އިލެކްޝަންސް ކޮމިޝަން

3000 މެމްބަރުން ހަމަނުވި 8 ޕާޓީއެއް އުވާލައިފި

ޕާޓީގެ މެންބަޝިޕް ދަފުތަރުގައި 3،000 މެންބަރުން ހަމަނުވާ 8 ސިޔާސީ ޕާޓީއެއް އިލެކްޝަން ކޮމިޝަނުން އުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް "އަވަސް" އަށް މިއަދު ވިދާޅުވީ މެންބަރުން ހަމަނުވާ 8 ސިޔާސީ ޕާޓީ އުވާލާފައިވަނީ މިއަދު ކަމަށާއި، ޕާޓީތައް އުވާލާފައިވާކަން އެ ޕާޓީތަކަށް އެންގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތިންހާސް މެމްބަރުން ހަމަނުވެގެން އުވާލާފައިވާ ޕާޓީ ތަކަކީ އައިޑީޕީ އާއި އެމްއެސްޑީޕީ އާއި ޕީޕަލްސް ޕާޓީ އާއި މޯލްޑިވްސް ނެޝެނަލް ކޮންގްރެސް އާއި ޕީޕަލްސް އެލަޔަންސާއި މޯލްޑިވިއަން ލޭބަ ޕާޓީ އަދި ދިވެހި ގައުމީ ޕާޓީއެވެ. މި ޕާޓީތައް އުވާލުމަށް އިލެކްޝަން ކޮމިޝަނުން ނިންމީ، 3000 މެންބަރުން ހާމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދިން މުއްދަތު ހަމަވީއިރުވެސް މެންބަރުން ހަމަވެފައިނުވާތީ އެވެ.

ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނަށް މަޖިލީހުން މިދިޔަ އޯގަސްޓް މަހު ގެނައި އިސްލާހަށް އަމަލު ކުރަން ފަށާއިރު އެންމެ މަދުވެގެން 3،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް މެމްބަރުން ހަމަކުރުމަށް ގާނޫނުގައިވާ ގޮތަށް ތިންމަސް ދުވަހުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނުން ދީފައިވެއެވެ.

މިގާނޫނުގައިވާ ގޮތުން މިތިންމަސް ދުވަހުގެ ތެރޭގައި މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށާއި މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ނިޔަލަށް 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާ ދޫނުކުރުމަށް ވަނީ ހަމަޖައްސާފައެވެ.