މޮރޮކޯގައި ފަސްއަހަރުގެ ކުއްޖަކު 98 ފޫޓް ވަޅެއްގައި ތާށިވުމާ ގުޅިގެން މުޅި ގައުމު ހުއްޓިއްޖެ އެވެ.
ދައުލަތުގެ ނޫސްތަކުން ބުނާ ގޮތުން ރަޔާން ނަމަކަށް ކިޔާ އެ ކުއްޖާ ވަޅުގައި ތާށިވީ އަންގަރާ ދުވަހުގެ މެންދުރު ފަހު އެވެ. އެހެން ނަމަވެސް އެކުއްޖާ އަދި ވެސް ހަރަކާތްކޮށް ހެލިފެލިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.
ރަޔާންގެ ހާލު ބެލުމަށް ސްމާޓްފޯނެއްގައި ވާގަނޑެއް ޖަހައި ވަޅުތެރެއަށް ބާލަން ޖެހުނު ކަމަށް އޮފިޝަލުން ބުނެ އެވެ. އެގޮތުން ރިކޯޑްކުރި ވީޑިކޯ ކްލިޕް އިންޓަނެޓްގައި މިހާރު އެބަ ފެތުރެވެ އެވެ.
ރަޔާން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ އޮފިޝަލުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަހަކީ ވަޅުގެ އަނގަމަތި ހަނިވުމެވެ.
އޮފިޝަލުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ މީހަކަށް ފެބޭ ވަރުގެ ހަރެއް ކަތިހުރަހަށް (ސްލޯޕަކަށް ވާ ގޮތަށް) ބިމުގައި ކޮނުމަށެވެ. އެއީ އެހާ ފުންކޮށް ވަޅުގަނޑެއް ސީދަލަށް ކޮންނަން ހަދައިގެން ފަސްގަނޑު ކަނޑައިގެން ގޮސް ކުއްޖާއަށް ނުރައްކާ ވެދާނެތީ އެވެ.
އަނެއްކޮޅުން ކަތިހުރަހަށް ކޮންނަ ހަރުގެ އެތެރެއިން ފަސްގަނޑު ކަނޑައިގެން ގޮސް، ކުއްޖާ ސަލާމަތް ކުރަން ފައިބާ މީހާ ޗިސް ވެދާނެ ކަމަށްޓަކައި ފަސްގަނޑު ހަރުކުރަން އާލާތްތައް ބޭނުން ކުރަން ޖެހޭ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.
ރަޔާން، ވަޅުގައި އޮންނަތާ ތިން ދުވަހަށް ވުރެ ގިނަވެފައި ވާއިރު އޭނާގެ ހާލަތާ މެދު އޮފިޝަލުން ވަނީ ކަންބޮޑުވެ ހުން އައިސްފަ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުން ރަޔާންއާ ހަމައަށް ދިއުމަށް ވަނީ ވަރަށް ގާތްވެފަ އެވެ. އެހެން ނަމަވެސް ރަޔާނަށް އިތުރު އަނިޔާއެއް ނުވާ ގޮތަށް އަދި ސަލާމަތްކުރަން މަސައްކަތްކުރާ އޮފިޝަލަކަށް ގެއްލު ނުވާ ގޮތަށް މަސައްކަތް ކުރަން ޖެހޭތީ ލަސްވަނީ އެވެ.