ރިޔާސީ ބަޔާން

އެސްއެމްއީ ބޭންކުން 1100 މީހުންނަށް އެއް ބިލިއަން ރުފިޔާގެ ލޯނު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މިސަރުކާރުގައި އުފެއްދި އެސްއެމްއީ ބޭންކުން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ޒުވާނުންނާއި އަންހެނުންނާއި އުފެއްދުންތެރިކަމުގައި ކުރިއަށްދާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެބޭންކުން ދެމުންދާ ކަމަށެވެ. އަދި އެބޭންކުގެ ތަފާސް ހިސާބުތަކުން ފެންނަނީ އުންމީދީ މަންޒަރުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިގޮތުން ޖުމްލަ 1100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެބޭންކުން މިހާތަނަށް ދޫކޮށްފި،" ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އުފެއްދުންތައް ވިއްކާ އިޝްތިހާރު ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން އުފެއްދި އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތައް މިހާރު ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާކަން ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ޖަޕާންގެ ނަރީޓާ އަދި ކަންސާއި އެއާޕޯޓުން އޯތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގާ ދުނިޔޭގެ އެކި ގައުމުތަކުން އޯތެންޓިކް ދިވެހި އުފެއްދުންތައް ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މި ފިހާރަތަކަކީ މިފަދަ އުފެއްދުންތައް މާކެޓްކޮށް އެވިޔަފާރިއަށް ފަހިކަން ގެނެސްދިނުމުގެ ޕްލެޓްފޯމް. އޭގެ ޒަރީއާއިން 2،000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ދުނިޔޭގެ މާކެޓުގައި ޑިސްޕްލޭ ކުރެވޭނެ މަގު ފަހިވެއްޖެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

މިހާތަނަށް 182 ދިވެހި ސަޕްލަޔަރުން މި ވިޔަފާރީގައި ހަރަކާތްތެރިވާކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މީގެ 57 އިންސައްތައަކީ އަންހެނުން ކަމަށެވެ.