ޕެންޝަން އޮފީސް

ޕެންޝަނަށް 128 މިލިއަން ރުފިޔާ ދޫކޮށްފި

Feb 1, 2022

ޕެންޝަންގެ ގޮތުގައި ޖެނުއަރީ މަހު 128 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފި އެވެ.

ޕެންޝަން އޮފީހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޖެނުއަރީ މަހު ޕެންޝަން ފައިސާ ދޫކޮށްފައިވަނީ 28،708 މީހަކަށެވެ.

ޕެންޝަން އޮފީހުން ފައިސާ ދޫކުރަނީ ހަތަރު ބާވަތެއްގެ ޕެންޝަނަކަށެވެ. މީގެތެރޭގައި އެންމެ ގިނަ ބަޔަކަށް ފައިސާ ލިބެނީ އަސާސީ ޕެންޝަންގެ ބައިންނެވެ. މިބައިގައި ހިމެނޭ 19،823 މީހަކަށް 94 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ. އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ވަޒީފާއެއް އަދާނުކުރާ މީހުންނަށް އަސާސީ ބޭނުންތައް ހަމަޖެއްސުމަށް ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ.

ދެވަނަ އަށް އެންމެ ގިނަ ބަޔަކަށް ފައިސާ ދޫކޮށްފައިވަނީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގަ އެވެ. މިބައިގައި ހިމެނޭ 4،254 މީހަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.

ތިންވަނަ އަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ރިޓަޔާމަންޓް ޕެންޝަންގެ ގޮތުގަ އެވެ. މިބައިގައި ހިމެނޭ 1،637 މީހަކަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.

ހަތަރުވަނަ އަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ދައުލަތުގެ އެހެނިހެން ރިޓަޔާމަންޓް އިނާޔަތުގެ ގޮތުގަ އެވެ. މިބައިގައި ހިމެނޭ 2،994 މީހަކަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.

ޕެންޝަނާ ބެހޭ ގާނޫނެއް އެކުލަވާލައި އެ ގާނޫނުގެ ދަށުން ޕެންޝަން އޮފީސް އުފެއްދީ މީގެ 13 އަހަރު ކުރިން 2009 ވަނަ އަހަރު އެވެ.