ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެސިޓީ ކައުންސިލާ ހަވާލު ކުރަން ސަރުކާރުގައި އެދެން ކައުންސިލުން ފާސް ކޮށްފި އެވެ.
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ފާސްވީ ވޯޓުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ. ހުށަހެޅުން ފާސްކުރީ ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ރަށްވެހިކަމުގެ ހިދުމަތްތަކާއި އާންމު ހިދުމަތްތަކާއި ކައުންސިލްގެ މައްސޫލިޔަތުތައް ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވެސް މާލެ ސިޓީ ކައުންސިލުން ކުރުމާ ގުޅޭ ގޮތުން ކައުންސިލަރުންގެ މެދުގައި ބަހުސް ކުރުމަށް ފަހު އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލުކުރަން ފާސްކުރީ އެ މަސައްކަތަށް ބޭނުންވާ ބަޖެޓާއި މުވައްޒަފުންނާއި އަދި ވަސީލަތްތައް ސަރުކާރުން ސިޓީ ކައުންސިލަށް ހަމަޖައްސައިދޭން ޖެހޭ ގޮތަށެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީ އަށް ނުކުރެވޭތީ ރައްޔިތުންގެ ފަރާތުން އޭނާ އަށް އަބަދުވެސް ޝަކުވާ ލިބެމުންދާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ބައެއް ހިދުމަތްތައް ހުޅުމާލެއިން ރައްޔިތުންނަށް ނުލިބޭ ކަމަށާއި އެއީ ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށެވެ. އޭނާ ހުޅުމާލެ ދާއިރާގެ ކައުންސިލަރަކަށް ހުރިހާ ދުވަހަކު ރައްޔިތުން އެދޭ ކަންކަން ހަމަޖައްސައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރެއަށް ހުޅުމާލެ ގެންދިއުމާމެދު އެޗްޑީސީއާ ސިޓީ ކައުންސިލާ ދެމެދު ހިޔާލު ތަފާތު ވެފައިވެ އެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި ކަމަށް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެ ނިންމުން ތަންފީޒު ކުރުން ލަސްވަމުންދާތީ މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.