ޑރ. މުހައްމަދު މުއިއްޒު

ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ ކަމެއްގައި ދޫނުދޭނަން: ރައީސް

ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ އެއްވެސްކަމެއްގައި އެއްވެސް ބަޔަކަށް ދޫނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާއާ އެމަނިކުފާނު ހަވާލުވިއިރު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ހިޔާމަތްކޮށްދޭނެ ކަމުގެ ވައުދު ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް، އަޅުގަނޑުމެންގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެ ގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިއަތެއް." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެގައުމުގެ ސަރުކާރުގައި ދަންނަވާފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ގާއިމުވެ ތިބި ތިން އޭވިއޭޝަން ފްލެޓްފޯމުތަކުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި ބޭރުގެ ސިފައިން މާޗް 10 ގެ ކުރިން ދާނެ ކަމަށާއި ބާކީ ދެ ފްލެޓްފޯމުން 10 މޭ ގެ ކުރިން ދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިހުތިޔާރުތަކެއް އުތުރުކަރައަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ވާހަކަވެސް މިހާރު ވާނީ ރަސްމީ ހަމަތަކުގެ މަތީން ދަންނަވާފައި." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް ތަޖްރިބާކާރުންގެ ޓީމަކުން މިހާރު ކުރަމުންދާ ކަމަށެވެ.