ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ މައްސަލަ އިލްތިމާސްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓްގައި ސާބިތުވެފައިވާ ޓެރަރިޒަމްގެ މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އިލްތިމާސްކޮށްފި އެވެ.

މިއަދު، ސުޕްރީމް ކޯޓުގައި ރައީސް ނަޝީދުގެ މައްސަލަ އިލްތިމާސްކޮށްފައިވަނީ އިސްތިއުނާފަށް ދިއުމަށް އެމަނިކުފާނު އަމިއްލަފުޅަށް އެދިވަޑައިގެންނެވެ. އަދި ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް "ޝަރުއީ ހައްލެއް" ހޯދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައި ވަނިކޮށެވެ.

އިސްތިއުނާފުގެ މައްސަލަ ކޯޓަށް ވެއްދުމަށްފަހު ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ، ސުޕްރީމް ކޯޓުގައި އެއްވެސް ވަގުތީ އަމުރަކަށް އެދިފައިނުވާނެ ކަމަށާއި ސުޕްރީމް ކޯޓަށް ވެއްދީ ހަމައެކަނި އިސްތިއުނާފުގެ މައްސަލަ ކަމަށެވެ.

"ރައީސް ނަޝީދަކީ ގޮތް ދޫކުރައްވާ ބޭފުޅެއް، ރައީސް ޔާމީން އިލްތިމާސްްކުރެއްވި ގޮތަށް ޝަރުއީ ހައްލެއް ހޯދުމަށް ރައީސް ނަޝީދު ނިންމެވީ، ވަރަށް އަވަހަށް ޝަރުއީ ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރަން،" ހިސާން ވިދާޅު ވިއެވެ.

ރައީސް ނަޝީދު "ޝަރުއީ ހައްލެއް" ހޯދުމަށް ނިންމަވާފައިވާއިރު އެމަނިކުފާނު ފުރަތަމަ ބޭނުންފުޅުވީ، ސިޔާސީ ހައްލެއް ހޯދުމަށެވެ. ނަމަވެސް ސިޔާސީ ހައްލެއް ހޯދައިދެވެން ނެތްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އިސްތިއުނާފުގެ މަރުހަލާގައި އދ. ގެ ނިންމުމަށް ރިޔާއަތްކުރަންޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އިސްތިއުނާފަށް ދިއުމަށް ނިންމި ނިންމުމަށް ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ.

ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ މައްސަލައިގައި ގާނޫނީ ގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ އާ ގާނޫނުލް އުގޫބާތުގެ ތެރެއަށް ނަޝީދުގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގެ ދައުވާ ބަދަލު ކުރުމަށް ކަމަށެވެ. އެ ގޮތަށް ދައުވާ ބަދަލުކޮށްފި ނަމަ، ނަޝީދުގެ މައްޗަށް އަންނާނީ ހަތަރު މަހުގެ ޖަލު ހުކުމެއް ކަމަށް ވެސް ވަކީލުން ވިދާޅުވެއެވެ.

ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުނާފަށް ނުދިއުމުން، ޕީޖީ އޮފީހުން އެ މައްސަލަ އިސްތުއުނާފުކޮށްފައިވެއެވެ. ނަމަވެސް އެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލާފައެވެ.