ރިޔާސީ ބަޔާން

ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކުރާ މިންވަރު ހާމަނުކުރުމުން ކަންބޮޑުވުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެމުންދާ އިނާޔަތް ބޮޑުކޮށްދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރެއްވި ނަމަވެސް ބޮޑު ކުރާނެ އަދަދެއް ހާމަކޮށްފައިނުވާތީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ސޯލިހް އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ޖުމްލަ އަދަދާ ތަފްސީލް އެނގޭ ގައުމީ ދަފްތަރެއް ނެތް ކަމަށާ އެފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. އެދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާ ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ހިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަސީލަތަށް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާޓާގާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ އިނާޔަތް ބޮޑު ކުރުމަށް ނިންމަވާފައިވާކަން ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ރައީސް ވިދާޅެއް ނުވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންނަށް ދައުލަތުން މިހާރު ދެނީ 2،000 ރުފިޔާގެ މަހު އިނާޔަތެކެވެ.

ކަންބޮޑުވުން ފާޅުކުރި ކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ބައެއް މީހުން ބުނީ ރައީސް ވިދާޅުވި ދަފްތަރުގެ މަސައްކަތް މިއަދާ ހަމައަށް ނުނިމި އޮތީ ކަމާގުޅޭ އިދާރާގެ އިހުމާލުން ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ސައްހަ ދަފްތަރެއް އެކުވާލަން ޖެންޑާ މިނިސްޓްރީން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށްވެސް އެ މީހުން ބުނެ އެވެ.

"މިއީ ހަމައެކަނި މި ސަރުކާރުގެ މައްސަލައެއްވެސް ނޫން. ނިމިދިޔަ ސަރުކާރުންވެސް އެ ދަފްތަރު އެކުލަވާލަން މަސައްކަތެއް ނުކުރޭ. އެހެންވީމަ ދަފްތަރުގެ އުޒުރު ދައްކައިގެން އަޅުގަނޑުމެންގެ އެލަވަންސް ބޮޑުކުރުން ހުއްޓުވާފައި މި އޮތީ މި ހުރިހާ ދުވަހު،"

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެމުންދާ އިނާޔަތް ބޮޑުކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް އިއުލާނު ކުރައްވާފައި މިވަނީ ނުކުޅެދުންތެރިންކަން ހުންނަ މީހުންގެ ފަރާތުން އެކަމަށް އެދިފައިވަނިކޮށެވެ.

މިދިޔަ ޑިސެންބަރު 16 ވަނަ ދުވަހު ރައީސް ސޯލިހާއެކު ނުކުޅެދުންތެރިކަން ހުންނަ ކުދީން ބޭއްވެވި ބައްދަލްވުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދިރިއުޅުމުގެ ހަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަކަމާއި އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވުމުވެ. އަދި މީހުންނަށް ފޯރުކޮށްދޭން ޖެހޭ ފަރުވާ އާއި އިތުރު ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު މާލީ އެހީތެރިކަން އިތުރުވެގެން ދިޔުމަކީ އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކުދީން ވަނީ ބުނެފައެވެ.

އެ މީހުން ބުނީ އިނާޔަތް ބޮޑުކުރަން ނިންމާ އެކަން އިއުލާނު ކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ. ނަމަވެސް އެ އަދަދު ހާމަ ނުކުރުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި އެއީ ކަންބޮޑުވުމެއް ކަމަށްވެސް ބުންޏެވެ.

"ހަގީގަތުގައި އެކި ކުދީންގެ އެކި މީހުންގެ މި ހުންނަނީ އެކި ކަހަލަ ނުކުޅެދުންތެރިކަން. އެހެންވީމަ އެކި މީހުންނަށް ބޭނުންވާ އެހީތެރިކަމާއި ހަރަދުވާ ފައިސާގެ މިންވަރުވެސް ތަފާތު. އިއްޔެ ރައީސްގެ އިއުލާނު ކުރެއްވުމުގައި އަދަދު ހާމަ ނުކުރުމުން އަޅުގަނޑުމެންނަށް އިހުސާސް ވަނީ އެއީ އަދި ފައިނަލް ނުވެ އޮތް ހަމައެކަނި އިއުލާނު ކުރުމެއް ކަމަށް. ބޮޑުވާނެ ވަކި މިންވަރެއްް ވިދާޅުނުވީމަ ވަރަށް ބޮޑަށް ކަންބޮޑުވޭ. ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމަށް އިއުލާނު ކުރުމަށް ފަހު ބޮޑުވާނެ ސީދާ މިންވަރުވެސް ހާމަކުރެއްވި. ނަމަވެސް އަޅުގަނޑުމެންނަށް އެހެން ނުވި،"