( 1 ފެބްރުއަރީ 2022 އާ ގުޅޭ )
"އަހަރެން އަންނަކަން އެނގިފަ އޮތީ ކަންނޭނގެ. އަހަރެން ނުކުންނަންދެންތަ އެއިނީ؟... އެކަމަކު ކީއްވެ؟." ކުރިޔަށް ހިނގަމުންދިޔަ ޒެހެންގެ ހިތަށް ވަސްވާހުގެ ސުވާލުތައް ފުނިޖެހެންފެށިއެވެ.
މުނައްވަރަށް ގުޅައިގެން މިއުނާ އިނީ ސިޓިންރޫމު ސޯފާގައެވެ. ފިރިހެން ދަރިފުޅު މީހަކާ އިންނަން އުޅޭ ކަމުގެ ޚަބަރު ބޭބެއަށް މިއުނާ ދިނެވެ. ޝާހީނާއާ ހަމައަށް އެ ވާހަކަ ފޯރުމާއެކު ވަގުތުން މިއުނާއަށް ގުޅިއެވެ. ޒެހެން ގޮވައިގެން އެ ގެއަށް އަންނަން އޭނާ އެދުނެވެ. ޒެހެން މީހަކާ އިންނަން އުޅޭއިރު އެމީހުން ދުރުގައި ކަންބަލަން ތިބޭ ބަޔަކަށް ހަދަނީތޯ ބުނެ ޝާހީނާ ޝަކުވާކުރިއެވެ. ޝާހީނާގެ ގޮތް މިއުނާއަށް އެނގެއެވެ. އެ ގޭ ކުދީންނަށް އެނގުމުން ވަކިން ފޯރި ގަދަވާނޭކަން ވެސް މިއުނާ ދެނަހުއްޓެވެ. މިއުނާ ހުރީ ހުރިހާ ކަމެއް ހަމަނުޖެހެނީސް އެފަދަ ވާހަކައެއް އެއްވެސް މީހެއްކައިރީ ނުދައްކާށެވެ. ޒެހެން ވެސް އެގޮތް ބޭނުންނުވާތީއެވެ.
މެންދުރުފަސްވެ ދޭއްޖަހައި ހިނގައްޖެއެވެ. ބަނަކޮށް އޮތް ނަމަވެސް ވާރޭ ނުވެހޭތާ ދެ ދުވަސްވެއްޖެއެވެ. ޒެހެން އިނީ ރަންކިޔުމުގެ ޙަފުލާ ބާއްވަން މިއުނާ ގަސްދުކުރާ ގޮތުގެ ވާހަކަތައް ދައްކާތީ އަޑު އަހާށެވެ. އެޕާޓްމެންޓުގެ ބެލް އެޅުމުން ދޮރު ހުޅުވަން އައީ ޒެހެންނެވެ. އޭގެ ދެމައިން ހައިރާންކޮށްލީ މުނައްވަރުގެ ޢާއިލާއެވެ. ހުޅުވާލި ދޮރުން ޝާހީނާއާއެކު އޭނާގެ ތިން ދަރީންނާއި މާމަ ދަރީން ވަދެގެން އައެވެ. އަޑުފަށްގަނޑު ގަދަވިއެވެ. ސާރާ ވަގުތުން ޒެހެންގެ ގައިގާ ހިފައިގަތެވެ. އެކުއްޖާގެ އަނެއްފަރާތުން ނަހުޔާނު އައިސް ޒެހެންގެ ކޮނޑަށް އަތްވައްޓާލައި ބައްދައިގަނެއްޖެއެވެ.
"މިފަހަރު އަހަރެމެން މިއައީ..." ހިނިއައިސްފަ ހުރި މިއުނާގެ ކައިރީ ހުއްޓެމުން ޝާހީނާ ބުންޏެވެ.
"ކުޑައައްތަގެ މިދަރިފުޅު އިންނަން އުޅޭ ކުއްޖާ އަވަހަށް ދައްކަބަލަ." ނަހުޔާނު މަންމައާއެކު ސޯފާގައި އިން މިއުނާ ވާހަކަދެއްކިއެވެ.
"ޖޭލޯ ހެންތަ ހުންނަނީ." ސުހާނާ ދިމާކޮށްލިއެވެ. ޒެހެންގެ ފުރާވަރުގައި އޭނާއަށް އެންމެ ރީތިވެގެން އުޅުނު އަންހެނަކީ އެއީއެވެ. އޭނާގެ ޕޯސްޓަރުތައް އެއްކޮށްގެން ޒެހެން އުޅުނުކަން އެއީ އެ ޢާއިލާ އެންމެންނަށް އެނގޭ ކަމެކެވެ.
"އެހެންވެ ދޯ ތިއައީ. އެކަމަކު ނުފެންނާނެ އިނގޭ. ބެލިޔަސް ނުފެންނާނެ ކަހަލަ ކުއްޖެއް އެއީ." ނަހުޔާންގެ އަތްދަށުން ސަލާމަތްވަމުން ޒެހެން ހެމުންހެމުން ބުނެލިއެވެ.
"ބޮޑުދޮންބެދައްތަ ވެސް ބޭނުން ބަލާލަން." ޝާހީނާ ވެސް އިނީ އެކުއްޖަކު ދުށުމަށް ބޭނުންވެފައެވެ.
"ޒެން އަތުގެ ފޮޓޯއެއް އޮތިއްޔާ ދައްކަބަލަ." މިއުނާ ބުންޏެވެ.
"ދެއްކިޔަސް ނުފެންނާނެ. ނޫންތަ މަންމާ." ޒެހެން ބުނާ އެއްޗެއް މިއުނާއަށް އެނގެއެވެ. އެކަމަކު ދެންތިބި އެކަކަށް ވެސް ފަހުމެއް ނުވެއެވެ.
ފޯނު ހުޅުވާލި ހިނދު ހުސިޔާރުވެ ހުރި ސާރާ ފޯނު އަތުލައިފިއެވެ. ސުހާނާއާއި ނަހުޔާނު ނިކަން އަވަހަށް ސާރާގެ ގާތަށް ޖެހުނެވެ. އެ ތިންބެއިން ވެގެން ޒެހެންގެ ފޯނުގަ ހުރި ފޮޓޯތައް ބަލަންފެށިއެވެ. އެމީހުންގެ ލޮލުގައި އަޅައިގަންނަވަރުގެ ފޮޓޯއެއް އެއަކުނެތެވެ. ތިން މީހުން ތިންމީހުންނާ މަޝްވަރާގަ ތިއްބެވެ. ދުރުގައި ހިނިއައިސްފަ ޒެހެން ހުއްޓެވެ.
"ނުފެނުނީތަ؟." ޒެހެން އަހާލިއެވެ.
"މީ ދޯ..." ތިން މީހުންނަށް އެއްބަސްވެވުނު ފޮޓޯ ސާރާ ދައްކާލިއެވެ. އެއީ ގުރޫޕު ސެލްފީއެކެވެ. ތިން ފިރިހެނުންގެ ތެރޭގައި ހުރީ އެންމެ އަންހެންކުއްޖެކެވެ. އެ ފޮޓޯ ފެނުމާއެކު ޒެހެން ހެމުންހެމުން ބޯހޫރުވާލައިފިއެވެ. އެ ފޮޓޯގައި ޒެހެންއާއެކު ތިބީ ޝާފީއާއި ރަހީމްއެވެ. އަންހެންކުއްޖަކަށް ހުރީ ތަހާނީއެވެ. ތަހާނީގެ ކައިރީ ހުރި އެކަކީ ޒެހެންއަށްވީމަ އެ މީހުން ލަފާ އެކުރީ އިންނަން އުޅޭ އަންހެންކުއްޖަކީ އެއީކަމަށެވެ.
"އެކަކުވެސް ހީނުކުރާ ކަހަލަ ކުއްޖެއް ޒެން ހޮވީ." ކައިރީގަ އިން ޝާހީނާ ގާތު މިއުނާ ބުނެލިއެވެ.
"ރަނގަޅު ކުއްޖެއްތަ؟." ޝާހީނާއަށް އަހާލެވުނެވެ.
"ވަރަށް ރަނގަޅު ކުއްޖެއް." މިއުނާ ބުންޏެވެ.
