މެލޭޝިޔާ ގައި ހަފުތާއެއްވަންދެން ކޭމްޕްކުރުމަށްފަހު މިރޭ މާލެ އައި ގައުމީ ފުޓްބޯޅަ ޓީމު އަންނަ ބުދަ ދުވަހު ފަށާ ސާފް ސުޒުކީ ކަޕަށް އަންގާރަ ދުވަހު އިންޑިޔާ އަށް ފުރަން ނިންމައިފި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަން އަހުމަދު ޝަކީބު ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓެއްގައި ގައުމީ ޓީމު އެރޭ މާލެއިން ފުރާނީ މާދަމާ ހަވީރު ބާއްވާ ކުޑަކުދިންގެ ހަވީރުގައި ވެސް ބައިވެރިވުމަށްފަހު އެވެ.
ގައުމީ ފުޓްބޯޅަ ޓީމު ވަނީ މެލޭޝިޔާގައި ހަތަރު މެޗު ކުޅެފަ އެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ މެޗުގައި މެލޭޝިޔާގެ ޔޫއައިޓީއެމް އަތުން ބަލިވީ 5-2އިންނެވެ. ދެ ވަނަ މެޗުގައި އެއާއޭޝިޔާ އެފްސީ އަތުން 2-0އިން މޮޅުވެ ތިން ވަނަ މެޗުގައި ރާއްުޖެ މޮޅުވީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ ޕީޑީއާރުއެމް އަތުން 3-2އިންނެވެ. ފަހު މެޗުގައި ރާއްޖެ މޮޅުވީ ޔޫކޭއެމް އެފްސީ އަތުން 4-2އިންނެވެ.
މި ހަތަރު މެޗަށް ފަހު މުބާރާތަށް ގެންދާ ގައުމީ ޓީމުގެ ފައިނަލް 20 ކުޅުންތެރިން ކޯޗު ނިންމާނީ މާދަމާ އެވެ. މިވަގުތު ސްކޮޑުގައި 30 ކުޅުންތެރިން އެބަތިއްބެވެ.
ސާކުގެ އަށް ގައުމުގެ ތެރެއިން ޕާކިސްތާން ފިޔަވައި އަނެއް ހަތް ގައުމު ވާދަކުރާ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫބީ ގަ އެވެ. ތިން ޗެމްޕިއަނުން ކަމަށްވާ ރާއްޖެ އާއި ބަނގްލަދޭޝް އަދި އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާން ހިމެނޭ މި ގްރޫޕުގައި ދެން އޮތީ ބޫޓާނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ރާއްޖެ ކުޅޭނީ ބޫޓާނާ އެވެ. ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ކުޅޭނީ ބަނގްލަދޭޝްއާ އެވެ. ތިން ވަނަ މެޗުގައި އަފްގާނިސްތާނާ ބައްދަލުކުރާނީ ހޯމަ ދުވަހު އެވެ.
އަންނަ ޖަނުއަރީ މަހުގެ ތިން ވަނަ ދުވަހު މުބާރާތުގެ ފައިނަލް ކުޅެން ނިންމާފައިވާއިރު މުބާރާތުގެ ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.