޮލުން އުފާވެރިކަން ފާޅުވެލިއެވެ. ހިފަން ބޭނުންވެފައި އިނދެ ވެސް އެކުއްޖާ ބަލާލީ ހޫރައިންއަށެވެ. އެ ޢަމަލުން އެކުއްޖާ ހޫރައިންއަށް ކުރާ ޤަދަރާއި އެ މަންމަދެކެ އޭނާ ވާ ލޯބި ޒެހެންއަށް ދެނެގަންނަން އެނގުނެވެ. ޒެހެންގެ ހިތުގައި އެ ދެމައިންގެ މައްޗަށްވީ ލޯބި ފުންވިއެވެ.
"ކަނޑާލަބަލަ." ހޫރައިން ބޯޖަހާލުމުން ހަދިޔާގައި ޔޫކް ހިފި ހިނދު ޒެހެން ބުނެލިއެވެ.
ހަދިޔާ ކެނޑުމުގައި ހޫރައިން އެހީތެރިވިއެވެ. ޒެހެން ގެނެސްދިނީ "ދަ އަލްޓިމޭޓް ބުކް އޮފް ވެހިކަލްސް" ކިޔާ ޕޮޕް-އަޕް ފޮތެކެވެ. އެކި ކަހަލަގެ އުޅަނދުތަކާއި އޭގެ ބައިބަޔަށް ކިޔާ ނަންތަކާއި ބޭނުން އެ ފޮތުގައި ލިޔެފައި ހުއްޓެވެ. ފޮތް ހުޅުވާލުމާއެކު ޔޫކްއަށް "ވާއޮ" އޭ ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. އެކުއްޖާއަށް އެ ފޮތް ކަމުގޮސްފިކަން ޔަގީނެވެ. އެފަދަ ފޮތެއް ޔޫކްގެ އަތުގައި ނެތީމާކަމަށް ވެދާނެއެވެ.
"މީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. ހޫރައިންގެ ދެވަނަ މަންމަ. ކައިވެނީގެ ވާހަކަދައްކާއިރު މިތަނުގައި އޭނާ އިނުން މުހިންމު. މިއުނާ... ޒެހެންއަށް އަހަންނަށް އިތުބާރުކުރެވިދާނެތަ. މިހެން އަހަން މިޖެހުނީ މި ކައިވެންޏަށް އެދުނީ ޒެހެން. އަހަރެންގެ ހޫރައިންއަށް ދިމާވި ގޮތް މިއުނާއަށް އޮންނާނީ މިހާރު އެނގިފައި."
"ހޫރްގެ މަންމަ ކަންބޮޑުނުވޭ. ޒެހެން ވަރަށް ޔަގީންކަމާއެކު އެހުރީ. އޭނާ ހޫރަށް ދެރަގޮތެއް ނުހަދާނެ. ވީކަމެއްނުވާކަމަށް ނުވާނެ. އެކަމަކު ދެން އެ ވާހަކަދެއްކުން ހުއްޓާލަމާ. ހޫރަށް ވެސް އެކަމުން އަރައިގަންނަން ބޭނުންވަނީ ރަނގަޅު ބައިވެރިއެއް. ކައިވެންޏަކުން އެކުއްޖާއަށް ފައިދާކޮށްފާނޭ އަހަރެންގެ ހިތް ބުނޭ. އަހަރެންގެ ޒެން އެވަނީ ހޫރް ބަލައިގަނެފައި. މީ އޭނާ ދުވަހަކުވެސް އުޅުނުގޮތެއްނޫން. މި ކައިވެނި ލަސްކުރުމުގެ ބޭނުމެއްނެތް. ހޫރް މަންމަ ޤަބޫލިއްޔާ އަހަންނަށް ފެންނަނީ އަންނަ ހަފްތާގައި ރަންކިޔަން. އަދި އަންނަ މަހުން ތާރީޚެއް ކަނޑައަޅަން. މާބޮޑުވަރު ނުކުރިޔަސް އެކުދީންގެ ކައިވެނީގެ ވަލީމާއެއް ބާއްވަން އަހަރެން ބޭނުން. މީ އެކުދީންގެ އަލަތު ކައިވެނި. އަނތްބަކަށްވާން އުޅޭކަމުގެ ޚާއްޞަކަން ހޫރްއަށް އިޙްސާސް ކުރެވޭން އަހަރެން ބޭނުމީ. ވާން އުޅޭ ފިރިމީހާއަށް ޓަކައި ނަލަހެދިގެން ކައިވެނީގެ ހެދުމުގައި އިންނަތަން ދުށުން އެދެނީ." މިއުނާގެ ޚިޔާލުގައި ކުރެހިފައިވާ މަންޒަރުތަކުގެ ސަބަބުން އޭނާ ވާހަކަދައްކަމުން ދިޔައިރު ވެސް އިނދެވުނީ ހިނިތުންވެލައިގެންނެވެ.