ޒެހެން އަތް ދިއްކޮށްލީ ފޯނު ދޭށޭ ބުނާ ފަދައިންނެވެ. ކާކުކަން ނުހޯދުނީތީ ބަލި ޤަބޫލުކުރި ފަދައިން ސާރާ ފޯނު ދިއްކޮށްލިއެވެ. ފޯނު ހިފައިގެން އައިސް ޒެހެން އިށީނީ ޝާހީނާ ކައިރީ ސޯފާގައެވެ. އެންމެ ފުރަތަމަ ފޮޓޯ ބަލަންވާނީ ޝާހީނާ ކަމުގައި ޒެހެން ބުންޏެވެ. އޭނާގެ ފޯނުގައި ރައްކާކޮށްފައިވަނީ ހޫރައިންގެ ދެ ފޮޓޯއެވެ. އެތަނުން ޒެހެން އެންމެ ގަޔާވާ ފޮޓޯ ބޮޑުކޮށްލުމާއެކު ޝާހީނާއަށް ދައްކާލިއެވެ. އަބުއިގޮތަކަށް ކުއްލިއަކަށް ޝާހީނާއަށް ބަލާލެވުނީ ކައިރީގަ އިން މިއުނާއަށެވެ. އޭނާއަށް އެވީގޮތް މިއުނާއަށް ވިސްނުނެވެ. ލުއި ހިނިތުންވުމަކާއެކު މިއުނާ ބޯޖަހާލީއެވެ.
"ބެލިޔަސް ނުފެންނާނެ. ރަނގަޅަށް ދަރިފުޅު ބުނީ." ނިކަން ހިނިއައިސްފަ އިނދެ ޝާހީނާ ބުނެލިއެވެ. އެހިނދު ސާރާއާއި ސުހާނާއެކޭ އެއްފަދައިން އެ ފޮޓޯ ބަލަން ނަހުޔާނު ވެސް މަންމަގެ ގާތަށް އަތުވެއްޖެއެވެ.
"ސީރިއަސްކޮށްތަ؟." ދެ ލޯ ބޮޑުކޮށްލެވުމާއެކު ސުހާނާ އަހާލިއެވެ. ނަހުޔާނު ބަލަން ހުރީ ބަސްހުއްޓިފައި ހުރި މީހަކުހެންނެވެ. ޒެހެން ހީނގަތެވެ. އެ އެންމެންގެ މޫނުން ފާޅުވީ އަސަރުތަކުން ޒެހެންއަށް މަޖާވީއެވެ.
* * * * *
ޒެހެން ގެނެސްދިން ފޮތް ޔޫކްއަށް ކަމުދިޔަވަރުން އަބަދުހެން އުޅެނީ އެ ފޮތް ހިފައިގެންނެވެ. ހޫރައިންއަށް ޒެހެން ގުޅައިފިނަމަ އޭނާ ފޯނުކޯލު ކަނޑާލަނީ ޔޫކްއާ ވެސް ވާހަކަދައްކާފައެވެ. ތަޅުންމަތީ ފައިކުރުކޮށްލައިގެން ހޫރައިން އިނީ އެނދުގައި ބުރަކަށީ ޖެހޭނޭ ހެންނެވެ. ދެކަކުލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ.
"އިންސާފު... ދުނިޔެމަތީގަ ލިބޭނެކަމަށް އުންމީދެއް ނުކުރަން. އޭގެ ފަހުން ފަސް އަހަރު ފާއިތުވެގެން ދިޔައިރު އެތަނުން އެންމެ މީހެއް ވެސް ހޯދުނުތަ؟. ދެން ނޫޅެން... ކައިވެނި ކުރެވެން އުޅޭއިރު އެ ހުރިހާކަމެއް ހަނދާންނައްތާލަން ބޭނުމީ. އިންސާފު ނުލިބުނަސް ހެޔޮ. ޔަގީނުން ވެސް އެއީ ކޮންބައެއްކަން އެނގޭނެ ދުވަހެއް އަންނާނެ. އެ ދުވަހުން އިންސާފުވެސް ލިބޭނެ. އެހެންވީމަ ދެން ހެޔޮ. އެކަމުގެ ތެރޭގަ އަހަންނަށް އުޅެވިއްޖެ... އުފާވެރި ހަޔާތެއް އަހަރެން ބޭނުން. އަހަރެންދެކެ ލޯބިވާނެ މީހަކު ބޭނުން... އަހަރެން އެކަނިވާން ދޫކޮށްނުލާނެ މީހެއް... އަހަރެންގެ ޔޫކް ރައްކާތެރިކުރާނެ މީހެއް. އަހަންނާ ހަމައަށް ޒެހެން ގެނެސްދިނީ ﷲ... އެކަލާނގެ މިހިތަށް ޔަގީންކަން ދެއްވި. ޒެހެން އެހެން މީހުންނާ ތަފާތު. އިންޝާﷲ، އަހަރެން މިކައިވެނި ކުރާނަން. ޒެހެންއަށް އިތުބާރުކުރާނަން. އާ ފެށުމަކުން އާ ދިރިއުޅުމަކާ ކުރިމަތިލާން އަހަރެން ތައްޔާރު."
