ޖަލުގައި ހުންނަތާ 20 އަހަރު ފަހުން ކުށެއް ނެތްކަން ސާބިތުވެ އެމެރިކާ މީހަކު ޖަލުން މިނިވަން ވެއްޖެ އެވެ.
އޭނާ 2003 ގައި ޖަލަށް ލީ މީހަކު މަރާލި ކަމުގެ ކުށް ސާބިތު ވެގެންނެވެ. އޭނާގެ ކުށެއް ނެތްކަން ސާބިތުވީ އޭނާގެ އައިޑެންޓިކަލް ޓްވިން އެ ކުށަށް އިއުތިރާފުވުމުންނެވެ.
ކެވިން ޑުގާގެ މައްޗަށް 54 އަހަރުގެ ޖަލު ހުކުމެއް އައީ 2005 ވަނަ އަހަރު އެވެ. އެއީ ގޭންގަކަށް ނިސްބަތްވާ ބަޔަކަށް ބަޑިން ދިން ހަމަލައެއްގައި އެތަނުން އެކަކު މަރުވެ އިތުރު މީހަކު ޒަޚަމް ވުމުންނެވެ. މި ހަމަލަ ދިނީ ޑުގާ ކަމަށް ކޯޓުގައި ސާބިތުވެ އޭނާ ޖަލަށްލީ އެވެ.
ނަމަވެސް ފުރަތަމަ ދުވަހުން ފެށީގެން ވެސް ޑުގާ ދިޔައީ އޭނާގެ ކުށެއް ނެތް ކަމަށް ބުނަމުންނެވެ. އަދި ބަޑި ޖެހީ އޭނާ ނޫން ކަމަށް ޑުގާ ބުނެ އެވެ.
ޑުގާ ޖަލުގައި 10 ވަރަކަށް އަހަރު ހޭދަކުރި ފަހުން އޭނާގެ އެއްމާބަނޑު ކޮއްކޮ ކާލް ސްމިތު ލިޔެފައިވާ ސިޓީއެއް އޭނާއަށް ލިބުނެވެ. ސްމިތު 2013ގައި ލިޔެފައިވާ ސިޓީގައި ބަޑި ޖެހީ އޭނާ ކަމަށް އެއްބަސް ވެފައިވެ އެވެ.
މި ދެބެންނަކީ އަށް ވަނަ ގްރޭޑާ ހަމައަށް އެއް ކުލައަކުން އެއްގޮތަކަށް ހެދުން އަޅައިގެން އެކަކު އަނެކަކަށް ހެދިގެން އުޅުނު ދެބެން ކަމަށް ވެސް ޗިކާގޯ ޓްރިބިއުން އިން ބުނެފައިވެ އެވެ.
އެމީހުންގެ ފަހަތު ނަން ތަފާތީ އެކަކު ބޭނުންކުރަނީ މަންމަގެ ފަހަތު ނަމަށް ވެފއި އަނެކަކު ބައްޕަގެ ނަން ބޭނުން ކުރާތީ އެވެ.
ސްމިތުގެ ސިޓީ ކޯޓަށް ހުށަހަޅައިގެން އޭނާގެ ކުށެއް ނެތް ކަން ސާބިތުކުރަން ޑުގާ މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު ސްމިތުގެ ސިޓީގައިވާ ވާހަކަތައް ކޯޓުން ވަނީ ގަބޫލުނުކޮށްފަ އެވެ.
ސަބަބަކީ ސްމިތު އޭރު ހުރީ ގެޔަކަށް ވަދެ ކުޑަ ކުއްޖެއް މަރާލައިގެން 99 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖަލުގައި ބަންދުކޮށްފައި ކަމަށް ވުމާއި އެ ކުށަށް އިއުތިރާފު ވިޔަސް ސްމިތަށް އިތުރު ހުކުމެއް ނާންނާނެތީ އާއި އިތުރު އަދަބެއް ނުދެވޭނެތީ އެވެ.
އޭރު ކޯޓުން ގަބޫލުކުރީ ސްމިތު އުޅުނީ އޭނާގެ ކޮއްކޮ ސަލާމަތްކުރަން ކަމަށެވެ. ނަމަވެސް ޑުގާގެ ލޯޔަރު 2021ގައި ކޯޓުގައި އަނެއްކާވެސް މި މައްސަލަ ޖައްސައިގެން ޑުގާގެ ކުށެއް ނެތްކަމަށް ނިންމައި އޭނާ މިނިވަން ވީއެވެ.