އެސްޓީއޯއިން ފަށަން އުޅޭ ޑިޖިޓަލް ބޭންކަށް "އިވޯލްވް"ގެ ނަން ދީފި އެވެ.
އެސްޓީއޯގެ ފަރާތުން މިއަދު އެކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ކުރެއްވި ޓްވީޓެއްގަ އެވެ.
އަމްރު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކަކުން ޑިޖިޓަލް ބޭންކިންގެ ހިދުމަތުގެ ތެރެއަށް ވަންނަމުންދާއިރު އެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން ވެސް ބޭނުންވާ ކަމަށެވެ. ބޭންކް ހިންގަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަރަށް އަވަހަށް ހުއްދަ ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފެށުމަށްޓަކައި ލައިސަންސް ހޯދުމަށް އެސްޓީއޯ އިން އެމްއެމްއޭ އަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަތްވަނަ ދުވަހު އެވެ.
އަމުރު ކުރިން ވިދާޅުވި ގޮތުގައި ތިން މަސް ތެރޭގައި ޑިޖިޓަލް ބޭންކްގެ ހިދުމަތް ފެށުމަށް އެމްއެމްއޭ އިން ހުއްދަ ދޭނެ އެވެ. ނަމަވެސް އެމްއެމްއޭ އިން ހުއްދަ ދިނުން ލަސްވަނީ އެކަމާ ގުޅޭ އުސޫލެއް ނެތުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
އެސްޓީއޯގެ ޑިޖިޓަލް ބޭންކިން ހިދުމަތާ ބެހޭ ގޮތުން އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކެއްގައި ހިދުމަތްތައް އަވަސް ކަމާއެކު ފޯރުކޮށް ދެވޭނެ ކަމަށެވެ. އެކައުންޓު ހުޅުވުމާ އެހެނިހެން މުއާމަލާތްތައް ވެސް ތަނަކަށް ނުގޮސް އޮންލައިންކޮށް ކޮށްލެވޭނެ ކަމަށެވެ. އަދި ޑިޖިޓަލް ބޭންކިންގް މެދުވެރިކޮށް ލޯނަށް އެޕްލައިކޮށް އެކައުންޓަށް އެ ފައިސާ 60 ސިކުންތު ތެރޭގައި ޖަމާކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފަށަން ގަސްދު ކޮށްފައިވާ ބޭންކިން ހިދުމަތަކީ މުޅިން ޑިޖިޓަލްކޮށް ކުރިއަށް ގެންދާނެ ބޭންކެއް. އެކައުންޓު ހުޅުވާކަށް މީހެއް ކައިރިއަށް ދާކަށް ނުޖެހޭ. އޮންލައިންކޮށް ފަސް މިނިޓުތެރޭގައި އެކައުންޓު ވެސް ހުޅުވާލެވޭނެ،" އަމްރު ވިދާޅުވި އެވެ.
ޑިޖިޓަލް ބޭންކިން ހިދުމަތް ބެނުން ކުރާއިރު އެ ފައިސާ މެނޭޖު ކުރުމަކީ އެކައުންޓުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.
އެސްޓީއޯއަކީ ރާއްޖެއަށް ތެލާއި ބޭސް އެތެރެ ކުރާ މައި ކުންފުންޏެވެ. މި ކުންފުންޏަކީ ސަރުކާރުގެ އިތުރުން އާއްމު ހިއްސާދާރުންގެ ހިއްސާވެސް އޮންނަ ކުންފުންޏެކެވެ.