ހޫރައިން ޚިޔާލުތަކުގެ އަސްލަކީ ހަމްދޫނެވެ. އޭނާ ހޫރައިންގެ ގާތުގައި ދެއްކި ވާހަކަތަކެވެ. ކައިވެންޏަކަށް ތައްޔާރުތޯއާއި އަނތްބެއްގެ މަސްއޫލިއްޔަތާ ބެހޭ ގޮތުން ހަމްދޫނު ސުވާލުކުރުމުން އެކަމާ ހޫރައިން ހިތްހަމަނުޖެހުނީއެވެ. ހަމްދޫނު ދެން އެދުނީ ހޫރައިންއަށް ދިމާވި ކަންތައް ކިޔާ ދިނުމަށެވެ. އޭނާ ބުނާ ގޮތުން ހޫރައިން އެކަންތައްތައް ހަނދާން އެބަހުއްޓެވެ. ބަޔާނުގައި ހޫރައިން ނޭނގެއޭ ބުނެފައި އޮތް އޮތުމާ ހަމްދޫނު ދެކޮޅު ހަދަނީއެވެ. ހޫރައިންގެ މައްޗަށް އަނިޔާވެރިވީ މީހުން ހޯދޭނީ ޚުދު ހޫރައިންނަށް ފާހަގަވީ ކަންކަން ކިޔާދީގެންކަން ހަމްދޫނު ޤަބޫލުކުރެއެވެ. އެ ވާހަކަތައް މީހަކާ ޚިއްޞާ ނުކުރާހާ ހިނދަކު އެކަމުން އަރައި ނުގަނެވެއޭ ހަމްދޫނު ބުނީ ހޫރައިން ދެރަކޮށްލާކަށް ނޫނެވެ. ނަމަވެސް އޭނާ ބުނާ ކޮންމެ އެއްޗެއް ހޫރައިންއަށް ދޭހަވަނީ ދިމާ އިދިކޮޅަށެވެ. ހަމްދޫނުގެ އެހީތެރިކަމެއް ބޭނުންނުވާކަން ހޫރައިން ފާޅުގައި ބުނީއެވެ.
* * * * *
ހޫރައިން ކައިވެނި ކުރާން އުޅޭއިރު ޒެހެންއަކީ ކާކުތޯ ހަމްދޫނު ބެލިއެވެ. ހޫރައިންމެން ގެއަށް މަންމަ ލާފައި އޭނާ ގެއަށް ނުގޮސް މަގުމަތީ މަޑުކޮށްގެން ހުރީ ޒެހެން ދުށުމަށެވެ. ހޫރައިން އިންނަން އުޅޭ މީހާގެ ސިފަ ދުށުމަށެވެ. ހަމްދޫނު ބެލި ބެލުމުން ކުށުގެ ރިކޯޑެއް ޒެހެންގެ ނެތެވެ. މަންމައާއި ބައްޕަ ތިބީ ވަރިވެފައިކަމާއި އެއީ ކޮންބައެއްކަން ވެސް އޭނާ ހޯދިއެވެ. އަދި ދެ ފަރާތުގެ ޢާއިލާގައި ތިބީ ކޮންބައެއްކަން ވެސް ހަމްދޫނު ބެލިއެވެ. ޒެހެންއާއި ހޫރައިން އެކަށީގެން ނުވެޔޭ ބުނާނޭ ފުރުސަތެއް ހަމްދޫނަކަށް ނެތެވެ. އޭނާގެ ހަޤީޤީ މަޤްޞަދަކީ ހޫރައިންއަށް އަނިޔާވެރިވީ މީހުން ހޯދުމެވެ. އެކަމުގައި ޝާމީލުވާ މީހުން ހޯދާ ހޫރައިންއަށް އިންސާފު ހޯދާދިނުމެވެ. މިއަދު އޭނާ އެހުރީ ހޫރައިންއަށް އެހީވެވޭނެފަދަ މަޤާމަކަށް އާދެވިފައެވެ. އެހެންނަމަވެސް އޭނާއަށް ހޫރައިންގެ އެއްބާރުލުމާއި ނުލާ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ހޫރައިންއާ ގާތްކަން އުފައްދަން ހަމްދޫނު ޚިޔާލު ކުރީ އެހެންވެއެވެ. ކައިރީގަ ހުރެގެން ހޫރައިން ރައްކާތެރިކޮށް އޭނާއަށް އެހީވާން ފަސޭހާވާނޭކަން އެނގޭތީއެވެ. ނަމަވެސް