ހަބަރު

ފިންގަޕްރިންޓް ޖަހައިގެން އަލުން ފޯމްތަކެއް ނުފުރާނަން: ޑިއާރްޕީ

މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން އެދި ޕާޓީތަކުން ހުށަހަޅާފައި ހުރި ފޯމުތަކުގައި މި އަަހަރުގެ ނިޔަަލަށް އިނގިލީގެ ނިޝާން ހަމަކުރަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ނުކުރަން ޑީއާރްޕީ އިން ނިންމައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ އާ ގާނޫނަށް 2013 ގައި އަމަލުކުރަން ފެށުމާ އެކު، ފޯމުތަކުގައި އިނގިލީގެ ނިޝާން ޖެހުމަށް ޕާޓީތަކަށް ހަމަސް ދުވަހުގެ މުއްދަތެއް އިލެކްޝަން ކޮމިޝަނުން ހުޅުވާލީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ގާނޫނުގެ ދަށުން، ޕީޕީއެމް ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީއަކަށް ވަނީ ނޯޓިސް ފޮނުވާފައެވެ. ޕީޕީއެމް އުފެއްދީ ގާނޫނުގެ ފަހުން ކަމަށް ވާތީ، ފިންގަޕްރިންޓް މައްސަލަ އެ ޕާޓީއަށް ދިމައެއް ނުވެ އެވެ.

"އަވަސް" އާ ވާހަކަފުޅު ދައްކަަމުން ޑީއާރްޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ވިދާޅުވީ، ކުރިން ކޮށްފައިވާ ކަމަކަށް ފަހުން ހެދޭ ގާނޫނު ނުހިނގާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އެ މައްސަލައިގައި އެޓާނީ ޖެނަރަލް ވެސް ލަފާދެއްވީ އެގޮތަށް ކަމަށެވެ. އެހެން ކަމުން، ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައި ތިބި މެމްބަރުންގެ އިނގިލީގެ ނިޝާން ހުށަހަޅަން ނުޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާތީ އިލެކްޝަންގެ އެންގުމަށް އަމަލު ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"13،000 މީހުންގެ ފިންގަޕްރިންޓް ޑީއާރްޕީއިން އެބަ ޖެހޭ ހޯދަން. އެކަމަކު އަޅުގަނޑުމެން މިވަނީ މިހާރު އިލެކްޝަނުން އެންގި ނަމަވެސް ފޯމްތައް އަލުން ނުފުރާ ގޮތަށް ނިންމާފަ. ސަބަބަކީ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް އަޅުގަނޑުމެން ދެކޭތީ،" ނަޝީދު ވިދާޅުވި އެވެ.

ފިންގަ ޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން އެމްޑީޕީއާއި ޑީއާރްޕީ އިން ވަނީ މިދިޔަ މަހު ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގެ ޝާރީއަތުގެ ބައްދަލުވުމެއް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެ ކޯޓުގައި ވަނީ ބާއްވާފައެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ގާނޫނުގެ ކުރިން ހުށަހަޅާފައިވާ ފޯމްތަކުގައި ފިންގަޕްރިންޓް ޖަހަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ، ގާނޫނު ތަފާތު ގޮތަކަށް މާނަކޮށްގެން ކަމަށެވެ. އެހެން ކަމުން ކޯޓު މެދުވެރިކޮށް އެ މައްސަލަޔަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އަނަސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މައްސަލަ ކޯޓުގައި އޮތަސް އެމްޑީޕީއިން އިލެކްޝަންގެ އަމުރަށް ކިޔަމަންވާނެ ކަމަށާއި، ފޯމްތަކުގައި ފިންގަޕްރިންޓް ޖެހުމުގެ މަސައްކަތް މިހާރުވެސް އެމްޑީޕީން ކުރަމުންދާ ކަމަށެވެ.

"ފޯމްތަކުގައި ފިންގަ ޕްރިންޓް ޖަހަން އިލެކްޝަނުން ނިންމުމުން އެމްޑީޕީން އެކަނިވެސް 23،000 އަށް ވުރެ ގިނަ ފޯމް އަލުން އެބަ ފުރަންޖެހޭ. މިއީ ޕާޓީއަށް އަންނާނެ ނިކަމެތި ކަމެއް. އިނގިލީގެ ނިޝާން ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި ނަމަ އެމްޑީޕީގެ މެމްބަރުންގެ ދެ ބައި ކުޅަ އެއްބައި އެބަ އާދޭ މީގެ ތެރެއަށް،" އަނަސް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ފޯމްތަކެއްގައި ފިންގަޕްރިންޓް ޖަހަންޖެހި، މެންބަރުން ގެއްލިދާނެކަމުގެ ބިރު އޮތުމުން އެމްޑީޕީއާ ޑީއާރްޕީއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އަދާލަތާއި ޖުމްހޫރީ ޕާޓީ ފެންނަނީ ވަރަށް ހަމަހިމޭން ކޮށެވެ. ފިންގަ ޕްރިންޓް ނުޖަހާ ފޯމްތައް ޕާޓީ މެންބަޝިޕުން އުނިކުރަން އިލެކްޝަނުން ނިންމާފައިވާއިރު، މިމަހުގެ ނިޔަލަށް 3000 މެންބަރުން ހަމަނުވާ ޕާޓީތައްވެސް އެކޮމިޝާނުން އުވާލާނެ އެވެ. އަދި މިމަހުގެ ނިޔަލަށް 10،000 ހަމަ ނުވާ ޕާޓީތަކަށް ހަރަދު ކުރުންވެސް ހުއްޓާލާނެ އެވެ.