ސުމައްޔާއަށް ބަލާލެވުނީ ކާމޭޒުދޮށަށެވެ. ދެކަކޫމައްޗަށް ގޮނޑިއަށް އަރާހުރި ޔޫކް މޭޒުމަތީ އޮތް އެއްޗެއް ބަލަނީއެވެ. އެކުއްޖާ ޖެހިލުމެއްނެތި ޒެހެންއާ ވާހަކަދައްކާތީ ފެނުނެވެ. ޔޫކްއާ ވާހަކަދައްކަމުން ހޫރައިންއަށް ޒެހެން ބަލާތީ ފެނުނެވެ. ލުއި ހިނިތުންވުމެއް ސުމައްޔާގެ ތުންފަތާ ކުޅެލިއެވެ. އޭނާ އެނބުރި މިއުނާއަށް ބަލާލިއެވެ. ބޯޖަހާލަމުން ވާހަކަދެއްކިއެވެ. ކައިވެނި ލަސްކުރުމުގެ މާނައެއްނެތްކަން ސުމައްޔާ ވެސް އެއްބަސްވިއެވެ. ކައިވެންޏާ ގުޅޭ ގޮތުން އެ ތިން މީހުންގެ މެދުގައި މަޝްވަރާތައް ކުރިޔަށް ދިޔައެވެ.
"އަހަރެން ފަހުން ގުޅާލިޔަސް އޯކޭތަ؟... މިހިސާބުން އަހަންނަށް ކަންކަން ނިންމުމުގައި ހޫރްގެ ޚިޔާލެއް ބޭނުންވާނެ. ދެމީހުންގެ ބައިވެރިވުން އޮންނަންވާނެކަމަށް އަހަރެން ދެކެނީ." ޒެހެން ބުންޏެވެ. އެ ދެ ލޮލަށް ބަލަން ހޫރައިންއަށް އުނދަގޫވިއެވެ. ޒެހެންގެ ބެލުން ތަފާތުވެއްޖެކަން ހޫރައިންއަށް އިޙްސާސް ކުރެވެނީއެވެ. މާނަކުރަން ނޭނގޭ އެ ބެލުމުން ހޫރައިންގެ މޭ ފިނިވެ ހިތް އަވަސްކުރުވަނީއެވެ. ކުރީން ނުހުންނަ ދަމާބާރެއް ވާކަހަލައެވެ.
"ހޫރް..." ހޫރައިން އަނގައިން ނުބުނެ އިންނަން ފެށުމުން ޒެހެން ގޮވާލިއެވެ.
"އޯކޭ..." ހޫރައިން ބުނެލިއެވެ.
ސޯފާގައި އިނދެފައި ސުމައްޔާ ތެދުވިތަން ފެނި ކާމޭޒުދޮށުން ހޫރައިން ތެދުވިއެވެ. ސައި ނަގަންވީކަން ހޫރައިން ދެނެގަތެވެ. އެންމެން ކާމޭޒުދޮށަށް ޖަމާވިއެވެ. ސައި ކުރިޔަށް ދިޔައިރު ހޫރައިންގެ އުނގުގައި އިން ޔޫކްއާ މިއުނާ ވަރަށް ގިނަ ވާހަކަދެއްކިއެވެ. ޒެހެންގެ މަންމަކަން އެއީ އެކުއްޖާއަށް ބުނެދިނެވެ. ސުމައްޔާއާއި ހޫރައިން ބަސްމަދުވިޔަސް ހަސީނާއާއި މިއުނާއަކީ އެފަދަ ދެ މީހުންނެއްނޫނެވެ. ޒެހެން ގިނަ ވާހަކަތަކެއް ހޫރައިން ކައިރީ ދެއްކީ ނަމަވެސް އެންމެންގެ ކުރިމަތީ އޭނާ ވެސް ފެންނަނީ ހިމޭންކޮށެވެ. ޔުނިވަރސިޓީ ތެރޭ ހޫރައިންގެ ބޯކޮޅު ބަލަމުން ޒެހެން ދުވާކަމަށް ބުނެ ދިމާ ކުރުމުގެ ގޮތުން އެތައް އެއްޗެއް ހަސީނާ ކިޔެވެ. ހީނލަހީނލާ ޒެހެން އިނީ ރައްދެއް ނުދީއެވެ.
