ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިޔާސީ ބަޔާނަށް ކޯލިޝަން ލީޑަރުންގެ ތައުރީފް

Feb 3, 2022

ރައްޔިތުންގެ މަޖިިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހުރިހާ ލީޑަރުން ތައުރީފް ކުރައްވައިފި އެވެ.

ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވުމާ އެކު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނުގައި މިދިޔަ އަހަރު ރާއްޖެ އަށް ދިމާވި ކަންކަމުގެ ވާހަކަތައް ވަރަށް ތަފްސީލް ކޮށްދެއްވުމާއި އެކު މިއަހަރު ސަރުކާރުން ގެންގުޅޭނެ ސިޔާސަތު ވަރަށް ބޮޑަށް ސާފުކޮށްދެއްވި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސްގެ މަސައްކަތްޕުޅުގައި މަޖިލީހުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަށް ޔަގީންކޮށް އަރުވަން މި އިއްޒަތްތެރި މަޖިލީހުން މަނިކުފާނު ތިޔަ ކުރެއްވުމަށް ނިންމަވާފައިވާ ކަންކަން ކުރެއްވުމުގައި އަޅުގަނޑުމެންނަށްވީ އެންމެ ފުންމިނަކުން ބޮޑުމިނަކުން އިރާދަކުރެއްވިއްޔާ އެހީތެރިކަން ފޯރުކޮށްދޭނަން،" ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ ރައީސް، ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ބަޔާނަށް ތައުރީފް ކުރައްވަމުން އެމްއާރްއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ރިޔާސީ ބަޔާނަކީ ގައުމަށް އުއްމީދުތަކެއް ގެނެސްދިން ފުރިހަމަ ބަޔާނެއް ކަމަށެވެ. ގައުމަށް ހެޔޮ ގޮތް އެދިގެން ރައީސް ސޯލިހަށް ފުރިހަމަ އަށް ތާއީދުކޮށްގެން އެމަނިކުފާނުގެ ފަހަތްޕުޅުގައި ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އެމްއާރްއެމް އޮންނާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހާ އެކު ކޮމަންޑޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގައި ރައީސްކަން ކުރެއްވެވި ބޭފުޅުން އިއްވެވި ބަޔާންތަކުގެ ތެރެއިން މިއަދު ރައީސް ސޯލިހް އިއްވެވި ބަޔާނަކީ އެންމެ ފުރިހަމަ ބަޔާން ކަމުގައި ގާސިމް ވިދާޅުވި އެެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ރިޔާސީ ބަޔާނުން ކަށަވަރުވި ކަމަކީ ރައީސް ސާލިހަކީ ކިތަންމެ ދަތި ހާލަތެއްގައިވެސް ގައުމާއެކު ކުރިއަށް ވަޑައިގަންނަވާނެ ގާބިލްކަން ހުރި ލީޑަރެއް ކަމަށެވެ.

"އިގްތިސޯދީ ބޮޑު ތަދުކަމަކާ އެކުވެސް ވޭތުވެދިޔަ ތިން އަހަރުގެ ކާމިޔާބާއި ކުރިއަށް އޮތް ދެ އަހަރުގެ އަމާޒާ އެކު މިރާއްޖެ އާހަރުފަތަކަށް ގެންދެވޭނެ،" އިމްރާން ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިިހް މިއަދު އިއްވެވި 56 މިނެޓަށް ވުރެ ދިގު ރިޔާސީ ބަޔާނަށް ސޯޝަލް މީޑިއާގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައެއް އާންމުން ވެސް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވެ އެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ މިދިޔަ އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާއި ދިމާވި މައްސަލަތަކާއި އަދި މިއަހަރު ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތްތަކާ ގުޅޭގޮތުން ވަރަށް ގިނަ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއަރާނެ އެއްވެސް ކަމެއް ކުރަން ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.