އަބްދުލްލަތީފް މުހައްމަދު

މާދަމާގެ ނިންމުން ވަނީ ރައްޔިތުންގެ އުންމީދާ ގުޅިފައި

މާދަމާ އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ދާއިރާގެ ރައްޔިތުންގެ ނިންމުން ވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައި ކަމަށާ ނިންމުން ނިންމާއިރު މާދިއްޔަތަށް ނުހެއްލުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ އިސް ހަރަކާތްތެރިޔާ އަބްދުލްލަތީފް މުހައްމަދު އިލްްތިމާސް ކުރައްވައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ. ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ، މަރޮށި، ފޯކައިދޫގައި ކެންޕެއިން ހަރަކާތްތައް ވަރަށް ފޯރިގައި ކުރިއަށް އެބަދެއެވެ.

ގޮޑި ހޯދަން ސަރުކާރުންވެސް ދަނީ ވަރުގަދަ ކެންޕެއިނެއް ހިނގަމުންނެވެ. ދާއިރާގެ ރަށްތަކަށް ހާއްސަކޮށް ސަރުކާރުން ވަނީ 300 މިލިއަން ރުފިޔާގެ މަޝްރޫއުތައް އިއުލާނުކޮށް ހިންގަން ފަށާފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ލަތީފް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ނިންމުން ވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައި ކަމަށެވެ. އެއީ އަޅުވެތިކަމާ ވަތަނާއި އިސްލާމް ދީނުގެ ހިމާޔަތާ ގުޅިފައިވާ ނިންމުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ލަތީފް ވަނީ މާއްދިއްޔަތަށް ނުހެއްލި ކޮރަޕްޝަނާ ފަސާދައަށް ނޫނެކޭ ބުނަމަށް ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދިނުމަށް އެދިވަޑައިގެންފައެވެ.

"ފަތުހީއަކީ ގައުމާއި އިސްލާމް ދީން ދެކެ ލޯބިވާ ބޭފުޅެއް. ކޮމަންޑޫ ދާއިރާއިން އުފަންވި އިލްމީ ގާބިލު ދަރިއެއް. ގައުމުގެ އަޑު އިއްވަން ފަތުހީ ހިޔާރުކުރައްވާ،" ލަތީފް ވިދާޅުވިއެވެ.