މޯލްޑިވްސް ޕޮލިސް ސާވިސް

އަނބިމީހާ އަށް ހަމަލާދިނުމުގެ ތުހުމަތުގައި ފިރިމީހާ ހައްޔަރުކޮށްފި

Feb 2, 2022

އަނބިމީހާގެ ގަޔަށް ވަޅި ހެރުމުގެ ތުހުމަތުގައި ފިރިމީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އުމުރުން 37 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ އަނބިމީހާ އަކީ ވެސް އިންޑިއާ މީހެއް ކަމަށް އެނގިފައިވެ އެވެ.

ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލަތަކެއް ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައި ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ދެ މީހުންނަށް ވެސް އަނިޔާ ލިބިފައިވެ އެވެ.

އަންހެން މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އެކަމަކު އޭނާ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނި ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

އަންހެން މީހާ ދިިރިއުޅޭ ގެއިން ނެރެ އޭނާ ފަރުވާއަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެެއްވެސް މިހާރު ވަނީ އާންމުވެފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ ލައިގެން ހުރި ހެދުމުގައި ވަރަށް ގިނައިން ލޭ ހުއްޓެވެ. ފުލުހުންގެ އެހީތެރިކަމުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ ރޯ އަޑުވެސް އިވެ އެވެ.