އައިޖީއެމްއެޗަށް ޑޮކްޓަރުން ހޯދަން އިއުލާން ކޮށްފި އެވެ.
އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ހޯދަނީ ތިން ޑޮކްޓަރުންނެވެ. އެންމެ ބޮޑު މުސާރަ ލިބޭ ޑޮކްޓަރަށް މުސާރައިގެ ގޮތުގައި 22،040 ރުފިޔާ ދެ އެވެ. ވަޒީފާއަށް ހޮވޭ ޑޮކްޓަރުންގެ ތެރެއިން އެންމެ ކުޑަ މުސާރަ ލިބޭ ޑޮކްޓަރަށްވެސް 15،090 ރުފިޔާ ދެ އެވެ.
މީގެއިތުރުން ކޮންމެ ޑޮކްޓަރަކަށް ވެސް ސާވިސް އެލަވަންސަށް މަކު 6،150 ރުފިޔާ އާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އޮންނަ އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އެލަވަންސް ދެއެވެ.
އައިޖީއެމްއެޗަށް އާންމު ގޮތެއްގައި ޑޮކްޓަރުން ނަގަނީ ނުވަ ގިންތި އަކަށް ބަހާލައިގެނެވެ. ހޮސްޕިޓަލުން ބުނީ ވަޒީފާ އަށް މީހުން ހޮވާނީ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއާއި ގާބިލްކަމަށް ބެލުމަށްފަހު ކަމަށެވެ.
މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމާ ހަމައަށެވެ.