ކޮމަންޑޫ ދާއިރާ

ފައިސާ ބަހާ ކަމުގެ ތުހުމަތު، މައްސަލަ އީސީއަށް

މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ތުހުމަތު އެ ފަދަ ދެ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފި އެވެ. މައްސަލަ ހުށައަޅާފައިވާ އިދިކޮޅު ޕީޕީއެމުންނެވެ.

އެ ޕާޓީން ބުނެފައިވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީން ފައިސާ ބަހަމުންދާ ކަމަށެވެ. އެކަން ކުރަމުންދަނީ އެ ސަރަހައްދުގައި ހިންގަމުންދާ ރެސްޓޯރަންޓެއްގައި ކަމަށްވެސް ބުންޏެވެ.

އާންމުކޮށް ހިދުމަތް ދެމުންދާ އެ ރެސްޓޯރަންޓް މިއަދު ހުރީ ރިޒާވްކޮށްފައެވެ. އަދި ބޭރުގައި "ރިޒާވް" މިހެން ލިޔެފައިވާ ލިޔުން ކޮޅަކާއެކު "ހަމައެކަނި އެމްޑީޕީ" މިހެންވެސް ލިޔެފައިވެއެވެ.

މީގެ އިތުރުން އިސްކަންދަރު ކުރިމަތީން ހުރި އިމާރާތެެއްގައި އެމްޑީޕީން މިއަދަށް ހާއްސަކޮށްގެން ޖަގަހަ އެއް ހަދާފައިވާތީ އެކަންވެސް އިލެކްޝަންސް ކޮމިޝަންގެ ސަމާލު ކަމަށް ވަނީ ގެނެސްފައެވެ.

ނަމަވެސް އޭގެ ފަހުން އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޕީޕީއެމުންވެސް މިހާރު ވަނީ ޖަގަހައެއް ހަދާފައެވެ. އެ ޕާޓީން ބުނީ އެ ތަނުން ވޯޓްލުމާ ގުޅޭ ކަންކަން އިންތިޒާމު ކުރެވިގެންދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުވެސް ވަނީ އިންތިހާބާ ގުޅުން ހުރި ދެ ޝަކުވާއެއް ހުށައަޅާފައިވާކަން ޔަގީން ކޮށްދީފައެވެ.