ޒެހެންއާއި މިއުނާ ދާން ނުކުތްއިރު އިރުއޮއްސުމާ ކައިރިވެއްޖެއެވެ. ދޮރުމަތީ މަޑުކޮށްލި ހޫރައިންގެ ކައިރީ ޒެހެން މަޑުކޮށްލިއެވެ. އޭރު ސަލާންކޮށްފައި މިއުނާ ދޮރޯށިން ނުކުމެއްޖެއެވެ.
"ދަނީ... މިރޭ ގުޅާނަން." ޒެހެން ބުނެލިއެވެ.
"ޔަގީންކަން އެބައޮތްތަ." ހޫރައިންއަށް މަޑުމަޑުން އަހާލެވުނެވެ.
"ތިބުނީ... ކޮންކަމަކަށް." ޒެހެން ސުވާލު އުފެދުނެވެ.
"ހުރިހާކަމަށް... އަހަންނާ މެދު... ކައިވެންޏާމެދު... ޔޫކް ވެސް." ހޫރައިންގެ ނަޒަރު ޒެހެންއާ އަމާޒުކޮށްލެވިފައި ވިއެވެ.
"ޔަގީން!... ޔޫ ޑޯންޓް ހޭވް ޓު ވޮރީ. އިންޝާﷲ، ޔޫ ވިލް ބީ މައި ވައިފް އެންޑް އައި ވިލް ޓްރައި ޓު ބީ ދަ ބެސްޓް ޑޭޑް ފޯ ޔޫކް. ހޫރް!... ޖަސްޓް ޓްރަސްޓް މީ. އައި ވޯންޓް ޑިސެޕޮއިންޓް ޔޫ. ޔޫ އާ ދަ އޮންލީ ވަން އައި ވޯންޓް." ލުއި ހިނިތުންވުމަކާއެކު ބޯޖަހާލަމުން ޒެހެން ބުނެލީ ހޫރައިންއަށް އަޑުއިވޭނޭ ވަރަށް މަޑުންނެވެ. ގަބޫލުކުރާކަމުގެ ރަމްޒެއްގެ ގޮތުން ހޫރައިން ވެސް މަޑުމަޑުން ބޯޖަހާލިއެވެ.
ޒެހެން ނުކުމެ ދޮރޯށި ލައްޕާލިއެވެ. މިއުނާއާއެކު ހިނގައިގަތެއް ކަމަކު ގޭކައިރީ ޕާކުކޮށްފައިވާ ސައިކަލުތަކުން ސައިކަލެއްގެ މަތީ އިން ހަމްދޫނު ފެނުމުން ޒެހެންއަށް އުނދަގޫވިއެވެ. އޭނާ ހޫރައިންމެން ގެއަށް ވަންއިރު ވެސް ހަމްދޫނު ހުރީ އެގޭ ދޮށުގައެވެ. ދެ ޒުވާނުންގެ ނަޒަރު ސީދާ ވެލިއެވެ. ފުރަތަމަ ނަޒަރު ވަކިކޮށްލީ ހަމްދޫނެވެ. އޭނާ ސަމާލުކަމެއް ނުދޭ ފަދައިން ސައިކަލު މަތިން ފޭބީއެވެ. ޒެހެން ފަސް އެނބުރި ބެލިއިރު އެ ޒުވާނާ ވަނީ ހޫރައިންމެން ގެއަށެވެ. ޒެހެންއަށް ދެބުމަ ކައިރިކޮށްލެވުނެވެ.
"އަހަރެން އަންނަކަން އެނގިފަ އޮތީ ކަންނޭނގެ. އަހަރެން ނުކުންނަންދެންތަ އެއިނީ؟... އެކަމަކު ކީއްވެ؟." ކުރިޔަށް ހިނގަމުންދިޔަ ޒެހެންގެ ހިތަށް ވަސްވާހުގެ ސުވާލުތައް ފުނިޖެހެންފެށިއެވެ. (ނުނިމޭ)