ކްރިމިނަލް ކޯޓް

މަހުލޫފް މައްސަލަ މިމަހު 10ގައި ފަށަނީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި އަނެއްކާ ވެސް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ މި މައްސަލަ އަކީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މައްސަލައަކަށްވީއިރު، މި މައްސަލަ ބަލާ ސެކްޝަނުގައި ހުންނަ ކޯޓު އޮފިސަރު މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މައްސަލައިގެ ބާވަތުން މިއީ ގިނަ ނޫސްވެރިން ވެސް ވަންނަން ބޭނުންވާނެ މައްސަލައެއް ކަމުން ކޯޓު ރޫމް މެނޭޖްކުރުމަށް ހުންނަ އޮފިސަރު ބަލިން ފަސޭހަވެފައި ވާތީ މަހްލޫފްގެ މައްސަލަ ފެށުމަށް އަލުން ތާވަލްކުރީ ކަމަށެވެ. ކޯޓުގެ ގިނަ މުވައްޒަފުން މިހާރު ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒުވެސް ޖަހައިފައިވާ ކަމަށް ކޯޓުން ބުނެ އެވެ.

ކޯޓުން ވަނީ މަހްލޫފްގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އަށް ތާވަލުކޮށްފަ އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް އެންމެ ފުރަތަމަ ތާވަލު ކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެކަމަކު އިދާރީ މައްސަލައެއް ޖެހުމުން އެދުވަހުގެ އަޑުއެހުން ކެންސަލް ކުރީ އެވެ.

އޭގެ ފަހުން މި މައްސަލަ ފަށާނީ ކޮވިޑްގެ ހާލަތު ރަގަޅުވުމުން ކަމަށް މައްސަލަ ބައްލަވާ ގާޒީ ނިންމެވި އެވެ. ކޯޓުގެ އެ ނިންމުމާ ގުޅިގެން މަހްލޫފްގެ މައްސަލައާއި އެހެން މައްސަލަތައް ތަފާތުކުރާ ކަމަށް ބުނެ ކްރިމިނަލް ކޯޓަށް އާންމުން ވަރަށް ބޮޑަށް ކިޔާފައިވެ އެވެ.