މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލް މަޑި ދަށުން ނެނގި ލައްކައެއްހާ ރުފިޔާ ހޯދައިފި

Feb 3, 2022

މަގުމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުގައި ފޮރުވާފައި ހުރި ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެނގި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ފައިސާތައް ހޯދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ އަވަސް އަށް ވިދާޅުވީ މައްސަލައިގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.

އޮފިސަރު ވިދާޅުވީ ވަގަށް ނެގި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދީ ތުހުމަތު ކުރެވޭ މީހާއާ ގުޅުންހުރި ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.

މާލޭގެ ކަށިމާ ހިނގުމާއި ބުރުޒުމަގާ ގުޅުނު ކަންމަތީގައި ޕާކް ކޮށްފައިވާ ސައިކަލްގެ މަޑި ދަށުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު އެވެ.

ސައިކަލްގެ މަޑި ދަށުގައި ފައިސާއާއި އަގު ބޮޑު ތަކެތި ނުބެހެއްޓުމަށް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެެވެ.