މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ނުކުޅެދުންތެރި މީހުންގެ ހައްގު ހޯދައިދޭ ކައުންސިލް އިންތިހާބުގެ ރަޖިސްޓްރީ އާންމުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ ވެބްސައިޓާއި ސަރުކާރުގެ ގެޒެޓްގައި އެ ރަޖިސްޓްރީ މިހާރު ވަނީ އާންމުކޮށްފަ އެވެ.

ރަޖިސްޓްރީ އަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައިވަނީ މިއަދުން ފެށިގެން މާދަމާ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ހުށަހަޅަން ހާއްސަކޮށްފައިވާ ފޯމަކުންނެވެ. މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

އިންތިހާބުގައި ވޯޓުލާ މީހުންގެ ދަފްތަރެއް ޖެންޑާ މިނިސްޓްރީން އެކުލަވާލާފައިވާއިރު އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކައުންސިލް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރަކާއި ޖެންޑާ މިނިސްޓްރީން އައްޔަންކުރާ މެންބަރަކާއި މެޑިކަލް ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުންހުރި ހަތަރު މެންބަރަކާ އެކު ޖުމްލަ ހަތް މެންބަރުންގެ މައްޗަށެވެ.

އިންތިހާބުކުރާ ހަތަރު މެންބަރުން ތަމްސީލް ކުރާ ދާއިރާ

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
  • ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާތަކުން ނުވަތަ އެފަދަ މީހުންނަށް ހިދުމަތްދޭ ޖަމިއްޔާތަކުން އިންތިހާބު ކުރާ މެންބަރެއް

ކައުންސިލްގެ ތިންވަނަ ދައުރަށް މެންބަރުން ހޮވުމަށް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 22 ވަނަ ދުވަހު އެވެ.

ފަސް އަހަރުގެ ދައުރަކަށް މެންބަރުން ހޮވާއިރު މިއަހަރު އިންތހާބު ކުރިއަށް ގެންދާނެ ގޮތުގެ ގަވައިދެއް ޖެންޑާ މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ. މީގެކުރިން މެންބަރުން ހޮވިއިރު އެފަދަ ގަވައިދެއް އެކުލަވާލާފައެއް ނުވެ އެވެ.

ނުކުޅެދޭ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ އަހަރަކު ދޭ "ރިހިވެލި" އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ދޭ އެވޯޑެކެވެ.