އެ ޚިޔާލު ބަދަލު ކުރަން ޖެހިއްޖެކަން ވިސްނުނީއެވެ. ކުއްލިއަކަށް ހޫރައިން ޒެހެން ޚިޔާރުކުރީމައެވެ. އެހެންނޫންނަމަ ޒެހެންއާ އޭނާ ވާދަކުރީހެވެ. އޭނާ ގަބޫލުކުރަނީ ޒެހެންއަށްވުރެ ބޮޑަށް ހޫރައިންއަށް ރައްކާތެރިކަން ދެވޭނެ މީހަކީ ޚުދު އޭނާއެވެ. ދެ ޢާއިލާގެ ދެމެދުގައި އޮތް ގުޅުން ވެސް ނުހަނު ރަނގަޅެވެ. ވީއިރު ހޫރައިން އިތުބާރު ވެސް ކުރަންވާނީ ހަމްދޫނަށެވެ. އެހެންނަމަވެސް ކަންތައްވަމުން މިއަންނަނީ ހަމްދޫނު ހިތަށް ވެސް ނާރާ ގޮތަކަށެވެ. ކުއްލިއަކަށް ޒެހެން އައިސް ހޫރައިންގެ ދިރިއުޅުމަށް ވަދެ އެ އަންހެންކުއްޖާގެ އިތުބާރު ހޯދި ގޮތެއް ހަމްދޫނަކަށް ނުވިސްނެއެވެ. އޭނާގެ ސިކުނޑިއަށް މިހުރިހާކަމެއް ނަގައިގަތުން ކުޅަދާނަކަމަށް ނުވާ ކަހަލައެވެ.
ކޮޓަރީގައި ޓަކި ޖަހާ އަޑަށް ހަމްދޫނު އެނދުން ތެދުވިއެވެ. ހަސީނާ ގޮވާލި އަޑު އިވުނެވެ. އޭނާ އައިސް ދޮރު ހުޅުވާލީ މަންމަކަން އެ ގޮވަނީ އެނގިހުރެއެވެ.
"ތައްޔާރު ނުވަންތަ؟. ބައްޕައާއެކު ދަރިފުޅު ވެސް އެގެއަށް ދާންވާނެ. ޒެހެންގެ ޢާއިލާ ތިބޭނެ. ސުމައްޔާއާއި ހޫރްގެ އަހަރެމެން ނޫނީ ނުތިބޭނެ އިތުރުބަޔަކު." ހަމްދޫނު ފެނުމާއެކު ހަސީނާ ވާހަކަދެއްކިއެވެ.
"މަންމައާއި ބައްޕަ ދާންވީނު." ހަމްދޫނު ބުނެލިއެވެ.
"އެގޮތް ކަމަކު ނުދާނެ. ކޮއްކޮ ހުރިނަމަ އެކުއްޖާ ހަމަ ޔަގީން ދާނެ. އެކަމަކު މިވަގުތު ހުރީ ހަމްދޫނު ދޯ. މަންމަމެންނާއެކު ހަމްދޫނު ދާންވާނެ. ސުމައްޔާ އުފާވާނެ އަހަރެމެން އެންމެން ދިޔައީމަ. ދޭ ތައްޔާރުވާން. ފެންވެސް ނުވަރާތަ ތިއޮތީ. އަދި ވަގުތު އެބައޮތް... ހަމްދޫނު." ހަސީނާގެ ވާހަކަތަކާ ދެކޮޅު ހެދުން ހަމްދޫނަށް ދަތިވީއެވެ.
ރަންކިއުމުގެ ހަފުލާއަށް ނުދާން ހަމްދޫނު ނިންމީ އޭނާ ފެނުމުން ހޫރައިން ހިތްހަމަނުޖެހޭނޭކަން އެނގޭތީއެވެ. ހޫރައިން ރުޅި އައިސްފަ ހުންނާކަށް އޭނާ ނޭދެއެވެ. ހުރިހާ ވާހަކައެއް މަންމަމެންނާ ޚިއްޞާކުރެވޭކަށް ވެސް އޭނާއަކަށް ނެތެވެ. ކިރިޔާ ކަމެއްވާއިރު މަންމަމެން ކައިރީ އެކަމެއްގެ ވާހަކަދެއްކުމަކީ ހަމްދޫނު އާދަވެފައި ހުރި ގޮތެއް ނޫނެވެ. އޭނާ ކޮޓަރި ދޮރު ލައްޕާލުމާއެކު އެނބުރިލީ ފާޚާނާއަށް ވަންނާށެވެ. މަންމައާއި ބައްޕައާއެކު ހޫރައިން ރަންކިޔާ ޙަފުލާއަށް ދާށެވެ.
