ލައިފްސްޓައިލް

މިސް ވޯލްޑްގެ ތާޖު ސުޕެއިންގެ ރީތީގެ ރާނީއަށް

މި އަހަރުގެ މިސް ވޯލްޑްގެ ތާޖު ސްޕެއިންގެ ރީތީގެ ރާނީ ހޯދައިފިއެވެ.

އުމުރުން 23 އަހަރުގެ މިރެއިރާ ލަލަގޫނާ ރޯޒޯ އަށް މިސް ވޯލްޑްގެ ތާޖު ލިބިފައިވާއިރު މިރެއިރާއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ރަޝިއާގެ ރީތީގެ ރާނީއެވެ. އޭނާއަށް ދެވަނަ ލިބުނުއިރު ތިންވަނަ ހޯދާފައިވަނީ އިންޑޮނޭޝިއާގެ ރީތީގެ ރާނީއެވެ.

ސްޕެއިންގެ ބާސެލޯނާ އަށް ނިސްބަތްވާ މިރެއިރާއަކީ ސްޕެއިންގެ ސްޕަމޮޑެލެކެވެ. އަދި އެގައުމުގެ ރީތީގެ މުބާރާތް ކާމިޔާބުކޮށްފައިވާ ފަރާތެކެވެ. މި އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީ ހޮވުމުގެ މުބާރާތުގެ "ޓޮޕް މޮޑެލް"ގެ މަަގާމުވެސް ހޯދީ މިރެއިރާއެވެ.

ރީތީގެ ރާނީގެ މަގާމު ހާސިލުކޮށް، މިރެއިރާ ބުނެފައިވަނީ އޭނާ ސިފަ ރީތިވުމުގެ މާނައަކީ އޭނާގެ އަހްލާގު ގޯސްވުން ނޫން ކަމަށެެވެ. އަދި އޭނާ ބުނީ ބޭރު ފުށުން ރީތިވުމުގެ މާނަ އަކީ ނުފެންނަ ފަރާތް ރީތި ނުވުމެއް ނޫން، ކަމަށެވެ.

ނިއުޓްރިޝަންގެ ދާއިރާއިން އިތުރަށް ކިޔަވައި އެ ދާއިރާއިން ކުރިއަށްދާން ނިންމާފައިވާ މިރެއިރާ ވަނީ ފާމަކޮލޮޖީ އިން ޑިގްރީއެއް ހާސިލްކޮށްފަ އެވެ.

މުބާރާތުގެ ތިންވަނަ ހާސިލުކުރި އިންޑޮނޭޝިއާގެ ރީތީގެ ރާނީ މާރިއާ ހަރްފަންތީ އަށް ވަނީ "ބިއުޓީ ވިތު އަ ޕާޕަސް" ގެ މަގާމު ލިބިފަ އެވެ. އެއީ އިންޑޮނީޝިއާގެ ފަގީރު އަވަށްތަކަށް ފެން ލިބޭނެ ވަސީލަތްތައް ގާއިމުކޮށްދިނުމަށް އޭނާ ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްދިން މަގާމެކެވެ.

މި އަހަރުގެ މުބާރާތުގައި އެންމެ ތަފާތު ކަމެއްގެ ގޮތުގައި މީޑިއާއިން ފާހަގަކޮށްފައިވާ ކަމަކީ، ޗައިނާގެ އިންސާނީ ހައްގުތަށް ލިބޭ މިންވަރާ ގުޅޭ ގޮތުން ފާޑުކިޔުމުން، ކެނެޑާގެ ރީތީގެ ރާނީ މުބާރާތުން ވަކިކުރި މައްސަލައެެވެ. މި މުބާރާތަކީ ޗައިނާގައި ކުރިއަށްދާ މުބާރާތެކެވެ.