ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރައްޔިތުންގެ ވޯޓުން ހޮވައިދީފިނަމަ އެ ދާއިރާގެ އުފާފާގަތި ކަމާއި ތަނަވަސް ކަމަށް އަޑުއުފުލުގައި ދެމި ހުންނަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް ވިދާޅުވެއްޖެ އެވެ.
ހަންނާން މިހެން ވިދާޅުވީ އިންތިހާބުގެ ކުރީން ދެއްވި ފަހު މެސެޖްގައެވެ. އެ މެސެޖްގައި ހަންނާން ވިދާޅުވީ ކެމްޕެއިންގައި ހޭދަވި މުއްދަތުގައި ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ ރައްޔިތުންގެ ފަރާތުން ލިބުނު ތާއީދަށް ޝުކުރު އަދާކުރާ ކަމަށެވެ.
ހަންނާން ހޮވައިދޭން ޖެހޭ ސަބަބުތައްވެސް އޭނާ ވަނީ ވިދާޅުވެ ދެއްވާފައެވެ. ހަންނާން ވިދާޅުވީ އޭނާއަކީ ދާއިރާގެ ހުރިހާ ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރާނެ މީހަކަށް ވާނެ ކަމަށެވެ. އަދި ތިން ރަށުގެ ޒުވާނުންގެ އަޑު އަހާ ޒުވާނުންގެ ކަންބޮޑުވުންތައް މަޖިލީހުގައި އިއްވާނެ މީހަކަށް ވާނެ ކަމަށެވެ.
މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ރަށްތަކާއި ކައިރިއަށް ޓޫރިޒަމް ގެނެސް ޓޫރިޒަމަށް ގިނަ ރަށްތަކެއް ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަޖިލީހުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ ދާއިރާގެ ރަށްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެއާޕޯޓެއް އެޅުމަށް ވަކާލާތުކޮށް އެކަމުގައި ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވައިދޭނެ ކަަމަށެވެ.
ހަންނާން އަކީ ވަރަށް ދިގު މުއްދަތަކަށް ތައުލީމީ ދާއިރާއަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެ ދާއިރާއިން ތިން ރަށުގައި ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ގަސްތު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެ ގޮތުން ރަށުގައި ތިބެން ފެންވަރު ރަނގަޅު ތައުލީމީ ފުރުސަތުތައް ފަހިވާނެ މަގު ތަނަވަސް ކޮށް ދިނުމަށް މަސައްކަތް ކޮށް ސަރުކާރު ޖަވާބުދާރީ ކުުރުވުމުގައި އިސްވެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަބަދުވެސް އަޅުގަނޑު އެދެނީ ދާއިރާގެ ރައްޔިތުންނަކީ ވަރަށް އުފާފާގަތި ކަމުގައި އަދި ތަނަވަސް ކަމުގައި އުޅޭ ރައްޔިތަކަށްވުން. އެކަމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އަޅުގަނޑު ދެމި ހުންނާނަން،" ހަންނާންގެ މެސެޖްގައި ވިދާޅުވިއެވެ.