ހަބަރު

ސީއެމްޑީއޭގެ ސީއީއޯ އިސްތިއުފާދެއްވައިފި

Jan 19, 2015
1

ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯ ފާތިމަތު ޝަފީގާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާގެ އިސްތިއުފާގެ ސިޓީ އެ އޮތޯރިޓީގެ ބޯޑަށް ލިބިފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް އެތަނުގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސިޓީގައިވާ ގޮތުގެ މަތިން ޝަފީގާގެ އިސްތިއުފާ ވަނީ ބޯޑުން ގަބޫލުކޮށްފަ އެވެ. އަދި ވަގުތީ ގޮތުން އެތަން ހިންގެވުން އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް މަހުޒޫމް ސަލީމް އާ ހަވާލު ކުރަން ބޯޑުން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް ޝަފީގާ އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ.

އޭނާ އިސްތިއުފާދެއްވި އިރު، ސީއެމްޑީއޭ އިން ޕީޖީގެ އޮފީހަށް ފޮނުވާފައިވާ، އެމްޓީޑީސީގެ ހިއްސާތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ގަތް މައްސަލަ ދިރާސާކޮށް ދައުވާ ކުރުމުގެ ކަންކަން ކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.