ލައިފްސްޓައިލް

ސިނގިރޭޓް ބުއިން ހުއްޓާލުމުން މުއްސަނދިވެއްޖެ

ކޮންމެ ސިނގިރޭޓް ޕެކެޓެއްގައި ވަރުގަދަ އިންޒާރެއް ދޭ މެސެޖެއް ލިޔެފައި ވެއެވެ. ބައެއް ފޮށިތަކުގައި ސިނގިރޭޓް ބުއިމުން ފުއްޕާމެއަށް ކެންސަރު ޖެހި ހަލާވެފައިވާ ތަން ފެންނަ ފޮޓޯތައް ވެސް ޖަހާފައި ހުރެ އެވެ. ނަމަވެސް އެ އިންޒާރުތައް ކިޔައި އެ ފޮޓޯތަކަށް ސަމާލުކަންދޭ ބަޔަކު ނޫޅެ އެވެ. އަދި ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވެދާނެތީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ބިރެއް ވެސް ނުގަނެ އެވެ

ސިއްހަތަށް ލިބޭ ގިނަގުނަ ގެއްލުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެމީހާގެ އާމްދަނީގެ ބޮޑު ބައެއް ވެސް އެކަމަށް ގޮސް ހުސްވާނެ ކަމެކެވެ. އިނގިރޭސި ވިލާތުގެ މި މީހާގެ ތަޖުރިބާއިން މިކަން ވަރަށް ރަނގަޅަށް ސާބިތުވެ އެވެ.

މި ފިރިހެންމީހާއަކީ ސިނގިރޭޓަކަށް ފަހު ސިނގިރޭޓަށް ބޮމުން ދިޔަ މީހެކެވެ. އެހެންވެ އޭނާ އަތުގައި އޭރު އެއްގޮތަކަށް ވެސް ފައިސާ ހަރެއް ނުލަ އެވެ. އަބަދުވެސް އުޅެން ޖެހެނީ ފައިސާ ނެތިގެން ހަދާނެގޮތެއް ނޭނގިގެންނެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ފަހު މިހާރު އޭނާގެ އަތުގައި ލައްކަ ލައްކައިން ފައިސާ ހުރި ކަމަށް އޭނާ ބުނެ އެވެ.

އެ މީހާ ބުނާ ގޮތުގައި ފާއިތުވީ ތިން އަހަރު ތެރޭގައި 17 ލައްކަ ރުޕީސް އޭނާ ވަނީ ސަލާމަތްކޮށް ރައްކާ ކޮށްފަ އެވެ. އަދި މުޖުތަމައުން އޭނާއާ މެދު ދެކޭ ގޮތް ބަދަލުވެ މީހުންގެ އިހުތިރާމާއި ގަދަރު ވެސް އިތުރުވެއްޖެ ކަމަށް އޭނާ ބުންޏެވެ.

ފިރިހެންމީހާ ބުނާ ގޮތުގައި އޭނާ ސިނގިރޭޓް ބޯން ފެށީ އުމުރުން 13 އަހަރު ގައެވެ. ސިނގިރޭޓް ބުއިން އޭނާ މުޅިން ހުއްޓާލީ 20 އަހަރު ވަންދެން ސިނގިރޭޓް ބުއިމަށް ފަހުގަ އެވެ.

އޭނާ ކިޔައިދިން ގޮތުގައި ސިނގިރޭޓަށް ދެވި ހިފީ ސްކޫލްގައި އުޅުނު ދުވަސްވަރު އޭނާއަށް ވުރެ ސީނިއާ ކުދިންނާއެކު އުޅުމުގެ ތެރޭގައި އެކުދިން ސިނގިރޭޓް ބޯތަން ފެނިގެންނެވެ. އެހިސާބުން އޭނާއަށް ކިޔެވުމަށްވުރެ ވެސް ސިނގިރޭޓް މުހިއްމުވި އެވެ. އަދި ކިޔަވަން ނުގޮސް ރައްޓެހިންނާއެކު ސިނގިރޭޓާއި ބަނގުރާ ބުއިމުގައި އުޅުމަށްފަހު މަސްތުގެ ހާލުގައި ކޮންމެ ދުވަހަކު ގެއަށް އައިސް މައިންބަފައިންނާ އަރާރުން ވަމުން ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ.

އެންމެ ފަހުން މި އަރާރުން ބޮޑުވެ އުމުރުން 16 އަހަރުގައި އޭނާ މައިންބަފައިންގެ ގެއިން ނުކުތީ އެވެ. ލަންޑަންގެ މަގުތައް މަތީގައި ހަ ހަފުތާ އޭނާ ހޭދަ ކުރި އެވެ. އެހިސާބުން އޭނާއަށް މި ކުރެވުނީ ވަރަށް ބޮޑު ގޯހެއްކަން އިހްސާސްވެ ބައްޕައަށް ގުޅައި މައާފަށް އެދުނެވެ. އޭނާގެ ބައްޕަ އޭނާ ފޮނުވީ ގްލާސްގޯ އަށެވެ. އަދި އެތަނުން ވަޒީފާއެއް ވެސް ހަމަޖައްސައިދިނެވެ.

އެގޮތަށް އުޅެމުންގޮސް ލޯބީގެ ގޮތުން ގުޅެވުނު މީހާ އާ 2011ގައި ވަކިވާން ޖެހުނު ހިސާބުން އޭނާއަށް ވަޒީފާގެއްލި އަނެއްކާވެސް މަގުމަތިވީ އެވެ.

އޭނާއަށް ކުރިމަތިވަމުންދާ ހުރިހާ މައްސަލައެއްގެ ވެސް އަސްލަކީ ސިނގިރޭޓްކަން އެ ހިސާބުން އޭނާއަށް އިހްސާސްވި އެވެ. އަދި 2018 ގައި އޭނާ ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލާފަ އެވެ. އޭނާއާ އެއް އޮފީހެއްގައި މަސައްކަތް ކުރި މީހެއްގެ އެހީތެރިކަމާއެކު ދުންފަތާ އޭނާ މުޅިން ދުރުވި އެވެ. އަދި ފާއިތުވީ ތިން އަހަރު ތެރޭ އޭނާއަށް ލިބުނު އާމްދަނީން 17 ލައްކަ ރުޕީސް އޭނާއަށް ވަނީ ރައްކާކުރެވިފަ އެވެ. އެއީ ދުންފަތުގެ އިސްތިއުމާލުކުރުމުގައި އޭނާ ދެމި ހުރިނަމަ އެކަމަށް އޭނާ ޚަރަދުކުރާނެ ފައިސާ ކަމަށް އެމީހާ ބުންޏެވެ.

ސިނގިރޭޓް ބުއި ދުވަސްވަރު ހަފުތާއަކު 110 ޕައުންޑް އޭނާ އެކަމަށް ޚަރަދުކޮށްފައި ވެއެވެ. އެ ފައިސާ ރައްކާކުރާތާ ތިން އަހަރުވިއިރު އޭނާގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރެވި މުއްސަނދިވީ އެހެންވެ އެވެ.