ދުނިޔެ

ރާއްޖެ ހިމެނޭ އިސްލާމީ ލަޝްކަރަށް ޗައިނާއިން އެއްބާރުލުން ދެނީ

ރާއްޖެ ހިމަނައިގެން ސައޫދީ އަރަބިއްޔާ އިސްވެއޮވެ، އެކުލަވާފައިވާ އިސްލާމީ ލަޝްކަރަށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށް އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ ޗައިނާ އިން ބުނެފި އެވެ.

ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށް އެކުލަވާލި ލަޝްކަރަށް ޗައިނާ އިން އެއްބާރުލުންދޭނެކަން ހާމަކުރެއްވީ ސީރިޔާގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރާ ގައުމުތަކުން އދ.ގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމެއްގެ ހަވާސާގައި ސައުދީގެ ހާރިޖީ ވަޒީރު އާދިލް އަލްޖުބައިރު އާއި ޗައިނާގެ ހާރިޖީ ވަޒީރު ވާން ޔީ އާއި ދެމެދު ކުރިއަށް ދިޔަ ބައްދަލުވުމެއްގަ އެވެ.

ޓެރަރިޒަމާ ދެކޮޅަށް އިސްލާމީ ލަޝްކަރުން ކުރިއަށް ގެންދާ ކަންކަމުގައި ޗައިނާއިން ފުރިހަމަ އެއްބާރުލުންދޭނެކަން ހާމަކުރައްވަމުން ވާން ޔީ ވިދާޅުވީ ހުރިހާ ދާއިރާއަކުން ވެސް އިސްލާމީ ލަޝްކަރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ޗައިނާގެ ބައިވެެރިވުން ބޭނުންވާ ކަންކަމުގައި ބައިވެރިވާނެ ކަމަށެވެ.

އިސްލާމީ ލަޝްކަރުގައި ރާއްޖެ އާއި ސައުދީގެ އިތުރުން ހިމެނޭ ގައުމުތަކުގެ ތެރޭގައި ޖޯޑްން، އެމިރޭޓްސް، ޕާކިސްތާން، ބަހްރައިން، ބަނގްލަދޭޝް، ބެނިން، ތުރުކީ، ޗާޑް، ޓޯގޯ، ތޫނިސް، ޖިބޫތީ، ސެނެގާލް، ސޫދާން، ސިއެރަލިއޯން، ސޯމާލިޔާ، ގެބޯން، ގިނީ، ފަލަސްތީން، ކޮމިރޯސް، ގަތަރު، ކޮއްޑިވޯރް، ކުވައިތު، ލުބްނާން، ލީބިޔާ، މާލީ، މެލޭޝިޔާ، މިސްރު، މޮރޮކޯ، މޮރިޓޭނިޔާ، ނައިޖަރް، ނައިޖީރިޔާ، ޔަމަން ހިމެނެއެވެ.

ސައުދީ އަރަބިއްޔާ އިން ކޮމާންޑަރެއްގެ ރޯލް ކުޅޭ މި ލަޝްކަރާ ގުޅޭ ގޮތުން ގުޅިފައިވާ ގައުމުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ލަޝްކަރުގެ މައިގަނޑު ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން ހަނގުރާމަ ކުރުން ކަމަށެވެ. އަދި ފައުޖުގެ ކޮމާންޑް ސެންޓަރު ހުންނާނީ ސައުދީ އަރަބިއްޔާގެ ވެރިވަށް ރިޔާޒްގަ އެވެ.