އެސްޓީއޯ

ބޮޑު ބަދަލަކާ އެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވައިފި

Mar 16, 2022

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖާގަ ތިންގުނަ ބޮޑުކޮށް އަދި އަމިއްލަ ވިޔަފާރިތަކަށް ވެސް އެތަނުން ފުރުސަތު ދީގެން "ހައިޕަމާކެޓް" ކޮންސެޕްޓްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން މިރޭ ހުޅުވައިފި އެވެ.

ކުރިންވެސް އެސްޓީއޯ ޕީޕަލް ޗޮއިސް ހިންގި އެސްޓީއޯ ޓްރޭޑް ސެންޓަރުގައި އަލުން ފިހާރަ ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުއާއި އެތަނުގައި އަމިއްލަ ވިޔަފާރި ހިންގަން ޖާގަ ހޯދާފައިވާ ފިހާރަތަކުގެ އިސްވެރިންނެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މުދާ ވިއްކާ އަމިއްލަ ވިޔަފާރިތަކަކީ ދަ މެރެތޮން ޝޮޕް، ނޯޓް ކޮސްމެޓިކްސް، ޕީކަބޫ، އަސްރަފީ ބުކްޝޮޕް، މެކްސްކޮމް ޓެކްނޮލޮޖީސް، ސިޓީ ބޭކަރީ، މަޑިހާ އަދި ޕޮއިސް ހިމެނެ އެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގައި އެސްޓީއޯ އިން އަދާކުރަނީ ވަރަށް މުހިއްމު ދައުރެއް ކަމަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވިއިރު އެތަނުގައި އަމިއްލަ ވިޔަފާރިވެރިންނަށް މުދާ ވިއްކުމުގެ ފުރުސަތު ދީފައިވާތީ އެކަން ފާހަގަކުރައްވަމުން ނައިބް ރައީސް ވިދާޅުވީ އެއީ އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުމަށް ލިބޭނެ ފަސޭހައެއް ކަމަށެވެ. އިގްތިސޯދީ ހާލަތު ރަނގަޅުވާނީ އެސްޓީއޯ ފަދަ ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަން އަމިއްލަ ކުންފުނިތަކަށް ލިބިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"މިއީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކެން. ޕްރައިވެޓް ސެކްޓަރު ވަރުގަދަ ކުރުމަށް އަޅުގަނޑުމެން ހުރިހާ ގޮތަކުން ވެސް މަސައްކަތް އެބަކުރަން ޖެހޭ،" ނައިބް ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމުގައި އެސްޓީއޯ ދެމިއޮންނާނެ ކަމަށެވެ. ޓްރޭޑް ސެންޓަރުގައި މިވަގުތު ހިދުމަތް ދޭ އަމިއްލަ ވިޔަފާރިތަކުގެ އިތުރަށް އެހެން އަމިއްލަ ވިޔަފާރިތަކުން ވެސް ފުރުސަތު ހޯދަން ގުޅަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ. ސަރުކާރުން ބޭނުންވަނީ އެސްޓީއޯ ފަދަ ސަރުކާރުގެ ކުންފުނިތަކުން ވިޔަފާރި ކުރުން މަދުކޮށް ވިޔަފާރީގެ ފުރުސަތުތައް އަމިއްލަ ފަރާތްތަކަށް ފަހިކޮށްދޭން ކަމަށްވީތީ އެސްޓީއޯ އިން އެގޮތަށް އަމަލުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމަކީ ޕީޕަލްސް ޗޮއިސްގައި އަމިއްލަ ވިޔަފާރިތަކުން އަޅުގަނޑުމެންނާ ގުޅެމުންދާކަން،" އަމްރު ވިދާޅުވި އެވެ.


އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މުދާ ވިއްކަން ފުރުސަތު ލިބުނު ބައެއް އަމިއްލަ ވިޔަފާރިވެރިން ބުނީ އެފަދަ ފުރުސަތެއް ލިބުމަކީ އެ ވިޔަފާރިތަކަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައި ދެކޭ ކަމަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އަކީ ދުވާލަކު ގާތްގަނޑަށް 2،000 މީހުން ވަދެ ނިކުމެ ހަދާ ތަނަކަށް ވާތީ އެތަނުން ވީހާވެސް ގިނަ ބާވަތެއްގެ މުދާ ލިބޭ ގޮތަށް ހަމަޖެހިގެން ދިއުމަކީ އެސްޓީއޯ އަށް ވެސް އަމިއްލަ ވިޔަފާރިތަކަށް ވެސް އަދި ކަސްޓަމަރަށްވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމުގައިވެސް ބުންޏެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މުދާ ވިއްކަން ވަކިން ޖާގަ ދިނުމާ ގުޅިގެން އެތަން ޒީނަތްތެރިކުރުމާއި އެތަނުގެ މަސައްކަތް ނިންމަން ކުރަންޖެހުނު މަސައްކަތް ކުޑަވެފައި އެތައް ތަނެއް ފަސޭހަ ކަމަށްވެސް ވެސް އެތަނުން ޖާގަ ލިބުނު ވިޔަފާރިވެރިން ބުނެފައިވެ އެވެ.