ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ވިސާ ފީ ކަނޑާލަން އެދިއްޖެ

ސްރީލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ސްރީލަންކާގެ ސަރުކާރުން ނިންމަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އާދަމް މަޒްވަރީ ޖައުފަރު ސާދިގު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ އައު ސަފީރު މަގާމާ ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ސަފީރު ވަނީ ތަފާތު އެކި ދާއިރާތަކާ ގުޅޭ މަޝްވަރާ ކުރައްވާފައެވެ. މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމާއި ތައުލީމު ކުރިއެރުވުމާއި އަދި ދަނޑުވެރިކަން ކުރިއެރުން ހިމެނެއެވެ.

މި ބައްދަލްވުމުގައި ރައީސް ސޯލިހް ވަނީ ސްރީލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ސްރީލަންކާގެ ސަރުކާރުން ނިންމަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި މި ކަމަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެބްރުވަރީ ހަތަރު ވަނަ ދުވަހު ފާހަގަކުރާ ސްރީލަންކާގެ 74 ވަނަ މިނިވަންދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މިދިޔަ 2021 ވަނަ އަހަރު އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ބޭއްވެވި މަޝްވަރާތަކާ ގުޅޭ މައުލޫމާތު ސަފީރާ ހިއްސާ ކުެައްވާފައެވެ.

ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ.