ރިޔާސީ ބަޔާން

އިންޑިއާއަށް 250 މިލިއަން ޑޮލަރު ދައްކައިފި

ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ދައްކައިފި އެވެ. އެކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

އެމަނިކުފާނު ވިދާޅުވީ 2019 ވަނަ އަހަރުގެ ޖުލައި މަހު ދައުލަތުގެ ރިޒާރވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ދައްކާ ނިމިފައިވާ ކަމަށެވެ.

އަދި ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރޭން މި ސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކާ ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"އެހެން ކަމާއެކުވެސް 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގާ 791.2 މިލިއަން ޑޮލަރު ހުރި،"

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ބޭރުފައިސާގެ ތާށިކަން ހައްލު ކުރުމާ ދިވެހި ރުފިޔާގެ އަގު ހިފެ ހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މި އަހަރު އަޅަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތެއް ހިނގަނީ މާލީ ލޭންދޭނުތަކާވެސް އެކުގައި. މި ގޮތުން ހޯދަން ޖެހޭ އެއްޗެއް ހޯދުމާ އަދާ ކުރަން ޖެހޭ އެއްޗެއް އަދާ ކުރުމުގާ އިގްތިސާދީ ދުޅަހެޔޮ ސިޔާސަތެއްގައި ދެމި ތިބެވޭނެ ކަމުގެ އިތުބާރު ސަރުކާރަށް އެބައޮތް. އަންދާޒާ ކުރެވިފައިވާ އިގްތިސާދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ އަޒުމް. ކޮވިޑް-19ގެ ކުރިން އޮތް ހިސާބަށް އިގްތިސާދު އަނބުރާ ގެންދެވޭނެ ކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ އިރާދަ ކުރެއްވިއްޔާ 2023،" ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.