ރައްޔިތުން މަޖިލިސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވާ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮއިކޮޓް ކުރަން ނިންމައިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޖުޑިޝަރީއަށް އަތްބާނާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ރައީސް ޔާމީނަށް ޓާގެޓްކޮށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުން ވަނީ އެ މުއައްސަސާތަކުގެ ބާރުކަނޑުވާލާފައި ކަމަށާ އިންތިހާބެއް ބޯމަތިވެފައި އޮތްއިރު ސަރުކާރުން ދަނީ ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ހިންގަމުން ކަަމަށެވެ. އަދި މި ހާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގެންގޮސް ސަރުކާރާ ރައްޔިތުންގެ މަޖިލިސް ގުޅިގެން އެ މުއައްސަސާ ވަނީ ހައިޖެކް ކޮށްފައި ކަމަށްވެސް ބުންޏެވެ.
ކޮރަޕްޝަނާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތުމަކީ މި ސަރުކާރުގެ ހުދު މުހުތާރުކަމާއި ޑިމޮކްރެސީ އާއި ބީރައްޓެހިކަން ހާމަވެގެންދާ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އަދި މި ސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ އެކިއެކި ގޮތް ނޭނގޭ އެއްބަސްވުންތަކުގެ ދަށުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލިފައިވާއިރު ރައީސް ޔާމީން އިސްވެ ހުންނަވާ އިންޑިޔާ ސިފައިން މި ގައުމުން ބޭލުމަށް ގޮވާލާ ހިންގާ އިންޑިއާ އައުޓް ކެޕްމެއިނާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ތައްޔާރުވެ އެ ކެމްޕެއިންގައި އަޑުއުފުލާ މީހުންނަށް ޖިނާއީ ދައުވާކޮށް ޖަލަށްލުމަށް ގާނޫނު ފާސްކުރަން ނިންމާފައިވާ ނިންމުމަކީ މި ސަރުކާރު އިންޑިޔާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
"... އެހެންކަމުން މިހާ ހުދުމުހުތާރު ޑިމޮކްރެސީގެ ހަމަތަކާއި ބީރައްޓެހި ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އިސްވެ ދެންނެވުނު ކަންކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން މި ކޯލިޝަނުން ބައިވެރިނުވާން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރާކަން ހާމަކޮށް ނެރެފައިވާ ބަޔާނުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ފަށާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ކަމަށެވެ.
މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވާ އިތުރު ކަމެއް ނޯންނާނެ އެވެ. ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބު ދިނުން ވެސް އޮންނާނެ އެވެ.
ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.