ބެގީ ކުރަން ނުޖެހޭ ކަހަލަ އަތްދިގު ހުދު ގަމީހާއި ކަޅުފަޓުލޫނެއްގައި ޒެހެން ހުއްޓެވެ. އޭނާގެ އިސްތަށިގިނަ ވަރުގަދަ މުލައްދަނޑު ފެންނާނޭހެން ގަމީހުގެ ދެއަތްކުރި އޮތީ އޮޅާލާފައެވެ. އެނދުގެ އަރިމަތީ ނަހުޔާނު އިނެވެ.
"ޒެން ކިހިނެއް އޭނާދެކެ ލޯބިވީ." ޒެހެންގެ ހަރަކާތްތަކަށް ބަލަން އިނދެފައި ނަހުޔާނު އަހާލިއެވެ. އެއާއެކު ޒެހެން ލުއިގޮތަކަށް ހީނލީއެވެ.
"ވަގުތު ޖެހުނީ. އައި ފީލް ޑިފަރެންޓް. ހިތް ބުނީ ކައިވެނި ކުރަންވީއޭ. އަހަރެން އެދޭފަދަ ޕާޓްނަރަކަށް ހޫރް ވާނެއޭ. އައި ޖަސްޓް ޑޯންޓް ނޯ ހައު ޓު އެކްސްޕްލެއިން ދިސް. ރަނގަޅު ނިންމުމެއްކަން ޔަގީން. ދުވަހަކުވެސް މިހާ ޚާއްޞަނުވޭ އަންހެންކުއްޖެއް." ލޯގަނޑު ކުރިމަތީ ތައްޔާރުވާން ހުރެ ޒެހެން ވާހަކަދެއްކިއެވެ. އެ ވާހަކަތަކުން ނަހުޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ނުވިސްނެނީ އޭނާ ހުންނަ ގޮތެއް ވެސް ކޮއްކޮއަށް ނޭނގޭއިރު ތިހާ ލޯބިވާ ވާހަކަ ބުނާތީ. މެރީ ކުރާ ހިސާބަށް ދިޔައިމަ." ނަހުޔާނު ބުންޏެވެ.
"ފަހުވަގުތު އަހަރެން ފިނޑިވީ... މަންމަގެ އަތް މައްޗަށް ދޫކޮށްލީ އެހެންވެ. އަހަރެމެން ރޭގަ އެގެއަށް ދިޔައިން. ހޫރްގެ މޫނު މަންމަ ބެލީ. މަންމައަށް ކަމުގޮސްފިނަމަ އަހަންނަށް މާބޮޑަށް ވެސް ކަމުދާނެކަން އެނގޭ. މަންމަ ބުނީ ކުޑަކުޑަ އަލިއަލި މޫނުކޮޅެކޭ. މަޝާﷲ، ވަރަށް ލޯތްބޭ ބުނީ. އެހެންނޫނަސް ކޮންމެ ގޮތަކަށް ހުއްޓަސް އަހަރެންގެ ނަޒަރުގައި އަހަންނަށް ޓަކައި އެއީ އެންމެ ފުރިހަމަ އަންހެންކުއްޖާ." ޒެހެން ބޯއަރިކޮށް ބޭބެއަށް ބަލާލައި ހިނިތުންވެލިއެވެ. ހުދު ދަތްތައް ފެންނަ ވަރަށެވެ.
"ޔޫ އާ ކްރޭޒީ." ނަހުޔާނު ވެސް ހީނލީއެވެ.
އޭނާ ކޮޓަރިން ނުކުމެގެން އައިސް މަންމަގެ ކޮޓަރީގައި ޓަކި ދިނެވެ. ރަންކިޔުމުގެ ކަންކަން އޮތީ އެ މީހުންގެ އެޕާޓްމެންޓްގައެވެ. ހޫރައިންއާއި ސުމައްޔާގެ އިތުރުން ހަސީނާއާއި ޝާހީނާވީ މިއުނާގެ ކޮޓަރީގައިކަން ޒެހެންއަށް އެނގެއެވެ. (ނުނިމޭ)