ލައިފްސްޓައިލް

އުފަން ދަރި ނޫންކަން އެނގުނީ ގެންގުޅޭތާ 30 އަހަރު ފަހުން

ތިރީސް އަހަރު ވަންދެން އަމިއްލަ ދަރިއެއް ކަމަށް ހިތާ ގެންގުޅެވުނީ އަމިއްލަ ދަރިއެއް ނޫންކަން ބައްޕައަކަށް އެނގޭ ވަގުތު އޭނާއަށް ކުރެވޭނެ އިހްސާސް ބަޔާން ކުރަން ވެސް ދަތިވާނެ އެވެ. އެމެރިކާގެ ކްލީވްލޭންޑްގައި ދިރިއުޅޭ ޖީން އާއި ޖޯން 'މައިކް' ހާވޭ އަށް ވެސް ކުރެވުނީ މި ކަހަލަ ތަޖުރިބާ އެކެވެ.

އެމީހުން ދަރިއަކު ނުލިބިގެން ފަރުވާ ކުރަން 1991 ގައި ދިޔައީ އާކްރޮން ސިޓީ ހޮސްޕިޓަލްގެ ފާޓިލިޓީ ކްލިނިކަށެވެ. އެތަނުން އެމީހުން ހެދީ އައިޔޫއައި ކިޔައި ޕްރޮސީޖާ އެކެވެ. މި ޕްރޮސީޖާގައި ދަރިފަނި ސީދާ އަންހެން މީހާގެ ރަހިމަށް ލައިދެ އެވެ. މި ފަރުވާއިން އޭނާ ބަލިވެ އިނދެ 1992 ގައި އަންހެން ކުއްޖެއް ވިހެ އެވެ. އެ ދަރިފުޅަށް އެމީހުން ކީ ޖެސިކާ އެވެ.

ނަމަވެސް 30 އަހަރު ފަހުން އެމީހުންނަށް އެނގުނު ގޮތުގައި މައިކް އަކީ ޖެސިކާގެ ބައްޕައެއް ނޫނެވެ. އެމީހުން ބުނި ގޮތުގައި ޖެސިކާގެ ރަހިމަށް އެކްލިނިކުން ލާފައިވަނީ އެހެން މީހެއްގެ ދަރިފަންޏެކެވެ. އެހެންވެ އެ ތަނާ ދެކޮޅަށް ދައުވާކުރަން މިހާރު މި ދެމަފރިން ވަނީ މަސައްކަތް ފަށާފަ އެވެ.

ފެބްރުއަރީ 2 ވީ ބުދަ ދުވަހު މި ދެމަފިރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޖިން ބުނީ އެމީހުން ބޭނުންވީ އެ ދެ މީހުންގެ ބައޮލޮޖިކަލް ދަރިއެކެވެ. ފުރަތަމަ ދުވަހުއްސުރެ އެމީހުން ބޭނުންވާ ގޮތް އެ ކްލިނިކަށް ސާފުކޮށްދީފައި ވާނެކަމަށް ޖީން ބުންޏެވެ.

"އަހަރެމެން ބޭނުންވީ އަހަރެމެން ދެ މީހުންނާ ޖެނެޓިކަލީ ގުޅިފައިވާ ދަރިއެއް،" ޖީން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ އާއިލާގައި އަންހެން ދަރިން ވަރަށް މަދެވެ. އެހެންވެ ދަރިފުޅު އުފަންވީ ވަގުތު އުފަލުން ހަޅޭއްލަވައި ގަނެވި އެތާ ތިބި ޑޮކްޓަރުން ވެސް ބިރުން މަރުވާ ވަރު އޭނާ ކުރި އެވެ.

ޖެސިކާ އާއި އޭނާގެ ފިރިމީހާގެ ޑީއެންއޭ ޓެސްޓް ހަދާފައިވަނީ 2020ގެ ޑިސެމްބަރުގަ އެވެ. އަދި ކޮންމެވެސް ކަމެއް ގޯސްކަން އެނގުނީ ޑީއެންއޭގެ ނަތީޖާ އިންނެވެ. އެ ދުވަސްވަރު ޖެސިކާ އުޅުނި ފިރިމީހާ އާއެކު ޗުއްޓީއަކަށް ޔޫރަޕަށް ދާށެވެ. އެހެންވެ އޭނާގެ ދުރުތާ ތިމާގެ މީހުންނާ ބައްދަލުކުރުމަށްޓަކައި އެމީހުން ހޯދަން ފަސޭހައަކަށް ޑީއެންއޭ ޓެސްޓް ހަދަން ޖެސިކާ އާއި އޭނާގެ މައިންބަފައިން ގަސްތުކުރީ އެވެ.

ޖެސިކާ ގެންގުޅެ ބޮޑުކުރި ބައްޕައަކީ އިޓަލީ ދަރިކޮޅު މީހެކެވެ. ނަމަވެސް ޑީއެންއޭ ޓެސްޓްގެ ނަތީޖާ ދެއްކި ގޮތުގައި ޖެސިކާ އާއި އޭނާގެ މަންމައާ ޖެނެޓިކަލީ ގުޅެ އެވެ. ނަމަވެސް ބައްޕަ އާ އެއްވެސް ގުޅުމެއް ނެތެވެ.

ފަހުން މި މައްސަލަ ތަހުގީގުކުރުމުން އެނގުނީ ޖީން އާއި މައިކް ފާޓިލިޓީ ފަރުވާ ހޯދި ދުވަސްވަރު ހަމަ އެ ކްލިނިކްގައި އެހެން ދެމަފިރިއަކުވެސް އެ ފަރުވާ ހޯދި އެވެ. ޖެސިކާގެ ބައޮލޮޖިކަލް ބައްޕައަކީ އެ ދެމަފިރިންގެ ތެރެއިން ފިރިހެންމީހާ އެވެ. ނަމަވެސް ދެ ސާމްޕަލް އޮޅުނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.